އޮސްޓްރޭލިއާ ސަރުކާރުން ހަދިޔާކުރި "ގާޑިއަން ކްލާސް" ކަނޑުގެ ސަރަހައްދު ޕެޓްރޯލް ކުރުމަށް ހާއްސަ ބޯޓު އެމްއެންޑީއެފްއާ ރަސްމީކޮށް ޙަވާލުވެއްޖެއެވެ.
އޮސްޓްރޭލިއާ ސަރުކާރުން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް އެމްއެންޑީއެފަށް ހަދިޔާކުރި "ގާޑިއަން ކްލާސް" ޕެޓްރޯލް ބޯޓު ރަސްމީކޮށް ހަވާލުކޮށްފައިވަނީ، މިކަމަށް ޚާއްސަކޮށް މިއަދު އޮސްޓްރޭލިއާގެ ޕާތުގައި ހުންނަ އެޗްއެމްއޭއެސް ސްޓާލިންގ ނޭވަލް ބޭސްގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.
ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ، ރޯޔަލް އޮސްޓްރޭލިއަން ނޭވީގެ ރިއަރ އެޑްމިރަލް ބްރެޓް ސޮންޓާއާއި، އެމްއެންޑީއެފް ކޯސްޓްގާޑުގެ ކޮމަޑާންޓް، ބްރިގޭޑިއަރ ޖެނެރަލް މުޙައްމަދު ސަލީމެވެ.
މި އުޅަނދަކީ، އޮސްޓްރޭލިއާގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރު އަދި ޑިފެންސް މިނިސްޓަރު ރިޗަޑް މާލްސް، 2025ވަނަ އަހަރުގެ ޖޫން މަހު ދިވެހިރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ހަދިޔާކުރައްވާނެކަން އިޢުލާންކުރެއްވި އުޅަނދެކެވެ. މިއީ، ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބަލަހައްޓައި ރައްކާތެރި ކުރުމަށާއި، ކަނޑުމަތީގެ ނުރައްކާތަކާއި ގޮންޖެހުންތަކާ ކުރިމަތިލުމުގައި ދިވެހި އަސްކަރިއްޔާގެ ޤާބިލުކަން އިތުރުކުރުމަށް ލިބުނު ވަރަށް މުހިންމު އެހީއެއް ކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.
މި އުޅަނދަކީ، ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެމަތީ ވެރިޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ދިވެހި އަސްކަރިއްޔާގެ ދިފާޢީ ވަސީލަތްތައް ވަރުގަދަކޮށް، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރުމަށް ގެންގުޅުއްވާ ސިޔާސަތުގެ ދަށުން އޮސްޓްރޭލިއާ ސަރުކާރާއެކު ކުރެއްވި މަސައްކަތްޕުޅުން ހޯއްދަވައިދެއްވި އުޅަނދެއް ކަމަށް އެމްއެންޑީއެފުން މައުލޫމާތުދެއްވައެވެ.
ކޯސްޓްގާޑުގެ އޮޕަރޭޝަނަލް ކެޕޭސިޓީ ދެގުނަކޮށް، ރާއްޖޭގެ ކަނޑުގެ ސަރަޙައްދު ފުރިހަމައަށް ބެލެހެއްޓޭނެ ފަދަ ބާރަކަށް އެމްއެންޑީއެފް ހެއްދެވުމަކީ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ވައުދުފުޅެކެވެ.
ބޯޓު ޙަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، އެމްއެންޑީއެފް ކޯސްޓްގާޑުގެ ކޮމާޑާންޓް، ބްރިގޭޑިއަރ ޖެނެރަލް މުޙައްމަދު ސަލީމް ވިދާޅުވީ، މިއީ ރާއްޖޭގެ ކަނޑުގެ ސަލާމަތްތެރިކަން ކަށަވަރު ކުރުމަށް ލިބުނު އަގުނުކުރެވޭ ފަދަ އެހީއެއް ކަމަށެވެ. އަދި މިކަމަށް އޮސްޓްރޭލިއާ ސަރުކާރަށް ޝުކުރު އަދާކުރެއްވިއެވެ.
ރޯޔަލް އޮސްޓްރޭލިއަން ނޭވީގެ ރިއަރ އެޑްމިރަލް ބްރެޓް ސޮންޓާގެ ވާހަކަފުޅުގައި، ސަރަޙައްދީ ސަލާމަތީ ގޮންޖެހުންތަކާ ކުރިމަތިލުމުގައި ދެ ޤައުމުގެ ބަދަހި ގުޅުމުގެ މުހިންމުކަން ވަނީ ފާހަގަކުރައްވާފައެވެ.
މި ރަސްމިއްޔާތުގައި، އުޅަނދު ޙަވާލުކުރުމުގެ ލިޔުން ބަދަލުކުރުމަށްފަހު، މަނަވަރަށް ހަމަޖައްސަވާފައިވާ ކޮމާންޑިންގ އޮފިސަރާއި އިތުރު ސިފައިންގެ އޮފިސަރުން ވަނީ ބޯޓަށް އަރައި، ދިވެހިރާއްޖޭގެ ދިދަ ނަގައި ރަސްމީކޮށް މަނަވަރާ ޙަވާލުވެފައެވެ.
އޮސްޓްރޭލިއާގެ ހެންޑަސަން ޝިޕްޔާޑުގައި ބަނދެފައިވާ މި އައު މަނަވަރު މާލެ ގެނައުމަށް ހަމަޖެހިފައިވަނީ، މި އުޅަނދަށް ޚާއްސަކޮށްފައިވާ ދިވެހި ސިފައިންގެ ކްރޫން އޮސްޓްރޭލިއާގައި ކުރިއަށްގެންދާ ޚާއްސަ ތަމްރީނުތަކާއި ސީ-ޓްރަޔަލްތައް ނިމުމުން އަންނަ މަހުގެ ފަހުކޮޅު ކަމަށް އެމްއެންޑީއެފުން މައުލޫމާތުދެއްވައެވެ.
އޮސްޓްރޭލިއާއިން ހަދިޔާކުރި ޕެޓްރޯލް ބޯޓު ޙަވާލުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ