ސައުތު އޭޝިއަން ފުޓުބޯޅަ ފެޑެރޭޝަން (ސާފް) އިން ފުރަތަމަ ފަހަރަށް ބޭއްވި ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގެ ތަށި ހޯދި ގައުމީ ފުޓްސަލް ޓީމަށް މިރޭ ކުލަގަދަކޮށް މަރުހަބާ ކިޔަން ތައްޔާރުވާން ފަށައިފި އެވެ.
ޤައުމީ ފުޓްސަލް ޓީމު އަންނަ ބޯޓް ވެލާނަ އިންޓަނޭޝަނަލް އެއަޕޯޓަށް މިރޭ ޖެއްސުމާއެކު އުފާ ފާޅުކުރުމައި މަރުހަބާ ކިއުމުގެ ހަރަކާތްތައް އެއާޕޯޓާއި ހަމައިން ފެށިގެން ދާނެ އެވެ. އެގޮތުން ވީއައިޕީން ޓީމަށް މަރުހަބާ ކިއުމާއި، އެއާޕޯޓުން ޓީމު މާލެ ދިއުމަށް ފަހު އަމީނީ މަގާއި މަޖީދީ މަގުން ޕިކަޕުގައި އާންމުންނަށް ފެންނަ ގޮތަށް ޓްރޮފީއާ އެކު ޓީމުން ދަތުރު ކުރާނެއެވެ. އަދި އާޓިފިޝަލް ބީޗަށް އައިސް ބީޗުގައި އޮންނަ ހަރަކާތްތަކުގައިި އާންމުންނާއެކު ޓީމުގެ އޮފިޝަލުންނާއި ކުޅުންތެރިން ބައިވެރިވާނެ އެވެ.
މި ކާމިޔާބީ ފާހަގަކުރުމަށް އާޓިފިޝަލް ބީޗުގައި ބާއްވާ ޙާއްސަ ހަރަކާތްތަކުގައި ރައީސް ޑރ. މުޙައްމަދު މުއިއްޒު ވެސް ބައިވެރިވެވަޑައިގަންނަވާނެ އެވެ. ރައީސް، ޤައުމީ ޓީމުގެ ކުޅުންތެރިންނާ ބައްދަލު ކުރައްވައި ވާހަކަ ވެސް ދައްކަވާނެ އެވެ.
އަދި ރައީސްގެ އަތްޕުޅަށް ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގެ ޓްރޮފީ އެރުވުމަށް ވެސް ހަމަޖެހިފައިވާއިރު ހަވާ އެރުވުމުގެ ޙާއްސަ ހަރަކާތެއް ވެސް އޮންނާނެ އެވެ. ސަރުކާރުން ވަނީ ޓީމު ހޯދި ކާމިޔާބީއާ ގުޅިގެން އެއް މިލިއަން ރުފިޔާ ބޯނަހެއް ވެސް ދޭން ނިންމައިފަ އެވެ.
ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގެ ތަށި ރާއްޖެ ހޯދީ ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ ސައްތައިގެ ރެކޯޑާ އެކީގަ އެވެ. ޓައިލޭންޑްގެ ވެރިރަށް ބެންކޮކްގައި މި މަހުގެ 14-26 އަށް ކުރިއަށް ފެންދިޔަ މުބާރާތުގެ ޗެމްޕިއަންކަން ހޯދީ އިންޑިއާ ބަލިކޮށެވެ.
މި މުބާރާތުގައި ވާދަކުރީ ރާއްޖެ އާއި އިންޑިއާ އާއި ނޭޕާލާއި ބަންގްލަދޭޝް އާއި ބޫޓާނާއި ޕާކިސްތާންގެ އިތުރުން ސްރީ ލަންކާ އެވެ.
ގައުމީ ފުޓްސަލް ޓީމަށް މަރުހަބާ ކިޔުން މިރޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ