އިންތިހާބަށް ދައުލަތުގެ މުދާ ބޭނުން ކުރާ މައްސަލަ ހައްލެއް ނުވޭ: ނަޝީދު

އިންތިހާބުތަކާ ބެހޭ އާންމު ގާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހުތަކުން ދައުލަތުގެ މުދާ ބޭނުން ކުރާ މައްސަލަ ހައްލު ނުވާ ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.
ސަރުކާރުގެ ފަރާތުން ހެންވޭރު އުތުރު ދާއިރާގެ މެންބަރު އިބްރާހީމް މުއިއްޒު ހުށަހެޅުއްވި އެ އިސްލާހުގައި މައިގަނޑު ގޮތެއްގައި އޮތީ ކެންޑިޑޭޓުންނަށް ވައުދުވެވޭނެ ކަންކަމާއި ރިޝްވަތުގެ ގޮތުގައި ބެލިދާނެ ކަންކަން ބަޔާން ކޮށްފަ އެވެ.
އެ އިސްލާހުގެ ބަހުސް މަޖިލީހުގައި މިއަދު ފެށުމާ އެކު ނަޝީދު ވިދާޅުވީ އީޔޫގެ އިލެކްޝަން އޮބްޒަވޭޝަން ޓީމެއެ މަޖިލީހަށް ވަޑައިގެން އެމަނިކުފާނާ ބައްދަލު ކުރެއްވި ކަމަށެވެ.
އެ ބޭފުޅުން ކަންބޮޑުވުން ފާޅުކުރެއްވި ކަންކަން މި އިސްލާހުގެ ތެރެއިން ހައްލު ވެފައި ނުވާ ކަމަށް ނަޝީދު ވިދާޅުވި އެވެ.
"ހާއްސަކޮށް ދައުލަތުގެ މުދާ އިންތިހާބަށް ބޭނުން ކުރުމާއި ދައުލަތުގެ މީޑިއާ ހަމައެކަނި ވެރިކަމުގެ ފަރާތުން ބޭނުން ކުރަމުން ގެންދިޔުން މި ދެ ކަންތަކުގެ ކަންބޮޑުވުންގެ ގޮތުގައި ފާހަގަ ކުރެއްވި،" ނަޝީދު ވިދާޅުވި އެވެ.
އެ މައްސަލަ އަށް ގާނޫނީ ފަރުވާ އެއް ހޯދުމަކީ މުހިންމު ކަމެއް ކަމަށް ނަޝީދު ވިދާޅުވި އެވެ.
ކޮންމެ އިންތިހާބެއްގައި ވެސް އެ އިރެއްގެ ވެރިކަމުގައި އޮންނަ ފަރާތަކަށް ދައުލަތުގެ މުދާ ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ތުހުމަތު އާދެ އެވެ.
އެފަދަ މައްސަލަތައް ބެލުމާއި ފިޔަވަޅު އެޅުމުގެ ބާރު އޮންނަނީ އެންޓި ކޮރަޕްޝަން ކޮމިޝަނަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ