ބޭންކު އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދޫކޮށްފައިވާ 500އެއްހާ ކާޑު ބޭނުންކޮށްގެން ދެތިން ދުވަސް ތެރޭ ދުބާއީގެ ފިހާރައަކުން ވިޔަފާރިކޮށްފައިވާ ކަމަށާއި މިއީ އެހެން މީހުންގެ ކާޑު ބޭނުންކޮށްގެން ބޭންކުން ދީފައި އޮންނަ ޑޮލަރު ލިމިޓުގެ ބޭނުން ނަހަމަ ގޮތުގައި ހިފުން ކަމަށް އެ ބޭންކުގެ ސީއީއޯ މުހައްމަދު ޝަރީފް އިއްޔެ ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - އިއްޔެ އެ ބޭންކުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝަރީފް ވިދާޅުވީ ޑޮލަރު ލިމިޓުގެ ބޭނުން ނަހަމަ ގޮތުގައި ހިފާކަން ފާހަގަވާ ނަމަ ފިޔަވަޅު އަޅަމުން އަންނަ ކަމަށެވެ.
ތަފްސީލް - ޝަރީފް ވިދާޅުވީ މިހާރު ބޭންކުން ދޫކުރާ ކާޑުތަކުގެ ޑޮލަރު ލިމިޓު ހުންނާނީ ރަނގަޅު މިންވަރެއްގައި ކަމަށެވެ.
"މިހާރު ވަރަށް ރަނގަޅަށް މި ހުންނަނީ ކާޑުގަ 1،000 ޑޮލަރުގެ ލިމިޓް. 3،000 ޑޮލަރު ހޮޓަލަށް ވެސް ޕޭ ކުރެވޭ. އެހެންވީމަ އެހެން މީހުންގެ ޕްލާސްޓިކް [ކާޑު] ހިފައިގެން ގޮސްފައި، އެ ބޭނުން ކުރާ ތަން އެބައާދޭ،" ޝަރީފް ވިދާޅުވި އެވެ.
މިގޮތަށް ޑޮލަރު ލިމިޓުގެ ބޭނުން ނާޖައިޒު ގޮތުގައި ހިފުމަކީ އޭގެ ނޭދެވޭ އަސަރު ކުރާނެ ކަމެއް ކަމަށާއި އެފަދަ ކަމެއް ފާހަގަވެއްޖެ ނަމަ ފިޔަވަޅު އަޅާ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިއިން ގެއްލުން ލިބެނީ މުޅި ސިސްޓަމަށް. ޑޮލަރު އެންމެންނަށް ހަމަހަމަކޮށް ލިބޭ ގޮތްތަކެއް މި ގާއިމް ކުރަނީ،" ޝަރީފް ވިދާޅުވި އެވެ.
"ގަބޫލުފުޅު ކުރެވިދާނެތޯ ދުބާއީގެ ފިހާރައަކަށް ދެތިން ދުވަހެއްެގެ ތެރޭގައި ގާތްގަނޑަކަށް 500 ވަރަކަށް ދިވެހިން ގޮސްދާނެ ކަމަށް ވިޔަފާރި ކުރަން. ނުވާނެ ދެއްތޯ، އެހެން ނޫންތޯ؟ އެއީ ވާނެ ކަމެއް ނޫން ދެއްތޯ."
ބޭންކެއްގެ ހައިސިއްޔަތުން މިފަދަ ކަންތައް ހުއްޓުވުމަކީ ބީއެމްއެލްގެ ޒިންމާއެއް ކަމަށް ޝަރީފް ވިދާޅުވި އެވެ.
"ގަވައިދާ ހިލާފުވެގެން ދެން ކޮންމެވެސް ބަޔެއްގެ ކާޑު ބްލޮކް ކުރީމާ ހިތްހަމަނުޖެހޭ ބަޔަކު ތިބޭނެ. ބޭންކަކުން ބަލަންޖެހޭ ޒިންމާތަކެއް ވީމަ އެކަހަލަ ކަންތަކުގައި [ފިޔަވަޅު އަޅާނެ]،" އޭނާ ވިދާޅުވި އެވެ.
ބޭންކުން އަބަދު ވެސް ބަލަނީ އާންމުންގެ މުހިއްމު ބޭނުންތަކަށް ޑޮލަރު ފައިސާ ފޯރުކޮށްދޭން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ގުޅުން ހުރި - ބީއެމްއެލް އިން ދޫކޮށްފައިވާ ޑެބިޓް ކާޑު ބޭރަށް ގެންގޮސްގެން ނަހަމަ ގޮތުގައި ބޭނުންކޮށް، އެކަކު 100އަށް ވުރެ ކާޑު ބޭރަށް ގެންގޮސްގެން މުއާމަލާތްތައް ހިންގި މައްސަލައެއް މިދިޔަ އަހަރުގެ ޑސެމްބަރު މަހު ބޭންކަށް ފާހަގަވެގެބް ފިޔަވަޅު އެޅި އެވެ.
ދެތިން ދުވަސް ތެރޭ ދުބާއީ ފިހާރައަކުން ބީއެމްއެލްގެ 500 ކާޑު ބޭނުންކޮށްގެން ވިޔަފާރި ކުރި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ