ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމަށާއި، ބަނގުރަލުގެ ވިޔަފާރިއާ ދެކޮޅަށް ފުލުހުން ކުރަމުންދާ ހާއްސަ މަސައްކަތްތަކުގެ ތެރެއިން ދެ ބިދޭސީން ހައްޔަރުކޮށްފި ކަމަށް ފުލުހުން ބުނެފިއެވެ.
މި މައްސަލަތަކާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އެމްޑީ ހާރުން މިއާ (47އ) އާއި ސްރީލަންކާގެ ރައްޔިތެއް ކަމަށްވާ ހުސްމާން ރަސިކް އަރްސިލް އަލީމް (26އ) އެވެ. މި ދެމީހުން ވެސް ހައްޔަރުކޮށްފައި ވަނީ އިއްޔެގެ ވަގުތެއްގައި ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން މައުލޫމާތު ދޭ ގޮތުގައި، އެމްޑީ ހާރުން މިއާ ހައްޔަރު ކުރީ ގަވާއިދާ ހިލާފަށް ބަނގުރާ ގެންގުޅެ، އޭގެ ވިޔަފާރިކުރާ ކަމަށް ތުހުމަތު ކުރެވޭތީއެވެ. ޑްރަގް އެންފޯސްމަންޓާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި މި އޮޕަރޭޝަންގައި، އޭނާއާ ގުޅުންހުރި މާލޭގެ ދެ އެޕާޓްމަންޓެއް ބަލައިފާސްކުރި އިރު، ބަނގުރާ ކަމަށް ބެލެވޭ އެއްޗެއް ހުރި 5 ލީޓަރުގެ 4 ފުޅިއާއި، 500 އެމްއެލްގެ 126 ފުޅީގެ އިތުރުން 14 ހަން ފެނިފައިވެއެވެ. މި މައްސަލައިގެ އިޖުރާއަތްތައް ފުރިހަމަކުރުމަށްފަހު، އޭނާ މިހާރު ވަނީ ޑީޕޯޓްކުރުމަށްޓަކައި މޯލްޑިވްސް އިމިގްރޭޝަނާ ހަވާލުކޮށްފައި ކަމަށް ފުލުހުން ބުނެއެވެ.
ސްރީލަންކާގެ ރައްޔިތެއް ކަމަށްވާ ހުސްމާން ރަސިކް އަރްސިލް އަލީމް ހައްޔަރުކޮށްފައި ވަނީ ކިލޯއަކަށް ވުރެ ގިނަ މަސްތުވާތަކެތި ރާއްޖެ އެތެރެކުރި މައްސަލައެއްގައެވެ. އޭނާ ހައްޔަރުކުރީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން އޭނާ ހިފަހައްޓައި ފުލުހުންނާ ހަވާލުކުރުމުންނެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އޭނާ ހަތް ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް އަމުރުކޮށްފައި ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ގެންދަނީ މި ދެ މައްސަލަ ވެސް އިތުރަށް ތަހުގީގު ކުރަމުންނެވެ.
ގިނަ އަދަދެއްގެ ބަނގުރަލާއި މަސްތުވާތަކެއްޗާއެކު ސްރީލަންކާ އަދި ބަންގްލަދޭޝް މީހަކު ހައްޔަރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ