އަހުމަދު ހަލީލްގެ ފުރަތަމަ އަމިއްލަ މައުރަޒު 'ބްރީތިން ރީފް: ގާޑިއަންސް އޮފް ދަ އައިލަންޑްސް' އިން ގެނެސްދެނީ ރާއްޖޭގެ ފަރުތައް

މިދިޔަ ބުރާސްފަތި ދުވަހު އާޓް ގެލެރީ މާލެގައި ހުޅުވި ކުރެހުމުގެ މައުރަޒު 'ބްރީތިން ރީފް: ގާޑިއަންސް އޮފް ދަ އައިލަންޑްސް' އަކީ ރާއްޖޭގެ ހާރިޖީ ދާއިރާގެ ހިދުމަތްތެރިޔާ އަހުމަދު ހަލީލްގެ ފުރަތަމަ އަމިއްލަ މައުރަޒެވެ. މިކްސްޑް މީޑިއާ ބޭނުންކޮށްގެން އުފައްދާފައިވާ އެކި ސައިޒުގެ، 'އެބްސްޓްރެކްޓް' ސްޓައިލްގެ 69 ވަރަކަށް ކުރެހުން މައުރަޒުގައި ހިމެނެ އެވެ.
ހަލީލް ވިދާޅުވިގޮތުގައި މި ކުރެހުންތަކަކީ ގާތްގަނޑަކަށް ހަތަރު އަހަރުގެ މަސައްކަތެވެ. ކުރެހުމަށް އަބަދުވެސް ބޮޑު ޝައުގުވެރިކަމެއް ހުންނަ ކަމަށް ހަލީލް ވިދާޅުވި އެވެ. އޭނާ ސުކޫލު އިރުއްސުރެން ކުރައްސަވަ އެވެ. އަދި އޭގެ ފަހުން ވެސް ކުރެހުން ހުއްޓައެއްނުލައްވަ އެވެ. ފޮރިން މިނިސްޓްރީގައި މަސައްކަތް ކުރައްވަމުން ވެސް ހަލީލް 'ހޮބީ'އެއްގެ ގޮތުގައި ކުރަހާ އުޅުއްވި އެވެ. އަދި އެ މިނިސްޓްރީގައި 40 އަހަރަށްވުރެ ދިގު މުއްދަތެއް ވަންދެން ހިދުމަތް ކުރައްވައި 2023ގައި ރިޓަޔާ ކުރެއްވުމަށް ފަހު، އިތުރު ކުރެހުންތައް ތައްޔާރު ކުރައްވަން ފެއްޓެވި އެވެ.
އިންސްޓަގްރާމްގައި ހަލީލްގެ އާޓް ޕޭޖް 'އުތުރޭ އާޓް'ގައި ކުރެހުންތައް ހިއްސާކުރައްވަ އެވެ. 
ހަލީލް ވަޒީފާގެ މަސައްކަތް ނިންމާލުމަށް ފަހު ހިމޭން ވަގުތުކޮޅެއް ހޭދަ ކުރަން 'ހޮބީ'އެއްގެ ގޮތުގައި ފެއްޓެވި ކަންތައް، މާނަވީ ހިޔާލުފާޅުކުރުމަކަށް ބަދަލުވެގެން ދިޔަ އެވެ. ދެން އާއިލާގެ މެމްބަރުންނާއި ރަހުމަތްތެރިން ވަނީ މައުރަޒެއް ބާއްވަން ހިތްވަރުދީފަ އެވެ. އަދި ހަލީލް ވިދާޅުވިގޮތުގައި އާޓް ގެލެރީ މާލެ އިން މައުރަޒެއް ބާއްވަން ފުރުސަތުދިނުމުން ވަރަށް އުފާވި އެވެ.
ހަލީލް ވިދާޅުވިގޮތުގައި މި މައުރަޒުގައިވާ ކުރެހުންތަކުން ދައްކުވައިދެނީ ފަރުތަކުގެ ސަބަބުން ރާއްޖޭގެ ނާޒުކު ރަށްތަކަށް ދިރުން ގެނެސްދޭކަމެވެ. އެއީ ގޮނޑުދޮށްތައް ހިމާޔަތްކޮށް، ކަނޑުގެ ދިރުންތަކަށް އެހީތެރިވުމާއި މަސްވެރިކަން ދެމެހެއްޓުމަށް އެހީތެރިވާކަމާއި ފަތުރުވެރިކަން ކުރިއެރުވުމަށް ވެސް މުރަކަ ފަރުތައް ވަރަށް މުހިއްމު ރޯލެއް ކުޅޭކަމެވެ. އަދި ކުރެހުންތަކުގައި ބޭނުންކޮށްފައިވާ އެކި ކުލަތަކާއި 'ޓެކްސްޗާ' އަދި އެކި ލޭޔަރަށް ގެނެސްފައިވާ ކުރެހުންތަކުން ދައްކުވައިދެނީ މުރަކަ ފަރުތަކަކަކީ ދިރޭ ނިޒާމެއްގެ ގޮތުގަ އެވެ.
މައުރަޒުގައިވާ ކޮންމެ ކުރެހުމަކަށް ހަލީލް ވަނީ ހާއްސަ ނަމެއް ވެސް ދެއްވާފަ އެވެ. އެގޮތުން 24 އިންޗިގެ ވަށް ބުރެއްގައި ކުރަހާފައިވާ ކުރެހުމަކަށް ކިޔަނީ 'ދަ ރީފް ރިމެމްބާސް' އެވެ. ދެން 'ބްލީޗްޑް ކަރަންޓް' އަކީ ހަލީލްގެ 'ކޮރަލް އިން ޑިސްޓްރެސް' ސީރީޒްގެ ތެރޭގައި ހިމެނޭ ކުދި ހަތަރެސްކަން ކެންވަސްތަކެއްގައިވާ ކުރެހުމެކެވެ. 
މައުރަޒުގެ ޝިއާރާއި ކުރެހުންތަކާ މެދު ވިސްނާލަމުން، އާޓް ގެލެރީ މާލެގެ ބިއްލޫރި ކުޑަދޮރުތަކުން ބޭރަށް، ބޮޑުތަކުރުފާނުމަގުގައި ކުރިއަށްދާ 'ކޮންސްޓަރަކްޝަން' މަސައްކަތުގެ މަންޒަރަށް ވިސްނާލަން އަޅުގަނޑަށް މަޖުބޫރުވި އެވެ. ފެންނަނީ އިންސާނުން 'ތަރައްގީ'ގެ ނަމުގައި، އަޅުގަނޑުމެންނަށް ލިބިފައިވާ އެންމެ ބޮޑު ނިއުމަތް ފުނޑުފުނޑު ކޮށްލާ ތަނެވެ. ފަރުތަކުގެ މުހިއްމު ވާހަކަ ދައްކަމުން އަންނަ ކުރެހުމުގެ މައުރަޒެއް ބާއްވާފައި މި އޮތީ ތަރައްގީއަށްޓަކައި ފަރުތައް ހަލާކުކޮށް ބަދަލުކުރަމުން އަންނަ މަންޒަރެއްގެ ކުރިމަތީގަ އެވެ.
މިއީ ހަމަ ގައިމު ވެސް ކޮންމެ މީހަކަށް ވެސް ވަށައިގެންވާ ގުދުރަތީ މާހައުލާ މެދު ވިސްނާލަން ގޮވާލާ މަސައްކަތްތަކެއް ފެންނަ މައުރަޒެކެވެ. އަދި ވިސްނަން ތިބުމުގެ އިތުރުން އަމަލީ ފިޔަވަޅުތަކެއް އަޅަން މިހާރު މުހިއްމުކަން ހާމަވެ އެވެ.
ހަލީލް އަންނަ އަހަރު ވެސް މައުރަޒެއް ބާއްވަން އުއްމީދު ކުރައްވަ އެވެ.
'ބްރީތިން ރީފް: ގާޑިއަންސް އޮފް ދަ އައިލަންޑްސް' މައުރަޒު އާޓް ގެލެރީ މާލެގައި ކުރިއަށްދާނީ އަންނަ މަހު 7ގެ ނިޔަލަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ