މުޒާހަރާކުރާތީ ތަޅާލި މީޑިއާ ފެންޑާ ހަދަން 42،800ރ. ހަރަދުކުރި

ރައީސް އޮފީހުން ރައީސް އާއި މިނިސްޓަރުން ނުކުތުމުން ސުވާލުކުރެވޭނެ އިންތިޒާމު ހަމަޖައްސަން އެ އޮފީސް ކުރިމަތީ ހެދި ފެންޑާގައި ނޫސްވެރިން މުޒާހަރާކުރަމުން ދަނިކޮށް އެ ތަން ތަޅާލިއިރު އެ ތަން ހެދުމަށް ކުރި ހަރަދު ރައީސް އޮފީހުން މިއަދު އާންމުކޮށްފި އެވެ.
ވީކިހިނެއް؟ - މީޑިއާތައް ކޮންޓްރޯލްކުރަން މި ސަރުކާރުން ހެދި ގާނޫނު ފާސްކުރުމުގެ ކުރިން އެކަމާ ދެކޮޅަށް އަޑުއުފުލަން ނޫސްވެރިން ދިޔައީ އެ ތަން ބޭނުން ކުރަމުންނެވެ.
ރައީސް އޮފީހުގެ ދެކުނު ގޭޓު ކުރިމަތީގައި އޮންނަ ހުސް ބިމުގައި ކުޑަ ސިޑިބަރިއަކާ އެކު ހިޔާކޮށް، ކަރަންޓް ލިބޭ ގޮތަށް މި ތަން ގާއިމްކޮށްފައިވަނީ، މިދިޔަ ސެޕްޓެމްބަރު މަހުގަ އެވެ.
ނަމަވެސް ހުއްދަ ނުހޯދާ ބައެއް ނޫސްވެރިން އެ ތަން ބޭނުންކުރަމުންދާ ކަމަށް ބުނެ އެ ތަން އުވާލީ މިދިޔަ އޮކްޓޯބަރު މަހުގަ އެވެ.
ތަފްސީލް - އެ ތަނުގެ ސިޑިބަރި ތަޅާލުމާ އެކު އެ ތަނަށް ކުރި ހަރަދުގެ ތަފްސީލް ހޯދުމަށް މައުލޫމާތު ހޯދުމާއި ލިބިގަތުމުގެ ގާނޫނުގެ ދަށުން 'ދައުރު'ން އެދުމުން އޭގެ ޖަވާބު ރައީސް އޮފީހުން ހަތަރު މަސް ފަހުން މިއަދު ފޮނުވި އެވެ.
ފޮނުވި ޖަވާބުގައި ވަނީ "މީޑިއާ ފެންޑާ ހެދުމަށް އެ އޮފީހުން ހަރަދުވެފައިވަނީ 42،807.96ރ." އެވެ.
އެނގުން މުހިންމު - މީޑިއާ ފެންޑާ އެންމެ ފަހުން ތާޅާލިއިރު، މިނިވަން ހިޔާލާއި ނޫސްވެރިކަމަށް ހުރަސް އެޅޭ ގޮތަށް ފާސްކުރި މީޑިއާ ބިލު ރައީސް މުހައްމަދު މުއިއްޒު ތަސްދީގު ކުރައްވައި، ނޫސްތަކުގެ ކޮންޓެންޓް ހުއްޓުވުމުގެ މަސައްކަތް މިހާރު ވަނީ ފެށިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ