މާލެ އާއި ހުޅުމާލޭގެ ކަރަންޓް ވިއުގަ ޑިޒައިން ކުރަން ބޭރު ކުންފުންޏަކާ ހަވާލުކޮށްފި

މާލެ އާއި ހުޅުމާލޭގެ ކަރަންޓު ވިއުގަ، މާލެ އާއި ހުޅުލެއާ ދެމެދު އަޅާ ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބުރިޖުގެ މަތިން ގުޅުވާލުމުގެ މަސައްކަތުގެ ޑިޒައިނާއި ޓެންޑާ ޑޮކިއުމެންޓް ހެދުމަށް އިނގިރޭސި ވިލާތުގެ ސީމަންސް ކުންފުންޏާ ހަވާލުކޮށްފި އެވެ. މިއަދު އެންވާރަމެންޓް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެންވާރަމެންޓް މިނިސްޓަރު ތޯރިގު އިބްރާހީމާއި ސީމަންސް ކުންފުނީގެ ފައިނޭންޝަލް ކޮންޓްރޯލާ މާކް ލޫން އެވެ. އެ މަސައްކަތަކީ ސަރުކާރުގެ ބަޖެޓުން 369،051 ޑޮލަރު ޚަރަދުކުރާ މަސައްކަތެކެވެ. ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެންވާރަމެންޓް މިނިސްޓަރު ތޯރިގް ވިދާޅުވީ މާލެއާއި ހުޅުމާލެއަކީ ރާއްޖޭގައި އެންމެ ބޮޑަށް ކަރަންޓު އުފައްދާ ދެ ރަށް ކަމުގައިވާ އިރު، އެއް ވިއުގައަކުން ކަރަންޓު ގުޅުވާލުމަކީ ކަރަންޓުގެ ޔަގީންކަން އިތުރުވެގެން ދާނެ ކަމެއް ކަމަށެވެ. މާލެއާއި ހުޅުމާލޭގެ ކަރަންޓު ވިއުގަ ގުޅުވާލުމަށް ނިންމާފައި ވަނީ ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބުރިޖުގެ ދަށުން ނުވަތަ އެ ބްރިޖުގެ ތެރެއިންނެވެ. އެންވާރަމެންޓް މިނިސްޓްރީން ބުނާ ގޮތުގައި އެކަން އެ ގޮތަށް ކުރެވުމުން، މާލެ ސަރަހައްދުގައި ކަރަންޓު ޚިދުމަތް ދިނުމަށް ކުރަން ޖެހޭ ހޭދަ ދަށް ކުރެވޭނެ އެވެ. މިނިސްޓަރު ވިދާޅުވީ މާލެއާއި ހުޅުމާލޭގައި ވެސް އިޔާދަ ކުރަނިވި ހަކަތަ ވެސް މި ވިއުގައިގެ ތެރެއިން ދެ ރަށަށް ފޯރުކޮށްދެވޭނެ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ މާލޭގެ އާބާދީއާއި ކަރަންޓަށް އޮތް ޑިމާންޑު ބޮޑުވަމުން ދިޔަ ނަމަވެސް މާލެއަށް ޚިދުމަތްދޭ ސްޓެލްކޯގެ ޚިދުމަތް ފުޅާ ކުރުމަށް ޖާގައިގެ ދަތިކަން އޮތް ކަމަށެވެ. "ސްޓެލްކޯ އަށް ބޭނުންވާ އަށް މެގަވޮޓުގެ ޖެނެރޭޓަރު ގެނައުމުން ސްޓެލްކޯގައި މާލެއިން އިތުރަށް ފުޅާ ކުރާނެ ޖާގައެއް ނެތް. ހުޅުމާލެއިން ސްޓެލްކޯޢަށް ބޭނުންވާ ބިން މިހާރު ވަނީ ދީފައި. ކުރިޔަށް އޮތް ތަނުގައި ހުޅުމާލެ އެކްސްޕޭންޑުވެގެން ދާ އިރު ހުޅުމާލޭގެ ކަރަންޓް ބޭނުންވާ ޖެނެރޭޓަރު އިތުރު ކުރަމުން އެއް ވިއުގައިން ގުޅާލީމާ މާލޭގައި ކަރަންޓު އުފެއްދުމެކޭ ހުޅުމާލޭގައި އުފެއްދުމެކޭ، ހަމަ އެއް ތަނަކު ޖެހޭނީ،" މިނިސްޓަރު ވިދާޅުވީ ސީމަންސްއާ މިއަދު ހަވާލުކުރީ އެ މަސައްކަތް ކުރުމަށް ކަމަށާއި، ހަދަން ޖެހޭ ދިރާސާތަކާ ޑިޒައިނާއި ޓެންޑާ ޑޮކިއުމެންޓުގެ އިތުރުން ބިލް އޮފް ކުއަންޓިޓީޒް މި އަހަރު ނިމުމުގެ ކުރިން ހަދައި ނިމި، ބުރިޖުގެ މަސައްކަތް ނިމުމާ އެކު ކަރަންޓު ވިއުގައިގެ މަޝްރޫއު ވީހާ ވެސް އަވަހަކަށް ފަށާނެ ކަމަށެވެ. އަދި މިއީ ރާއްޖޭގައި ކަރަންޓު ފޯރުކޮށްދިނުމުގެ ދާއިރާގައި މީގެ ކުރިން ކޮށްފައި ނުވާ ވަރުގެ ބޮޑު މަޝްރޫއެއް ކަމަށް މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ