މަޝްރޫއުތައް ހިންގުމަށް ޑިއުޓީ މާފުކޮށްގެން ގެނެސް، އަނބުރާ ނުގެންދާ އުޅަނދުތައް ހުއްޓުވާނަން: ކަސްޓަމްސް
މަޝްރޫއުތައް ހިންގުމަށް ޚާއްސަކޮށް ގެންނަ އުޅަނދުތަކަށް ޑިއުޓީ މާފުކޮށްދީގެން ރާއްޖެ އެތެރެކޮށްދިނުމުން، އެ އުޅަނދުތައް އަނބުރާ ނުގެންގޮސް، ވިޔަފާރީގެ އުސޫލުން އެހެނިހެން ބޭނުންތަކަށް ބޭނުންކުރާނަމަ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ދީފިއެވެ. ކަސްޓަމްސްއިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ދިމާވާ ގޮންޖެހުންތައް އޮޅުންފިލުވުމަށް މި މަހުގެ 17 ވަނަ ދުވަހު، ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭއްވެވި ބައްދަލުކުރެއްވުމުގައި އެކިއެކި މަޝްރޫއުތަކަށް ޚާއްސަކޮށް ޑިއުޓީ މާފުކޮށް، އެތެރެކޮށްފައި ހުރި އުޅަނދުތައް އަނބުރާ ނުގެންގޮސް، އެކި ފަރާތްތަކަށް ކުއްޔަށް ދޭކަމުގެ ކަންބޮޑުވުން ވިޔަފާރިވެރިން އެމަނިކުފާނަށް ހުށަހެޅުއްވި ކަމަށެވެ. https://x.com/CustomsMv/status/2006409472718344242 އެކަން ހައްލުކުރުމަށްޓަކައި އެކިއެކި މަޝްރޫއުތަކަށް ޚާއްސަކޮށްގެން ޑިއުޓީ މާފުކޮށް، ރާއްޖެއަށް އެތެރެކޮށްފައި ހުރި އުޅަނދުތައް، އެ މަޝްރޫއެއް ނިމުމުން އަނބުރާ ރާއްޖެއިން ބޭރަށް ނުގެންގޮސް، އިމްޕޯޓް ޑިއުޓީ ނުދައްކައި އެކި ފަރާތްތަކަށް ކުއްޔަށް ދީ، ގަވައިދާ ޚިލާފަށް ބޭނުންކުރަމުންދާނަމަ، އެ އުޅަނދުތައް ހޯދާނެ ކަމަށް ކަސްޓަމްސްއިން ބުންޏެވެ. އަދި އެފަދަ އުޅަނދުތައް ކަސްޓަމްސްގެ ކޮންޓްރޯލްގެ ދަށަށް ގެނެސް، އެފަރާތްތަކުގެ މައްސަލަ ބަލައި، އަޅަންޖެހޭ ފިޔަވަޅުތައް އަޅައި، ޑިއުޓީ ނެގުމުގެ ކަންކަން މިއަދުން ފެށިގެން ކުރިއަށްދާނެ ކަމަށް ވެސް ކަސްޓަމްސްއިން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ