އިންތިހާބަށް ހެންވޭރު ދަނޑުގައި ޓެންޓެއް ޖެހުމުން ސާފް މުބާރާތަށް ބުރޫ އަރައިފި އިންތިހާބަށް ހެންވޭރު ދަނޑުގައި ޓެންޓެއް ޖެހުމުން ސާފް މުބާރާތަށް ބުރޫ އަރައިފި

އަންނަ ހޮނިހިރު ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގެ މަސައްކަތް ކުރުމަށްޓަކައި، ހެންވޭރު ދަނޑުގައި ބޮޑު ޓެންޓެއް ޖަހާފައިވާއިރު، އެ ނިންމުމާ އެކު މިހާރު ރާއްޖޭގައި ކުރިއަށްދާ ސާފް 20 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތުގައި ވާދަކުރާ ޓީމުތަކުން މުހިންމު މެޗުތަކަށް ނުކުންނައިރު އުނދަގޫތަކަކާ ކުރިމަތިލާން ޖެހިއްޖެ އެވެ.
މިއީ، ރާއްޖޭގައި ސާފްގެ އުމުރުފުރާ ފުޓްބޯޅަ މުބާރާތެއް ބާއްވާ ފުރަތަމަ ފަހަރެވެ. ޖުމްލަ އެކު، ސާފްގެ ހަތް ގައުމު ބައިވެރިވި މި މުބާރާތް މި މަހުގެ 23 ވަނަ ދުވަހު ފަށައި، 28 ވަނަ ދުވަހު ވަނީ ގްރޫޕް ސްޓޭޖުގެ މެޗުތައް ނިމިފަ އެވެ. އެ ދުވަހު، ސްޕޯޓްސް މިނިސްޓްރީގެ ބެލުމުގެ ދަށުގައި އޮތް ހެންވޭރު ބޯޅަ ދަނޑު ވަނީ އިލެކްޝަން ކޮމިޝަނަށް ނަގައިފަ އެވެ.
މީގެ ކުރިން، މި މަހު 31 ވަނަ ދުވަހު (މިއަދު) އިލެކްޝަނަށް ދޫކުރަން ވާހަކަ ދެކެވިފައި އޮތް ދަނޑު، އެންމެ ފުރަތަމަ މަޝްވަރާކުރެވިފައިވާ ގޮތަށް މި މަހު 28 ވަނަ ދުވަހު، (މިދިޔަ ހޯމަ ދުވަހު) އިލެކްޝަން ކޮމިޝަނަށް ދޫކުރީ އެވެ.
ހެންވޭރު ދަނޑުގައި އިލެކްޝަން ކޮމިޝަނުން ޖަހާފައިވާ ޓެންޓް.---- ފޮޓޯ: އިމްތިޔާޒް މޫސާ / އަދަދު ސްޕޯޓްސް
މި ނިންމުމާ އެކު، މާދަމާ ސާފް 20 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުގަައި ވާދަކުރަން އޮތް ހަތަރު ގައުމު އިންޑިއާ، ބޫޓާން، ބަންގްލަދޭޝް އަދި ނޭޕާލަށް ސެމީ ފައިނަލުގެ ކުރިން ވިނަ ދަނޑެއްގައި ޕްރެކްޓިސް ކުރުމަށް ލިބިފައި އޮތް ފުރުސަތު ބަންދުވީ އެވެ.
އެ ޓީމުތަކުން މުބާރާތުގެ މުހިންމު، ނޮކައުޓް މެޗަކަށް ކުރިމަތިލާން ޖެހިފައި މި ވަނީ އެކަށީގެންވާ މާހައުލެއްގައި ތައްޔާރުވެލަން ފުރުސަތު ނުލިބި އެވެ.
"އަދަދު ސްޕޯޓްސް" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، ސެމީ ފައިނަލުގައި ވާދަކުރާ ޓީމުތަކުން ވަނީ އެފްއޭއެމް އާއި ސާފަށް ވެސް މި ކަންބޮޑުވުންތައް ހިއްސާކޮށްފަ އެވެ. އެކަމަކު، މި އަށް އެކަށޭނެ ހައްލެއް ލިބިފައިނުވެ އެވެ. އޭގެ އެންމެ ބޮޑު އެއް ސަބަބަކީ، ގަލޮޅު ދަނޑު ވެސް އެ ޓީމުތަކުގެ ޕްރެކްޓިހަށް ދޫކުރެވެން ނެތުމެވެ. އެއީ، އޭޝިއަން ކަޕް ކޮލިފައިންގައި މިއަދު ހަވީރު ރާއްޖޭން ޓިމޯ ލެސްޓޭއާ ދެކޮޅަށް ކުޅޭ މެޗަށް އޭއެފްސީގެ ގަވާއިދާ އެއްގޮތަށް އެ ދަނޑުގެ ކަންކަން ކުރިއަށްގެންދަން ޖެހޭ މުއްދަތަކަށް ވުމުންނެވެ.
ސާފް 20 އަހަރުން ދަށުގެ މުބާރާތުގައި ވާދަކުރި ރާއްޖޭގެ ޓީމު ވަނީ ގްރޫޕް ސްޓޭޖުން މުބާރާތުން ކަޓައިފަ އެވެ. އެއިީ، ގްރޫޕްގެ ފުރަތަމަ މެޗުން 3-2 އިން ސްރީ ލަންކާ އަތުން ބަލިވެ، ދެން ކުޅުނު ދެ މެޗުން، 0-0 އިން ބޫޓާނާ އެއްވަރުވުމާއި 1-1 އިން ނޭޕާލާ އެއްވަރުވެގެންނެވެ. ސެމީ ފައިނަލުގަައި މާދަމާ ހަވީރު ނޭޕާލާއި ބަންގްލަދޭޝް ބައްދަލުކުރާއިރު، މާދަމާރޭ އޮތީ އިންޑިއާ އާއި ބޫޓާން ބައްދަލުކުރާ މެޗެެވެ.
ހެންވޭރު ދަނޑުގައި އިލެކްޝަން ކޮމިޝަން އިން ޖަހާފައިވާ ޓެންޓް.--- ފޮޓޯ: އިމްތިޔާޒު މޫސާ / އަދަދު ސްޕޯޓްސް
މިދިޔަ ޖެނުއަރީ މަހު، ބިންވެރިޔާ ސްކީމްގެ ދަށުން ގިރާވަރުފަޅުން ގޯތި ލިބިފައިވާ ފަރާތްތަކުގެ ގުރުއަތުލުން މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ އިން ކުރިއަށްގެންދިޔައީ ސޯޝަލް ސެންޓަރު އިންޑޯ ހޯލުގަ އެވެ. ޖެނުއަރީ މަހުގެ 31 ވަނަ ދުވަހު ގިރާވަރުފަޅުން ގޯތި ލިބިފައިވާ ފަރާތްތަކުގެ ގުރުއަތުލުން ސޯޝަލް އިންޑޯގައި ކުރިއަށްދިޔައިރު، އެރޭ އެކަން ވަނީ ނިމިފަ އެވެ. އެހެން ނަމަވެސް، ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ)ގެ ކްލަބް މުބާރާތުގައި ވާދަކުރާ ޓީމުތަކަށް ސޯޝަލް އިންޑޯގައި ޕްރެކްޓިސް ކޮށްލަން ނުލިބޭ ކަމުގެ ޝަކުވާ ސޯޝަލް މީޑިއާގައި، ޓީމުތަކުގެ ކުޅުންތެރިންނާއި އޮފިޝަލުން ވަނީ ހިއްސާކޮށްފަ އެވެ.
މިކަމާ ގުޅޭގޮތުން، "އަދަދު ސްޕޯޓްސް" އިން ކުރި ސުވާލަށް ސްޕޯޓްސް މިނިސްޓްރީގެ އޮފިޝަލް ބުނެފައިވަނީ، ވޮލީބޯލް އެސޯސިއޭޝަނުން ކާވާ މުބާރާތް ބޭއްވުމަށް ސޯޝަލް އިންޑޯ ހޯދަން އެދިފައިވަނީ، ފެބްރުއަރީ މަހު އެއް ވަނަ ދުވަހުން ފެށިގެން ކަމަށާއި އެދިފައިވާ ގޮތަށް އެ ދުވަހު އެސޯސިއޭޝަނަށް އިންޑޯ ހަވާލުކުރެވުނު ކަމަށެވެ.
އެހެން ނަމަވެސް، ސާފް 20 އަހަރުން ދަށުގެ މުބާރާތުގައި، ހެންވޭރު ދަނޑުގައި، އިލެކްޝަން ކޮމިޝަނަށް ދޫކޮށްގެން ޓެންޓް ޖަހާފައި މި ވަނީ، ރާއްޖެ އަށް އަންނަ ބޭރު ގައުމުތަކުގެ ޓީމުތަކުން ވިނަ ދަނޑެއްގައި ޕްރެކްޓިސް ކޮށްލަން ލިބިފައިވާ މަދު ވަސީލަތްތަަކަށް ބެލުމެއް ނެތި، މުބާރާތެއްގެ މެދުތެރެއިންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ