ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އެއްކޮށްލަން މަޖިލީހުން ފާސްކޮށްފައިވާ ބިލު ބާތިލުކޮށްދިނުމަށާއި އެކަމާ މެދު ރައްޔިތުންގެ ހިޔާލު ހޯދަން ނަގާ ވޯޓު ހުއްޓުވައިދިނުމަށް އެދި ސުޕްރީމް ކޯޓަށް ދުސްތޫރީ ދެ މައްސަލަ މިއަދު ހުށަހަޅައިފި އެވެ.
ވީ ކިހިނެއް؟ - މިހާރު ހިނގަމުންދާ 20 ވަނަ މަޖިލީހުގެ ފަސް އަހަރުގެ ދައުރު 1 ޑިސެމްބަރު 2028އަށް ކުރުކޮށް، މަޖިލިސް އިންތިހާބާއި ރިޔާސީ އިންތިހާބު އެއްކޮށްލުމަށް ގާނޫނުއަސާސީއަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހު މަޖިލީހުން ފާސްކޮށް، މިދިޔަ މަހުގެ 11ގައި ބިލު ތަސްދީގުކުރަން ވަނީ ފޮނުވާފަ އެވެ.
އެކަމަކު އިސްލާހު ތަސްދީގުކުރުމުގެ ކުރިން، އެކަން ކުރަން ފެނޭތޯ ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓެއް ނަގަންޖެހެ އެވެ.
އެހެންވެ، މިދިޔަ މަހުގެ 16ގައި ރައީސް މުހައްމަދު މުއިއްޒު ނެރުއްވި ގަރާރެއްގައި ހިޔާލު ހޯދުމުގެ ވޯޓު ނަގަން ނިންމާފައިވަނީ އަންނަ މަހުގެ 4ގަ އެވެ.
ތަފްސީލް - ރައީސް އޮފީހަށް ރައްދުވާ ގޮތަށް ސުޕްރީމް ކޯޓަށް މިއަދު ހުށަހަޅާފައިވާ ދެ މައްސަލައަކީ:
ކުރިއަށް އޮތް ކައުންސިލް އިންތިހާބާ އެކު ނަގާ ފެންނަ ނުފެންނަ ވޯޓު ހުއްޓުވައިދިނުމަށް އެދި
ހިޔާލު ހޯދުމުގެ ވޯޓަކީ ގާނޫނުއަސާސީއާ ހިލާފު ވޯޓެއް ކަމަށް ކަނޑައަޅައިދިނުމަށާއި ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮށްލަން ގާނޫނުއަސާސީއަށް ގެނެސްފައިވާ އިސްލާހު ބާތިލުކޮށްދިނުމަށް އެދި
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އެއްކޮށްލަން މަޖިލީހުން ފާސްކޮށްފައިވާ ބިލު ބާތިލުކޮށްދިނުމަށް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ހުސެެއިނެވެ. އެއީ، ބިލެއް ތަސްދީގުކުރަން ގާނޫނުއަސާސީގައި ބުނާ 15 ދުވަހުގެ މުއްދަތު ފަހަނައަޅާ ދިޔައިރު، އެ ބިލު ރައީސް މުހައްމަދު މުއިއްޒު ތަސްދީގުކުރައްވާފައިނުވާ ކަމަށް ވިދާޅުވެ އެވެ.
އޭނާ ހުށަހެޅުއްވި މައްސަލާގައި އެދިވަޑައިގެންފައިވަނީ، ގާނޫނުއަސާސީއަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ބިލެއް ތަސްދީގުކުރުމާ މެދު ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓެއް ނެގުމަށް ގާނޫނުއަސާސީގައި ބުނެފައިވާ މުއްދަތުތައް ފަހަނައަޅާފައިވާތީ، އެ ބިލަކީ މިހާރު ބާތިލުވެފައިވާ ބިލެއް ކަމަށް ކަނޑައަޅައި ދެއްވުމަށެވެ.
އެ ބިލު ފާސްކުރުމަށް ފެނޭތޯ ބެލުމަށް ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓެއް ނެގުމަކީ ގާނޫނުއަސާސީގެ 264 ވަނަ މާއްދާއާ ހިލާފު ކަމެއް ކަމަށް ކަނޑައަޅައި ދެއްވުމަށް ވެސް އެދިވަޑައިގެންފައިވެ އެވެ.
އެގޮތުން، އެ މައްސަލާގައި ބުނެފައިވަނީ:
ގާނޫނުއަސާސީއަށް ގެންނަ ކޮންމެ އިސްލާހެއް ވެސް ތަސްދީގުކުރުމަށް ރައީސަށް ދީފައިވަނީ 15 ދުވަހުގެ މުއްދަތެއް؛ ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓަށް އަހަންޖެހޭ ބިލުތަކާއި އެ ނޫން ބިލުތައް ތަސްދީގުކުރުމުގެ މުއްދަތު ތަފާތުކޮށްފައެއް ނެތް
އެ މާއްދާގައި ބަޔާންކުރާ 15 ދުވަހުގެ ތެރޭގައި ބިލު ތަސްދީގުނުކޮށްފި ނަމަ އަދި ތަސްދީގުނުކުރުމަށް ނިންމައި މަޖިލީހަށް އެކަން އަންގާފައިނުވާ ނަމަ އެ ބިލެއް ތަސްދީގުވީ ކަމުގައި ބަލަންވާނެ ކަމަށް ގާނޫނުއަސާސީ ބުނޭ
ނަމަވެސް، އެ ބިލު ތަސްދީގުކުރުމުގެ ކުރިއަށް ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓެއްގެ އަގުލަބިއްޔަތު އެ ބިލަކަށް ލިބެންޖެހޭ
ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށް، ތަސްދީގުކުރުމަށްޓަކައި ރައީސް މުއިއްޒަށް ފޮނުވީ މިދިޔަ 11 ފެބުރުއަރީގައި ކަމަށްވާއިރު، އެ ބިލު ތަސްދީގުކުރަން އޮތް މުއްދަތުގައި ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓަކަށް އައްސަވާފައެއް ނުވޭ
"ބިލު ތަސްދީގުނުކުރަން ނިންމައި އެކަން ރައްޔިތުންގެ މަޖިލީހަށް އަންގާފައި ވެސް ނުވެ އެވެ. އެހެންކަމުން، ގާނޫނުއަސާސީއަށް އިސްލާހެއް ގެނައުމުގެ ބިލެއް ތަސްދީގުކުރުމުގެ މުއްދަތުތައް ކަނޑައަޅާފައިވާ، ގާނޫނުއަސާސީގެ 264 ވަނަ މާއްދާގެ (ހ)ގެ އިމުން ބޭރުވެފައިވާތީ މި ބިލަކީ މިހާރު ބާތިލުވެފައިވާ ބިލެކެވެ،" ކޯޓަށް ހުށަހަޅާފައިވާ މައްސަލާގައިވެ އެވެ.
ފެންނަ ނުފެންނަ ވޯޓު ހުއްޓުވައިދިނުމަށް އެދި މައްސަލަ ހުށަހެޅުއްވީ ގާނޫނީ ވަކީލު އިބްރާހިމް ޝިޔާމް އާއި އައިކު އަހުމަދު އީސާ އެވެ. އެ މައްސަލަ ހުށަހަޅުއްވާފައިވަނީ، ފެންނަ ނުފެންނަ ވޯޓުގައި އަހަން ކަނޑައަޅާފައިވާ ސުވާލަކީ ގާނޫނުއަސާސީން ލާޒިމުކުރާ އުސޫލަށް ނުފެތޭ ސުވާލެއް ކަމަށް ވިދާޅުވެ އެވެ.
އެގޮތުން، އެ މައްސަލާގައި ބުނެފައިވަނީ:
ވޯޓަށް އަހަންޖެހޭނީ ގާނޫނުއަސާސީއަށް އެ އިސްލާހެއް ގެނައުމަށް ރުހޭތޯ
ނަމަވެސް ރައީސް މުހައްމަދު މުއިއްޒު ނެރުއްވާފައިވާ ގަރާރާއި އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާ އިއުލާނުގައިވާ އިންތިހާބުގެ ސުވާލުގައި ބުނެފައިވަނީ "ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެކުގައި ބޭއްވުމަށާއި ރައްޔިތުންގެ މަޖިލީހުގެ އުމުރު ގުނުމުގެ އުސޫލު ބަޔާންކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވައިފައިވާ ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރެއްވުމަށް ފެނޭ ހެއްޔެވެ؟"
ގާނޫނުއަސާސީއަށް 8 ވަނަ އިސްލާހު ގެނައުމުގެ ބިލުގައި ގާނޫނުއަސާސީގެ 262 ވަނަ މާއްދާގެ އިމުގެ ބޭރުން ވެސް ކަންކަން ހިމަނާފައިވޭ
"މުޅި ބިލު ތަސްދީގުކުރުމަށް ފެނޭތޯ އެހުމަކީ ގާނޫނުއަސާސީއަށް ގެނެވޭ ހަގީގީ ބަދަލު ރައްޔިތުންނަށް ވަންހަނާ ވެގެންދާނޭ ގޮތަށް ފަރުމާކޮށްފައިވާ ސުވާލެކެވެ. އެހެންކަމުން، މި ސުވާލަކީ ގާނޫނުއަސާސީގެ 262 ވަނަ މާއްދާގެ (ށ) އިން ލާޒިމުކުރާ އުސޫލުތަކުގެ ތެރެއިން ފަރުމާކޮށްފައިވާ ސުވާލަކަށް ނުވާތީ، އެ ސުވާލުގެ މައްޗަށް ބިނާކޮށް، 4 އޭޕްރިލްގައި ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ބާއްވައިގެން ނުވާނެކަމަށް ކަނޑައަޅުއްވައި ދެއްވުން އެދި މައްސަލަ ހުށަހަޅަމެވެ،" ކޯޓަށް ހުށަހެޅި މަައްސަލާގައިވެ އެވެ.
2 އިންތިހާބު އެއްކޮށްލުމުގެ ބިލު ބާތިލުކޮށް ހިޔާލު ހޯދުމުގެ ވޯޓު ހުއްޓުވަން ކޯޓަށް ދުސްތޫރީ މައްސަލަތަކެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ