މިއަހަރުގެ ބަރަކާތްތެރި ރަމަޟާންމަހުގެ ފަހު ފަނަރައިގައި ޢުމްރާގެ މަތިވެރި އަޅުކަން އަދާކުރުމަށް ދާން ބޭނުންވާ ފަރާތްތަކަށް މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން އިތުރު ފުރުޞަތުތަކެއް ހުޅުވާލައިފިއެވެ.
ޙައްޖު ކޯޕަރޭޝަނުން ހާމަކުރި ގޮތުގައި، މި ފުރުޞަތު އިތުރަށް ހުޅުވާލަން ނިންމީ ރަމަޟާންމަހަކީ އަޅުކަމުގެ މަހަކަށްވެފައި، އެ މުއްދަތުގައި ޢުމްރާގެ އަޅުކަން އަދާކުރުމަށް ގިނަ އަދަދެއްގެ ބަޔަކު އެދެމުންދާތީއެވެ.
ޙައްޖު ދުވަސްވަރު ފިޔަވައި އަހަރުގެ އެހެން ހުރިހާ ދުވަސްވަރެއްގައިވެސް އެ ކޯޕަރޭޝަނުން ޢުމްރާ ދަތުރުތައް އިންތިޒާމު ކުރި ނަމަވެސް، ރަމަޟާންމަހާއި ސްކޫލް ބަންދު ދުވަސްވަރަކީ ޢުމްރާއަށް ދިއުމަށް އޮންނަ ޑިމާންޑު ވަރަށް ބޮޑު ދުވަސްވަރެކެވެ.
މިއަހަރުގެ ރަމަޟާންމަހުގެ މުޅި މަހު އަދި ފަހު ފަނަރައިގެ ޢުމްރާއަށް ދިއުމަށް ގިނަ ބަޔަކު ޝައުޤުވެރިކަން ފާޅުކުރަމުންދާތީ، ޙައްޖު ކޯޕަރޭޝަނުން މިހާރު ވަނީ ފަހު 15 އިގެ ޢުމްރާއަށް ރަޖިސްޓްރީވުމުގެ ފުރުޞަތު ރަސްމީކޮށް ހުޅުވާލާފައެވެ.
މި ދަތުރުގައި ބައިވެރިވުމުގެ ފުރުޞަތު ދިނުމަށް ހަމަޖެހިފައިވަނީ ވީ އެންމެ އަވަހަށް ރަޖިސްޓްރީވެ، ފައިސާ ދައްކާ ތަރުތީބުންނެވެ.
ޢުމްރާއަށް ދިއުމަށް ބޭނުންވާ ފަރާތްތަކަށް އެ ކޯޕަރޭޝަންގެ ވެބްސައިޓް Hajj.mv ގައިވާ "ފަހެލި" ޕޯޓަލް މެދުވެރިކޮށް ރަޖިސްޓްރީވުމުގެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ. އަދި މި ޕޯޓަލް މެދުވެރިކޮށް ފައިސާ ދެއްކުމުގެ އިތުރުން، ޙައްޖު ކޯޕަރޭޝަންގެ ކައުންޓަރަށް ވަޑައިގެންވެސް ފައިސާ ދެއްކޭނެ ކަމަށް އެ ކޯޕަރޭޝަނުން މަޢުލޫމާތު ދެއެވެ.
ރަމަޟާންމަހުގެ ފަހު 15 ގައި ޢުމްރާއަށް ދިއުމަށް އިތުރު ފުރުޞަތުތަކެއް ޙައްޖު ކޯޕަރޭޝަނުން ހުޅުވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ