އީރާނުން ބޭނުންނަމަ އެެމެރިކާއާ ވާހަކަދެެއްކޭނެ: ޓްރަމްޕް

ހަނގުރާމަ ނިމުމަކަށް ގެނައުމަށް އީރާނުން މަޝްވަރާކުރަން ބޭނުންނަމަ، އެމެރިކާއާ ވާހަކަ ދެއްކޭނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ. ހަމައެކަނި ޕާކިސްތާނުގެ އޮފިޝަލުންނާ ވާހަކަދެއްކުމަށް ފަހު އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަޣްޗީ ޕާކިސްތާނުން އިއްޔެ ފުރައިވަޑައިގަތުމުން ސުލްހައިގެ މަޝްވަރާތަކަށް އޮތް ފުރުސަތު އަނެއްކާ ވެސް ވަނީ ހަނިވެފައެވެ. "އެ މީހުން ވާހަކަދައްކަން ބޭނުން ނަމަ އަހަރެމެންގެ ގާތަށް އާދެވޭނެ. ނުވަތަ ގުޅާލެވޭނެ. އެނގިވަޑައިގަންނަވާނެ، ފޯނު އެބައޮތް. އަހަރެމެންގެ ރައްކާތެރި ލައިންތަކެއް އެބަހުރި," ފޮކްސް ނިއުސްގެ "ދަ ސަންޑޭ ބްރީފިން"އަށް ދެއްވި އިންޓަވިއުއެއްގައި ޓްރަމްޕް ވިދާޅުވިއެވެ. "އެގްރިމެންޓްގައި ހުންނަން ޖެހޭ ކަންތައްތައް އެނގޭ. އެއީ ވަރަށް ސާފު ކަމެއް. ނިއުކްލިއާ ހަތިޔާރެއް ނުގެންގުޅެވޭނެ. ގެންގުޅެވޭނެ ކަމަށް ވަކާލާތު ކުރާނަމަ ބައްދަލުވާންވީ ސަބަބެއް ނެތް," ޔޫރޭނިއަމް މުއްސަނދި ކުރުމުގެ ހައްގު އީރާނަށް އޮތް ކަމަށް އެމެރިކާއިން ގަބޫލުކުރުމަށް ގިނަ ދުވަސްތަކެއް ވަންދެން އީރާނުން އަންނަނީ ބުނަމުންނެވެ. އަދި، އެކަން ކުރަނީ ސުލްހަވެރި މަގުސަދެއްގައި ކަމަށް ވެސް އީރާނުން ބުނެފައިވެއެވެ. ފެބްރުއަރީ 28 ވަނަ ދުވަހު އީރާނަށް އެމެރިކާއާއި އިސްރާއީލުން ދިން ހަމަލާތަކުން ފެށި ހަނގުރާމަ މުއްދަތެއް ނެތް ގޮތަށް މެދުކަނޑާލާފައި އޮތް ނަމަވެސް، ހަނގުރާމައިގެ ސަބަބުން އެތައް ހާސް ބަޔަކު މަރުވެ، ތެލުގެ އަގު އުފުލި، އިންފްލޭޝަން އިތުރުވެ، ދުނިޔޭގެ އިގްތިސާދަށް އަސަރުކޮށްފައިވާއިރު، ހަނގުރާމަ ނިމުމުގެ ދާއިމީ އެއްބަސްވުމަކަށް އަދިވެސް ނާދެވެއެވެ. މަޝްވަރާތައް ކުރާނެ ކަމަށް ވަރަށް ބޮޑަށް ބެލެވިފައިވަނިކޮށް އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަޣްޗީ ވަނީ ޕާކިސްތާނުން ފުރާވަޑައިގެންފައެވެ. އެހެންވެ، ޓްރަމްޕް ވަނީ އޭނާގެ މަންދޫބު ސްޓީވް ވިޓްކޯފްއާއި ޖޭރެޑް ކުޝްނާ ޕާކިސްތާނަށް ކުރައްވަން ހަމަޖެހިފައިވާ ދަތުރު ހޮނިހިރު ދުވަހު ކެންސަލް ކުރައްވާފައެވެ. ޕާކިސްތާނާއި އޮމާން އަދި ރަޝިޔާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ފުރަތަމަ ޕާކިސްތާނަށް ވަޑައިގަތުމަށް ފަހު، އޮމާނަށް ވަަޑައިގަތް އަނެއްކާވެސް އަރަގްޗީ ވަނީ ޕާކިސްތާނަށް ވަޑައިގެންފައެވެ. އޭގެ ފަހުން އަރަގްޗީ ވަނީ ރަޝިޔާގެ މޮސްކޯއަށް ވަޑައިގަންނަވާފައެވެ. އީރާނުން މީގެ ކުރިން ބުނެފައިވާ ގޮތުގައި އަރަގްޗީގެ މި ދަތުރުފުޅަކީ އެމެރިކާއާއި މަޝްވަރާކުރަން ކުރާ ދަތުރުފުޅެއް ނޫނެވެ. ނަމަވެެސް، އެއްބަސްވުމަކަށް ދިއުމަށް ކުރެވޭނެ މަޝްވަރާތައް ކުރުމަށް ފަހު ހުށަހެޅުންތައް ޕާކިސްތާނު މެދުވެރިކޮށް އެމެރިކާއަށް ފޯރުކޮށްދޭނެ ކަމަށް ބުނެފައިވެއެވެ. އީރާނުގެ ތަސްނީމް ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި ޕާކިސްތާނުގެ އޮފިޝަލުންނާ އެކު އަރަގްޗީ ކުރައްވާ މަޝްވަރާތަކުގެ ތެރޭގައި ހުރްމުޒް ކަނޑުއޮޅީގެ މައްޗަށް އާ ގާނޫނީ ނިޒާމެއް ތަންފީޒުކުރުމާއި، ހަނގުރާމައިން ލިބުނު ގެއްލުމުގެ ބަދަލު ހޯދުމާއި، ހަނގުރާމަ އަލުން ނުފަށާނެކަމުގެ ޔަގީންކަން ދިނުން ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ