މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން މަސްވެރިންނަށް ލުއި ފަސޭހަ ކޮށްދިނުމަށް ސަރުކާރުން ކުރިއަށްގެންދާ ޕްރޮގްރާމުގެ ދަށުން، މިހާތަނަށް 1.1 މިލިއަނަށްވުރެ ގިނަ ލީޓަރުގެ ތެޔޮ ހާއްސަ އަގެއްގައި ދޫކޮށްފައިވާ ކަމަށް ފިޝަރީޒް މިނިސްޓަރ އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ވާހަކަދައްކަވަމުން ޝިޔާމް ވިދާޅުވީ، ދުނިޔޭގެ މަސްރަޙަށް އަންނަ ބަދަލުތަކާއެކުވެސް މަސްވެރިކަމުގެ ސިނާޢަތް ހުއްޓުމެއްނެތި ކުރިއަށް ގެންދިއުމަށް ސަރުކާރުން އިސްކަންދޭ ކަމަށެވެ.
ތެޔޮ ދޫކުރުމުގައި އުޅަނދުފަހަރުގެ ބޮޑުމިނަށް ބަލައި ވަކި އުސޫލުތަކެއް ކަނޑައަޅާފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އެގޮތުން 85 ފޫޓަށްވުރެ ބޮޑެތި ދޯނިފަހަރަށް 5000 ލީޓަރު، 50 ފޫޓާއި 85 ފޫޓާ ދެމެދުގެ އުޅަނދުތަކަށް 3000 ލީޓަރު، އަދި 50 ފޫޓަށްވުރެ ކުދި އުޅަނދުތަކަށް 1500 ލީޓަރު މިފްކޯ މެދުވެރިކޮށް ފޯރުކޮށްދެމުންދެއެވެ. މިހާތަނަށް ޖުމްލަ 958 މަސްދޯންޏަކަށް މި އެހީތެރިކަން ލިބިފައިވާކަން މިނިސްޓަރ ކަށަވަރުކޮށްދެއްވިއެވެ.
މިފްކޯގެ ތަފާސްހިސާބުތަކަށް ބަލާއިރު، އެންމެ ގިނަ އަދަދަކަށް ތެޔޮ ދޫކޮށްފައިވަނީ ކޫއްޑޫ ސެންޓަރުންނެވެ. އެއީ 583,220 ލީޓަރެވެ. މީގެ އިތުރުން އައްޑޫއިން 255,445 ލީޓަރު، ހުޅުމާލެއިން 133,004 ލީޓަރު، ފެލިވަރުން 72,710 ލީޓަރު އަދި ހިންމަފުށިން 62,251 ލީޓަރުގެ ތެޔޮ ވަނީ މަސްވެރިންނަށް ފޯރުކޮށްދީފައެވެ.
މަސްވެރިންނަށް ޚާއްސަ އަގެއްގައި 1.1 މިލިޔަން ލީޓަރު ތެޔޮ ދޫކޮށްފިން - ޝިޔާމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ