އީރާނަށް ދޭ ހަމަލާތަކާއި އީރާނުން ގަލްފުގެ ގައުމުތަކަށް ދޭ ހަމަލާތައް ވެސް ރާއްޖޭން ކުށްވެރިކޮށްފި

އީސްރާއީލާއި އެމެރިކާ ގުޅިގެން އީރާނަށް ދެމުންދާ ހަމަލާތަކާއި، އެ ގައުމުން ގަލްފްގެ އެހެން ގައުމުތަކަށް ދެމުންދާ ހަމަލާތައް ދިވެހި ސަރުކާރުން މިއަދު ކުށްވެރިކޮށްފިއެވެ. ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ސައުދީ އަރަބިއްޔާ، ޔޫއޭއީ، ގަތަރު، ކުވެއިތު، ބަހްރައިން އަދި އެހެނިހެން ގައުމުތަކަށް އަމާޒުކޮށް އީރާނުން ދެމުންދާ ހަމަލާތައް ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. ގަލްފް ސަރަހައްދުގެ ވައިގެ ބަނދަރުތަކަށާއި، ތެޔޮ ރައްކާކުރާ މަރުކަޒުތައް ހިމެނޭހެން، އާންމުން ދިރިއުޅޭ ތަންތަނަށް އަމާޒުކޮށް ދޭ ހަމަލާތަކަކީ ބައިނަލްއަޤުވާމީ ޤާނޫނުތަކާއި ޖެނީވާ ކޮންވެންޝަނާ ކަނޑައެޅިގެން ހިލާފު އަމަލުތަކެއް ކަމަށެވެ. އެހެންކަމުން، ދިވެހިރާއްޖެއިން އެކަމާ މެދު ނުހަނު ކަންބޮޑުވުން ފާޅުކުރާކަމަށް ފޮރިން މިިނިސްޓްރީން ބުންޏެވެ. ގަލްފްގެ ގައުމުތަކުން އެއްވެސް ބަދަލުހިފުމުގެ އަމަލެއް ހިންގާފައި ނުވަނީސް، އީރާނުން އެ ގައުމުތަކަށް ހަމަލާ ދެމުންދާތީ އެކަމާ ހިތާމަކުރާކަމަށް ވެސް ފޮރިން މިނިސްޓްރީ ބަޔާނުގައި ބުނެފައިވެއެވެ. މީގެ އިތުރުން، އިޒްރޭލާއި އެމެރިކާ އިސްވެ އީރާނަށް ދޭން ފެށި ހަމަލާތަކުގެ ސަބަބުން މެދުއިރުމައްޗަށް ކުރިމަތިވެފައިވާ ހާލަތާ މެދު ކަންބޮޑުވާ ކަމަށާއި އަދި ޚާއްސަކޮށް، އީރާންގެ އަންހެން ކުދިންގެ ސްކޫލަކަށް ދިން ހަމަލާގައި އެތައް ސަތޭކަ ފުރާނައެއް ގެއްލިފައިވާތީ އެކަން ވެސް ހަރުކަށި އިބާރާތުުން ކުށްވެރިކުރާ ކަމަށް ބަޔާނުގައި ބުންޏެވެ. މިފަދަ އަމަލުތަކުގެ ސަބަބުން ގަލްފް ސަރަހައްދުގެ ނުތަނަވަސްކަން އިތުރަށް ބޮޑުވެފައިވާކަން ބަޔާނުގައި ވަނީ ފާހަގަކޮށްފައިވާއިރު، މި ސަރަހައްދުގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ސުލްހައިގެ ފުރުސަތުތައް ހަނިވަމުންދާތީ، ހުރިހާ ފަރާތްތަކަކުން ވެސް ވަގުތުން ހަމަލާތައް ހުއްޓާލުމަށް ރާއްޖެއިން ވަނީ ގޮވާލާފައެވެ. ގަލްފް ސަރަހައްދުގައި ސުލްހައާއި ހަމަޖެހުމާއި ރައްކާތެރިކަން ގެނައުމަށްޓަކައި ބައިނަލްއަޤުވާމީ މުޖުތަމައުން ކުރަމުންދާ ޑިޕްލޮމެޓިކް މަސައްކަތްތައް އިތުރަށް ވަރުގަދަކުރުމަށް ދިވެހި ސަރުކާރުން ވަނީ ގޮވާލާފައެވެ. އިސްރޭލާއި އެމެރިކާ ގުޅިގެން އީރާނަށް ހަމަލާތައް ދޭންފެށީ މި ވިޔަ މަހުގެ 28 ވަނަ ދުވަހެވެ. އެ ހަމަލާތަކުގައި އީރާނުގެ އެންމެ މަތީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ ޝަހީދުކޮށްލިއެވެ. އޭގެ ރަށްދެއްގެ ގޮތުން އީރާނުންވަނީ ހަނގުރާމަ އިއުލާންކޮށް، ގަލްފް ސަރަހައްދުތަކުގައިި ގާއިމްކޮށްފައި ހުރި އެމެރިކާގެ ބޭސްތަކާއި، އިދާރާތަކަށް ހަމަލާ ދޭން ފަށާފައެވެ. އެގޮތުން އެސަރަހައްދުގެ ބައެއް ވައިގެ ބަނދަރުތަކަށްވެސް ހަމަލާތައް ވަނީ ދީފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ