އެމްޑީޕީގެ މާލޭގެ މޭޔަރު ޓިކެޓު އާދަމް އާޒިމް ކާމިޔާބުކުރައްވައިފި
އެޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި މާލެ ސިޓީގެ މޭޔަރު ކަމަށް އެމްޑީޕީގެ ފަރާތުން ވާދަކުރާ ޓިކެޓު މިހާރުގެ ވެސް މޭޔަރު އާދަމް އާޒިމް ކާމިޔާބުކުރައްވައިފި އެވެ.ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ ޓިކެޓްގައި ވާދަ ކުރާނެ ކެންޑިޑޭޓުން ހޮވުމަށް މިއަދު ބޭއްވި ޕްރައިމަރީގައި އެންމެ ވާދަވެރިކޮށް ދިޔައީ މާލޭ މޭޔަރުކަމުގެ ވޯޓެވެ. އެ ޕްރަައިމަރީގައި އާދަމް އާޒިމްއާ ވާދަ ކުރެއްވީ ކުރީގެ މަޖިލިސް މެންބަރު އަލީ އާޒިމް އެވެ. މިހާތަނަށް ގުނާފައިވާ ވޯޓުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން އާދަމް އާޒިމް، އަލީ އާޒިމްގެ މައްޗަށް ކުރި ހޯއްދެވީ ވޯޓުގެ %60 އަށް ވުރެ މަތިންނެވެ. މިހާތަނަށް ގާތްގަނޑަކަށް ހުރިހާ ވޯޓު ފޮށިތަކުން ވެސް ކުރީގައި އުޅުއްވަނީ އާދަމް އާޒިމް އެވެ. އާދަމް އާޒިމަކީ، މިދިޔަ އެމްޑީޕީ ވެރިކަމުގައި ސަރުކާރުގެ ބޮޑެތި ކުންފުނިތައް ހިންގެވި ބޭފުޅެކެވެ. އެގޮތުން އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރުކަން ކުރެއްވިއިރު، އެއަށްފަހު އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރުގެ ގޮތުގައި އޭނާ ކުރެއްވި މަސައްކަތް ވެސް ފާހަގަކުރެ ވެއެވެ.މި ޕްރައިމަރީގައި ސޯލިހުގެ ތާއީދު އޮތީ އާދަމް އާޒިމްއަށެވެ. ނަމަވެސް އެމަނިކުފާނު ކެމްޕެއިން ހަރަކާތްތަކުގައި ފާޅުގައި ބައިވެރިވެވަޑައެއްނުގަންނަވަ އެވެ. ނަޝީދު ތާއީދު ކުރެއްވީ އަލީ އާޒިމްއަށެވެ.އެމްޑީޕީން މާލޭ މޭޔަރުކަމަށް އާދަމް އާޒިމް ވާދަ ކުރައްވާއިރު، ވާދަވެރި ޕީއެންސީގެ ކެންޑިޑޭޓަކަށް ވާނީ ކުރީގެ ޑިފެންސް މިނިސްޓަރު މޫސާ އަލީ ޖަލީލެވެ. އޭނާއަށް ޓިކެޓް ލިބިވަޑައިގެންނެވީ ޕްރައިމަރީއަކާ ނުލަ އެވެ. އޭގެ އިތުރުން، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޕީއެންއެފްގެ ތާއީދާ އެކު މާލީ ދާއިރާގެ ތަޖުރިބާކާރެއް ކަމަށްވާ އިސްމާއީލް ޒަރިޔަންދު ވެސް މާލޭ މޭޔަރުކަމަށް ވާދަ ކުރައްވަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ