އެސްޕަޔާ/ ރިނޯން ފްލެއާ ޗެމްޕިއަންޝިޕް: އެސްޕަޔާ، ދުވާފަރު، އެޑްވެންޗާސް، މަގޫދޫ އަދި ބީޖީ އަށް ވެސް ކާމިޔާބު އެސްޕަޔާ/ ރިނޯން ފްލެއާ ޗެމްޕިއަންޝިޕް: އެސްޕަޔާ، ދުވާފަރު، އެޑްވެންޗާސް، މަގޫދޫ އަދި ބީޖީ އަށް ވެސް ކާމިޔާބު

ސްރީ ލަންކާގައި ފާއިތުވި ދެ ދުވަހު ކުރިއަށްދިޔަ، އެސްޕަޔާ / ރިނޯން ފްލެއާ ޗެމްޕިއަންޝިޕްގައި ވާދަކުރި ރާއްޖޭގެ އެކަޑަމީތައް ކަމަށްވާ، އެސްޕަޔާ ފުޓްބޯލް އެކަޑަމީ، ރ. ދުވާފަރު އެކަޑަމީ، އެޑްވެންޗާސް ފުޓްބޯލް އެކަޑަމީ، ފ. މަގޫދޫ ސްޕޯޓްސް އެކަޑަމީ އަދި ބީޖީ ސްޕޯޓްސް އެކަޑަމީން ކާމިޔާބާ އެކު މުބާރާތް ނިންމާލައިފި އެވެ.
މިއީ، ރާއްޖޭގެ އެކަޑަމީއެއް ކަމަށްވާ އެސްޕަޔާ އާއި ރިނޯން ގުޅިގެން ކުރިއަށްގެންދިޔަ މުބާރާތެކެވެ. ކޮލަމްބޯ ޔުނިވާސިޓީ ގްރައުންޑްގައި ކުރިއަށްދިޔަ މި މުބާރާތަކީ، ރާއްޖޭގެ އެކަޑަމީ އަކުން މި ގޮތަށް އިސްނަގައިގެން، ބޭރު ގައުމެއްގައި ކުރިއަށްގެންދިޔަ ފުރަތަމަ މުބާރާތެވެ.
ރާއްޖޭގެ ފަސް އެކަޑަމީ އަކާއި ލަންކާގެ އަށް އެކަޑަމީއެއް، ހަތަރު އުމުރުފުރާ (8 އަހަރުން ދަށް، 10 އަހަރުން ދަށް، 12 އަހަރުން ދަށް އަދި 14 އަހަރުން ދަށް) ކެޓަަރީތަކުގައި އެކި ޓީމުތައް މި މުބާރާތުގައި ވާދަކުރި އެެވެ. ރާއްޖޭގެ އެކަޑަމީތައް ކުޅުނީ 8 އަހަރުން ދަށާއި 10 އަހަރުން ދަށާއި 12 އަހަރުން ދަށުގަ އެވެ.
މުބާރާތުގެ ފޯމެޓް ރޭވިފައި އޮތް ގޮތުން، ގްރޫޕް ސްޓޭޖުގެ މެޗުތައް ނިމި، އެއް ވަނަ އާއި ދެ ވަނަ ޓީމު ހޮވޭނީ ކަޕް، މުބާރާތުގެ ސެމީ ފައިނަލަށެވެ. އަދި، ތިން ވަނަ އާއި ހަތަރު ވަނަ ޓީމުތައް ކުޅޭނީ ޕްލޭޓް މުބާރާތުގެ ސެމީ ފައިނަލުގަ އެވެ.
އަށް އަހަރުން ދަށުގައި ލީގު ބުރެއް ކުޅެ، އެންމެ ރަނގަޅު ދެ ޓީމެއް ފައިނަލުގައި ވާދަކުރިއިރު، އެސްޕަޔާގެ އަށް އަހަރުން ދަށުގެ ޓީމު ތަށި އުފުލާލީ މެޗަކުން ބަލިނުވެ އެވެ. އެ ޓީމުން ވަނީ ފައިނަލް މެޗުގައި ރިނޯން އަތުން 3-0 އިން މޮޅުވެފަ އެވެ. ދިހަ އަހަރުން ދަށުގެ ފައިނަލުގައި ދުވާފަރުން ވަނީ ރިނޯން އަތުން 2-1 އިން މޮޅުވެ ޗެމްޕިއަންކަން ހޯދައިފަ އެވެ. މި އުމުރުފުރާގެ ޕްލޭޓް ފައިނަލުގައި މަގޫދޫން ވަނީ ޕެނަލްޓީ ޖަހައިގެން ލަންކާގެ ކުރޭ ބަލިކޮށް ޗެމްޕިއަންކަން ހޯދައިފަ އެވެ.
ބާރަ އަހަރުން ދަށުގެ ފައިނަލުގައި، ދުވާފަރު އެކަޑަމީ އަތުން އެޑްވެންޗާސް ވަނީ 2-1 އިން މޮޅުވެފަ އެވެ. އަދި، މި އުމުރުފުރާގެ ޕްލޭޓް ފައިނަލުގައި ބީޖީން ވަނީ ލަންކާގެ ސައުންޑާސް އަތުން ޕެނަލްޓީ ޖަހައިގެން މޮޅުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ