އޮފީސްތަކުގެ ވޮލީބޯޅަ މުބާރާތް ހަވީރު ފަށަނީ، ޓިކެޓުގެ އަގަކީ 20 ރުފިޔާ

އިމިގްރޭޝަނާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ބައްދަލުކުރާ މެޗާއެކު އިންޓަރ އޮފީސް ވޮލީބޯލް ޗެމްޕިއަންޝިޕް 2026 މިއަދު ހަވީރު ފަށާނެއެވެ. މިއަދުން ފެށިގެން މިމަހުގެ 23 ގެ ނިޔަލަށް މުބާރާތް ކުރިއަށްދާނީ ޖުމްލަ ހަ ޓީމަކާއެކުގައެވެ. މުބާރާތުގައި ވާދަކުރާ ޓީމުތަކަކީ މޯލްޑިވްސް ޕޮލިސް ސާވިސް، ފެނަކަ ކޯޕަރޭޝަން ލިމިޓެޑް، މިނިސްޓްރީ އޮފް ހެލްތު، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް، މޯލްޑިވްސް އިމިގްރޭޝަން އަދި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އެވެ. ލީގު ބުރުގައި ކޮންމެ ޓީމެއް ފަސް މެޗު ކުޅުމަށްފަހު އެންމެ ވަރުގަދަ ހަތަރު ޓީމަށް މުބާރާތުގެ ސެމީ ފައިނަލުން ފުރުސަތު ލިބިގެންދާނެއެވެ. ސެމީގެ ދެ މެޗުން ބަލިވީ ޓީމުތައް ބްރޮންޒް މެޑަލް މެޗު ކުޅޭއިރު، ފައިނަލް މެޗާއެކު މި ދެ މެޗު ކުޅޭނީ 23 ޖެނުއަރީގައެވެ. މުބާރާތުގައި މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ޕޮލިހާއި އެމްޓީސީސީއެވެ. މުބާރާތުގެ މެޗު ޝެޑިއުލް ވޭތުވެދިޔަ ދެ މުބާރާތެކޭ އެއްގޮތަށް މިފަހަރުގެ އޮފީސް މުބާރާތުގެ މެޗުތައް ބެލުމަށް ވަދެވޭނީ ޓީކެޓު ގަނެގެންނެވެ. އެގޮތުން ޓިކެޓެއްގެ އަގަކީ 20 ރުފިޔާއެވެ. ކޮންމެ މެޗެއް ފެށުމުގެ 30 މިނިޓުކުރިން ސޯޝަލް ސެންޓަރު އިންޑޯއަށް ވަންނަ ދޮރު ކައިރީގައި ޓިކެޓު ކައުންޓަރުން ޓިކެޓު ވިއްކާނެއެވެ. ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް މުޙައްމަދު ލަތީފް ވިދާޅުވީ ޓިކެޓު ވިއްކަން ނިންމީ ކުލަބުތަކާއި އެސޯސިއޭޝަނުގެ ޑިވެލޮޕްމަންޓު މަސައްކަތްތަކަށް ކަމަށާއި ހުރިހާ ސަޕޯޓަރުންވެސް މި މެޗުތަކަށް ޓިކެޓު ގަނެގެން ސަޕޯޓުކޮށްދިނުމަށެވެ. މުބާރާތުގެ ހުރިހާ މެޗެއް ސަން ޕްލޭ އެޕްލިކޭޝަން މެދުވެރިކޮށް ވަގުތުން ފެންނާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ