ޕެންޝަން ގާނޫނަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހުތަކަކީ، ޕެންޝަން ފަންޑުގައި ހުރި ރައްޔިތުންގެ ފައިސާ ސަރުކާރަށް ބޭނުން ގޮތަކަށް އިންވެސްޓްކޮށް، ނުސީދާކޮށް ފައިސާ ޗާޕްކުރުން ކަމަށް ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު އަހުމަދު ޝަމްހީދު ތުހުމަތުކުރައްވައިފި އެވެ.
ޕެންޝަން ގާނޫނަށް ބަދަލުތަކެއް ގެންނަން ނިލަންދޫ ދާއިރާގެ މެންބަރު ހަސަން މުފީދު މިއަދު ހުށަހެޅުއްވިއިރު، ޕެންޝަން އޮފީސް މެދުވެރިކޮށް އިންވެސްޓުކުރުމުގެ ނަމުގައި ފައިސާ ޗާޕްކުރަން ކުރި މަސައްކަތް ފެއިލްވީ ޕެންޝަން ބޯޑުގެ މެންބަރުން އެކަމަށް ދެކޮޅު ހެދުމުގެ ގޮތުން ފުލުފުލުގައި އިސްތިއުފާ ދިނުމާއި، ސަރުކާރުން ބޭނުންވާ ޝަރުތުތަކާއެކު އެކަން ކުރިއަށް ގެންދަން މިހާރު އޮތް ބޯޑުން ވެސް ދެކޮޅު ހަދާތީ އެވެ.
ޕެންޝަން ގާނޫނުގެ 16 ވަނަ މާއްދާގެ ހ. އަށް ގެންނަ އިސްލާހަކީ ފޮރުވިފައިވާ ނުރައްކާތެރި މަގުސަދެއް އޮތް ބަދަލެއް ކަމަށް ޝަމްހީދު ވިދާޅުވި އެވެ. އެއީ ފައިސާ ޗާޕްކުރުން ކަމަށް ތުހުމަތު ކުރެ އެވެ.
ގާނޫނުގެ އެ މާއްދާގައި މިހާރު އޮތީ ޕެންޝަން އެސެޓްސް އިންވެސްޓްކުރަންވާނީ މި ގާނޫނުގައި ކަނޑައެޅިފައިވާ ގޮތުގެމަތިން، އަދި ހަމައެކަނި ސްކީމްގެ ބައިވެރިންނަށާއި ބެނިފިޝަނަރީންނަށް އެންމެ ބޮޑު ފައިދާއެއް ލިބޭނޭ ގޮތުގެމަތިންނެވެ. މިގޮތުން އިންވެސްޓްކުރުމުގައި ބަލަންޖެހޭނެ ކަންތައްތަކުގެ ތެރޭގައި ކަމަށެވެ. ބަލަންޖެހޭ ކަންކަން މި މާއްދާގައި ބަޔާންކޮށްފައިވެ އެވެ.
ގެންނަ ބަދަލުގައި އޮތީ އިންވެސްޓުކުރަން ވާނީ ޕެންޝަން އޮފީހުން ނުވަތަ އެސެޓު މެނޭޖަރުން މެދުވެރިކޮށެވެ. ގެންނަ ބަދަލުގެ ގޮތުން ޕެންޝަން ފަންޑުގެ ފައިސާ މެނޭޖްކުރަން އެހެން ބަޔަކަށް ދެވިދާނެ ކަމަށް ޝަމްހީދު ފާހަގަ ކުރެއްވި އެވެ.
"އަޅުގަނޑު ގަބޫލުކުރަނީ މި އިސްލާހުގެ މައިގަނޑު ބޭނުމަކީ މި ޕެންޝަން އޮފީހުގެ ޕެންޝަން ފަންޑުގަ ހުރި ފައިސާ ސަރުކާރުން އިތުރު ގޮތަކަށް މިއަދު ނުކުޅެވޭތީ އެކަމަށް މަގުފަހިކުރުމުގެ ގޮތުން،" ޝަމްހީދު ވިދާޅުވި އެވެ.
ސަރުކާރުން އެދޭހާ ގޮތަކަށް ޕެންޝަން ފަންޑު ބޭނުންކުރާ ނަމަ ދިވެހި ރުފިޔާގެ އަގު ދަށްވެގެން ދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ޝަމްހީދު ތުހުމަތު ކުރެއްވި ގޮތުގައި ގާނޫނަށް އިސްލާހުތައް ހުށަހަޅާފައި އޮތީ އޮޅުވާލުމުގެ ނިޔަތުގަ އެވެ.
ޕެންޝަން އޮފީސް މެދުވެރިކޮށް ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުންގެ ޗާޕްކުރަން އުޅެނީ 2.4 ބިލިއަން ރުފިޔާ އެވެ.
ޕެންޝަން ގާނޫނު ބަދަލު ކުރަނީ އޮޅުވާލައިގެން ފައިސާ ޗާޕްކުރަން: ޝަމްހީދު ޕެންޝަން ގާނޫނު ބަދަލު ކުރަނީ އޮޅުވާލައިގެން ފައިސާ ޗާޕްކުރަން: ޝަމްހީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ