މައި ދެ އިންތިޚާބު އެއްކޮށްލަނީ ޚަރަދު ބޮޑުވެގެނެއްނޫން، ވެރިކަން ދިހަ އަހަރަށް ދަންމާލަން: ޣަފޫރު
މައި ދެ އިންތިޚާބު ކަމަށްވާ ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްކޮށްލަނީ އިންތިޚާބުތަކުގެ ޚަރަދު ބޮޑުވެގެން ނޫން ކަމަށް ވިދާޅުވެ، މި ސަރުކާރުން އެކަން ކުރަނީ ދިހަ އަހަރަށް ވެރިކަން ދަންމާލުމުގެ ބޭނުމުގައި ކަމަށް، އިދިކޮޅު އެމްޑީޕީގެ ވަގުތީ ޗެއާޕާސަން އަދި ހަނިމާދޫ ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާ (ގަޕޯ) މިއަދު ތުހުމަތުކުރައްވައިފިއެވެ. ފާހަގަކުރެވޭ ގޮތުގައި، ވެރިކަންކުރާ ޕީއެންސީގެ ޕާލަމެންޓަރީ ގްރޫޕުގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާޙް ވަނީ، ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްކޮށްލުމަށާއި، މި ހިނގާ 20ވަނަ މަޖިލީހުގެ ދައުރު ކުރުކޮށްލުމަށް ގާނޫނުއަސާސީއަށް އިސްލާހެއް އިއްޔެ ހުށަހަޅުއްވައިފައެވެ. އެ އިސްލާހު މިއަދު ދައުރުން ބޭރުން ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އިއްވައި ވަނީ ބަހުސް ވެސް ފަށައިފައެވެ. އެ ބިލަށް ބަހުސްކުރައްވަމުން ޢަބްދުލްޣަފޫރު ވިދާޅުވީ، ދެ އިންތިޚާބު އެއްކޮށްލުމުގެ މަސައްކަތް ކުރަން ވާނީ ގައުމީ ޔުނިވާސިޓީ މެދުވެރިކޮށް ރަނގަޅު ދިރާސާއެއް ކުރުމަށް ފަހު ކަމަށެވެ. އަނެއް ކަމަކީ އަޅުގަނޑުމެންނަށް އެބަ ފެނޭ، ދިހަ އަހަރު ދުވަހަށް ވެރިކަން ދަންމާލުމުގެ ކަންކަން ސަރުކާރުގެ މީޑިއާތަކުންނާއި ވެރިކަންކުރާ މީޑިއާއިން ތަކުރާރުކޮށް ބުނަމުންދާ މަންޒަރު، އެކަން ކުރުމަށް މަގުފަހިކުރުމަށް ޓަކައި ކުރާ މަސައްކަތެއް މިކަމަކީ އިއްޒަތްތެރި ރައީސް،ޢަބްދުލްޣަފޫރު މޫސާ - އެމްޑީޕީގެ ވަގުތީ ޗެއާޕާސަން "މި އުޅެނީކީ ޚަރަދު ބޮޑުވެގެނެއްނޫން، ޚަރަދު ބޮޑުވާނަމަ އިދާރީ ހިންގުމުގެ ތެރެއަށް ވަންނަ ދެ އިންތިޚާބަކީ ރައީސުލްޖުމްހޫރިއްޔާގެ އިންތިޚާބާއި ކައުންސިލުގެ އިންތިޚާބާ، މި ދެ އިންތިޚާބު އެއްކޮށް ބާއްވައިފައި މިޑް-ޓާމް އިލެކްޝަނެއްގައި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބާއްވަންޖެހޭނީ،" އެމްޑީޕީން ދެ އިންތިޚާބު އެއްކޮށްލަން ތާއީދުނުކުރާކަން ހާމަކުރައްވައި އޭނާ ވިދާޅުވިއެވެ. ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްކޮށްލަނީ ހެޔޮ ނިޔަތެއްގައި ރަނގަޅު ދިރާސާއެއް ކޮށްފައި ނޫން ކަމަށް ވިދާޅުވެ، މިއީ ހުދުމުޚުތާރު ވެރިކަމަކާ ދިމާލަށް ރާއްޖެ ގެންދަން ސަރުކާރުން ހިންގާ ބޮޑު ޖަރީމާއެއްގެ ގޮތުގައި އެކަން ޢަބްދުލްޣަފޫރު ސިފަކުރެއްވިއެވެ. ރައްޔިތުންނަށް ވިސްނާލާނެ އެއްވެސް ވަގުތެއް ނުދީ، ދައުރުން ބޭރުން މަޖިލީހުގެ ޖަލްސާއެއް ބާއްވައި، ދެ އިންތިޚާބު އެއްކުރުމުގެ މަސައްކަތް ސަރުކާރުން ކުރަނީ ވެރިކަން ދެމެހެއްޓުމަށް ޓަކައި ހީލަތްތެރި ރޭވުމެއްގެ ދަށުންކަމަށް ވެސް ޢަބްދުލްޣަފޫރު ވިދާޅުވިއެވެ. ޢަބްދުލްޣަފޫރު ވިދާޅުވީ، ސަރުކާރު ބަދަލުވިއިރު، ދައުލަތުގެ މުވައްޒަފުންނަށް މުސާރައިގެ ގޮތުގައި ބަޖެޓުން ޚަރަދުކުރަނީ 11 ބިލިއަން ރުފިޔާ ކަމަށާއި، އެކަމަކު މިހާރު 17 ބިލިއަން ރުފިޔާ ޚަރަދުކުރާ ކަމަށެވެ. ފާހަގަކުރެވޭ ގޮތުގައި މައި ދެ އިންތިޚާބު އެއްކޮށްލަން ސަރުކާރުން ހުށަހެޅި އިސްލާހަށް ތާއީދުކުރައްވާކަން ހާމަކުރެއްވި ހަމައެކަނި އިދިކޮޅު ބޭފުޅަކީ ކުރީގެ ރައީސް މުޙައްމަދު ނަޝީދު އެކަންޏެވެ. އެ އިސްލާހަށް ކުރީގެ ރައީސް ޢަބްދުالله ޔާމީން ޢަބްދުލްޤައްޔޫމާއި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާޢީލް ތާއީދުނުކުރައްވާކަން ވަނީ ހާމަކުރައްވައިފައެވެ. https://sun.mv/216278 ޕީއެންއެފުން ރޭ ބޭއްވި ފްރަންޓް އޮފީސް ޖަލްސާގައި ޔާމީން ވިދާޅުވީ، ރައީސާއި މަޖިލީހަކީ އެކަކު އަނެކަކު މައްޗަށް ފާރަވެރިވާ ދެ ބާރު ކަމަށެވެ. އެ މަނިކުފާނު ވިދާޅުވީ، ރައީސް ހޮވުމަށް ފަހު، ތިން ހަތަރު މަސް ފަހުން މަޖިލިސް އިންތިޚާބު ބާއްވާއިރު، ރައީސްގެ މަސައްކަތްތަަކަށް ބަލައި އެ ޕާޓީއަކަށް ވޯޓު ދޭން ރައްޔިތުންނަށް އެނގޭނެ ކަމަށެވެ. https://sun.mv/216282 "އެކަމަކު މި ދެ ކަންތައް އެއްކޮށްލާފަ، ދެ ކަންތައް އެއް ފަހަރާ ކުރީމަ ރައީސް ކަންތައް ކުރާ ގޮތެއް ބަލައި، ފާރަވެރިވާނެ މަޖިލީހެއް ނޫން މި ހޮވެނީކީ، އެހެންވީމަ އަޅުގަނޑަކަށް ނުވިސްނޭ މީގައި ހިކުމަތެއް،" އެ މަނިކުފާނު ވިދާޅުވިއެވެ. ޔާމީން ވިދާޅުވީ، ދެ އިންތިޚާބު އެއްކުރަނީ ޚަރަދު ކުޑަކުރަން ކަމަށް ސަރުކާރުން ބުނި ނަމަވެސް، އެ ބަދަލާއެކު ރައްޔިތުންގެ މާ ބޮޑު މަސްލަހަތެއް ގެއްލޭ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ