ރައީސްގެ ފޯމިއުލާއިން ގާސިމް ގެއްލިއްޖެ: ދެން ހައްދަވާނީ ކިހިނެއް؟
ސިޔާސީ މަސައްކަތުގައި ތިބޭނީ އެކުވެރިންނެއް ނޫނެވެ. ގާތް މީހުންނެއް ނޫނެވެ. އެ އިރަކު އެއް ކަމެއްގައި ހިޔާލު އެއްގޮތްވާ މީހުންނެވެ. ކޯލިޝަނެއްގެ މަސްދަރަކީ ވެސް އެއީއެވެ. އެއް ކަމެއްގައި ހިޔާލު އެއްގޮތް ވުމުން އެ ކަމެއްގައި އެކުގައި މަސައްކަތް ކުރަނީއެވެ. އެ އެއްގޮތްކަން ނެތި ދާއިރު، ބަދަހި އެކުވެރިކަން ނިމިދެއެވެ. ހަތުރުން މިތުރުންނަށްވެ، މިތުރުން ހަތުރުންނަށް ވުމީ ދިވެހި ސިޔާސީ މައިދާނުގައި ވެސް އާ ކަމެއް ނޫނެވެ. އެއީ، ސިޔާސީ ކަންކަމުގައި އޮންނަ އުސޫލެވެ. އެމްޑީޕީގެ ރިޔާސީ ޓިކެޓު ލިބިވަޑައިގެން ރައީސް އިބްރާހިމް މުހައްމަދު ޞާލިހަށް މިއަދުގެ ތަޖުރިބާ ހިއްޗެވެ. އަމިއްލަފުޅު ޕާޓީގެ މެންބަރުންނާ މެދު "މޫނު ކެނޑޭ" ހިސާބަށް ދިޔައީ ކޯލިޝަން ދަމަހައްޓަން ކުރެއްވި މަސައްކަތުގެ ސަބަބުންނެވެ. ކޯލިޝަން ޕާޓުނަރުން ރުއްސަން އެ މަނިކުފާނު ކުރެއްވި ކަންކަން އެމްޑީޕީއަށް ކަމުނުދިޔުމުންނެވެ. އެކަމަކު، ބޮޑު ކޯލިޝަނަކުން އިންތިޚާބު ކާމިޔާބު ކުރައްވަން އެ މަނިކުފާނު ޖައްސެވި ފޯމިއުލާގައި އެންމެ މުހިއްމު އެއް ބައިވެރިޔާ އެ ގެއްލުނީއެވެ. https://sun.mv/175097 އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވެސް އެ މަނިކުފާނު ތަކުރާރު ކުރެއްވީ އެ ވާހަކަފުޅެވެ. ގިނިކަންޏާ ރިޔާސީ އިންތިޚާބު ކާމިޔާބު ނުކުރެއްވޭނެ ކަމެވެ. އެހެންވެ، ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ތާއީދު ހޯދަން އެތައް މަސައްކަތެއް ކުރެއްވިއެވެ. އެތައް ފަހަރަކު އެތައް ބައްދަލުކުރެއްވުމެއް ވެސް ބޭއްވެވިއެވެ. ރާއްޖޭގައި ޑިމަކްރަސީއެއް ނެތް ޒަމާނު، މި ދެކޭ ޑިމަކްރަސީއަށް ކުރި ދަތުރުގައި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމަކީ މުހިއްމު ބައިވެރިއެކެވެ. އާ ގާނޫނު އަސާސީ ފަރުމާ ކުރުމުގެ މަސައްކަތުން ފެށިގެން މި ތަނުގައި ޑިމަކްރަސީ ފަތުރަން ވެސް އޭނާ އެތައް މަސައްކަތެއް ކުރިއެވެ. އޭނާ މި އަހަރުގެ ރިޔާސީ އިންތިޚާބަށް ނުކުންނަވަން ނިންމެވުމަކީ އެއީ ސިހުމެއް ނޫނެވެ. މާ ދުރުން ފެނިފެނި އޮތް ކަމެކެވެ. އިއްޔެ އޮތް ޖުމްހޫރީ ޕާޓީގެ 151ވަނަ ކައުންސިލް ބައްދަލުވުމުގެ އިއްތިފާގުން ނިންމީ އެ ޕާޓީން މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރާށެވެ. ރައީސް ޞާލިހާ އެކު ދަމަހައްޓަމުން އައި ކޯލިޝަނުން ބޭރުވެ، ވަކިން އިންތިޚާބަށް ނުކުންނާށެވެ. ނަޝީދާއި ގާސިމް އިންތިޚާބަށް ނުކުންނަވާނީ އެކީގައި އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަކީ ރައީސް ޞާލިހްގެ އެންމެ ގާތް އެކުވެރިޔާއެވެ. ކުޑައިރުގެ މިތުރުންނެވެ. ފެށުނީއްސުރެ އެކުގައި ސިޔާސީ މަސައްކަތް ކުރެއްވި ދެ ބޭފުޅުންނެވެ. ނިމިދިޔަ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ނަޝީދަށް އިއްވި 13 އަހަރުގެ ޖަލު ހުކުމުގެ ސަބަބުން 2018ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަނުކުރެއްވުނީއެވެ. އޭރު މުޅި އެމްޑީޕީ އޮތީ އެކަތިގަނޑެއްގެ ގޮތުގައި ނަޝީދުގެ ފަހަތްޕުޅުގައެވެ. އެ ވަގުތު ވެސް އެ މަނިކުފާނު އެންމެ އިތުބާރު ކުރައްވާ، ގައުމުގެ ވެރިކަމަށް އިސްކުރަން އިޚްތިޔާރު ކުރީ ރައީސް ޞާލިހެވެ. އެއީ، އޭރު އެ ދެ ބޭފުޅުން އެކަކު އަނެކަކަށް ކުރެއްވި އިތުބާރެވެ. އެކަމަކު، ވެރިކަމަށް އައުމަށް ފަހުގައި ކޯލިޝަނާ ހެދި ރައީސް ޞާލިހް އުޅުއްވި ވަރުން، ނަޝީދާ ދެމެދު ހިޔާލު ތަފާތުވުން ބޮޑުވީއެވެ. އެ ހިސާބުން އުފެދުނު އަރައިރުމުގައި މިއަދު ނަޝީދު އެ ހުންނެވީ ރައީސް ޞާލިހް ނޫން ގޮތެއް ހޯއްދަވަން ނުކުންނަވައިގެންނެވެ. މި އަހަރުގެ ރިޔާސީ އިންތިޚާބަށް ގާސިމް ނެރެން އެކި ގޮތްގޮތުން ލޮބީ ކުރައްވާފައި، ވާދަކުރައްވަން ގާސިމް ނިންމެވުމާ އެކު ނަޝީދުގެ 'ފިކުރެއްގެ ދިރުމުން' ވަނީ އެ ނިންމުމަށް މަރުހަބާ ކިޔައިފައެވެ. މި އަހަރު ނަޝީދުގެ ކެންޑިޑޭޓަކަށް ވާނީ ގާސިމެވެ. އެ މަނިކުފާނު ހުންނަވާނީ ޖޭޕީއާ އެކީއެވެ. https://sun.mv/174294 ނަޝީދުގެ އަރިސް، ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު ނަން ނުޖަހަން ޝަރުތުކޮށް ވިދާޅުވިގޮތުގައި މިހާރު އެއީ ޝައްކެއް ނޫނެވެ. ނަޝީދު މި އިންތިޚާބުގައި ގާސިމްގެ ފަހަތްޕުޅަށް އަރުއްވާނެއެވެ. އެ ކަމާ މެދު އޭނާ އެއްވެސް ޝައްކެއް ނުކުރައްވައެވެ. "އަޅުގަނޑުގެ ހިތުގައި ޝައްކު ހިނގާކަމެއް ނޫން. ގާސިމްގެ ފަހަތްޕުޅަށް ރައީސް ނަޝީދު އަރާވަޑައިގަންނަވާނެކަމީ ޝައްކެއް އޮތް ކަމެއް ނޫން. އެއީ ހަމަ ވާނެކަމެއް،" އެ މެމްބަރު ވިދާޅުވިއެވެ. އެއީ، ފާއިތުވި ތަނުގައި ނަޝީދު މަސައްކަތް ކުރެއްވި ގޮތަށް ބަލާއިރު ފެންނަން އޮތް ސާފު މަންޒަރެކެވެ. އެ މަނިކުފާނަކީ ސިޔާސީ ގޮތުން ވަރަށް ތޫނުފިލި ބޭފުޅެކެވެ. އަބަދު ވެސް ފަހަތަށް ޖެހިވަޑައިގަންނަވަން ޖެހޭ ހާލަތުގައި ފަސްނުޖެހި އެކަން ކުރައްވާ ބޭފުޅެކެވެ. މި އަހަރުގެ އިންތިޚާބުގައި ވެސް ކަން ކުރައްވަނީ އެ މަގުންނެވެ. ނަޝީދުގެ ބަސްފުޅުން ނަމަ "ހިތި ބޭސް ބޯން ޖެހޭ ފަހަރު ވެސް އަންނާނެ"އެވެ. ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާޙިމް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު -- ފޮޓޯ/ މުހައްމަދު ޒައިން އިބްރާހިމް - އަވަސް މި އަހަރުގެ ރިޔާސީ އިންތިޚާބަކީ އެ މަނިކުފާނަށް ހިތި ބޭހެކެވެ. އެކަމަކު، ލަދުން ބިރުން ފަހަތަށް ޖެހިވަޑައިގެން ނުހުންނަވާނެއެވެ. އެއަށްވުރެ އެ މަނިކުފާނު މާ ތޫނުފިލި ވާނެއެވެ. ރާއްޖޭގައި ބޭއްވި ފުރަތަމަ ޑިމަކްރަޓިކް ރިޔާސީ އިންތިޚާބަށް ނަޒަރު ކޮށްލިޔަސް ފެންނާން އޮތީ އެ މަންޒަރެވެ. ދެހާސް އަށް ވަނަ އަހަރު އިންތިޚާބުގެ ފުރަތަމަ ބުރުން ކާމިޔާބު ނުވުމުން އެ މަނިކުފާނު ފަހަތަށް ޖެހިވަޑައިގަތީއެވެ. ވެވުނިއްޔާ ވެވުނު ކަމަކަށް އެއްބަސްވެވަޑައިގެން އެންމެ ވާދަވެރި ހަތުރުންނާ ވެސް ޑީލް ހެއްދެވީއެވެ. އަދުލުވެރި ޑިމަކްރަޓިކް ވެރިކަމެއް ގާއިމު ކުރަން ދައުރުގެ މެދުން އިންތިޚާބެއް ބާއްވާނެ ކަމަށް ވެސް ވައުދުވިއެވެ. އެ އަހަރުގެ އިންތިޚާބު ކާމިޔާބު ކުރެއްވީ އެހާ ހިސާބަށް ޖެހިވަޑައިގެން ހުންނަވައެވެ. އެކަމަކު، ބާރުވެރިކަމަށް ވަޑައިގެން އަނެއްކާ ވެސް ކުރިއަށް ނުކުންނަވައެވެ. ވެރިކަމަށް 21 ދުވަސް ތެރޭގައި ކޯލިޝަނުން ގާސިމް ބޭރުކޮށްލީއެވެ. އެކުގައި މަސައްކަތް ކުރެއްވި އެންމެން ބޭރުކޮށްލީއެވެ. އަނެއްކާ ވެސް އެ މަނިކުފާނު ފަހަތަށް ޖެހިވަޑައިގެންނެވީ 2013ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ޔާމީން ވެރިކަމަށް ވަޑައިގެން، އެ މަނިކުފާނުގެ މައްޗަށް 13 އަހަރުގެ ޖަލު ހުކުމެއް އިއްވުމުންނެވެ. ބޭސް ފަރުވާއަށް އިނގިރޭސިވިލާތައް ވަޑައިގެން، އެތާ ހުންނަވާ އިދިކޮޅު އިއްތިހާތެއް އުފަން ކުރީއެވެ. އެ ފަހަރު އަދި މާ ބޮޑަށް ފަހަތަށް ޖެހިވަޑައިގެންނެވިއެވެ. އެ އިއްތިހާދުގެ ލީޑަރުކަން ޔާމީން ސަރުކާރުގެ ފުރަތަމަ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދަށް ދެއްވީއެވެ. ޖަމީލަކީ އެހާތަނަށް ދުވަހަކު ނަޝީދާ އެއްބައިވެގެން މަސައްކަތް ކުރެއްވި ބޭފުޅެއް ނޫނެވެ. މިއީ ސިޔާސީ ނަތީޖާ ނެރެން އެ މަނިކުފާނު ފަހަތަށް ޖެހިވަޑައިގަންނަވާ މިންވަރެވެ. މި އަހަރުގެ ރިޔާސީ އިންތިޚާބު ވެސް އެ މަނިކުފާނަށް ކާމިޔާބު ނުވާނެކަން އެނގިވަޑައިގަންނަވައެވެ. އެހެންވެ، ބޭނުންފުޅުވީ ރައީސް ޞާލިހްގެ ކޯލިޝަންގައި ފަންޏެއް އަޅުވާށެވެ. އެމްޑީޕީގެ ޕްރައިމަރީގައި މަސައްކަތް ކުރެއްވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ނެރުއްވައިގެން ސަރުކާރުގައި ފަންޏެއް އަޅުވާށެވެ. އެކަމަކު، އެކަން ކާމިޔާބު ނުވުމުން ދެން އަމިއްލަފުޅަށް އެ އިންތިޚާބަށް ނުކުންނެވީއެވެ. މިހާރު އެ ހުންނެވީ ފަހަތަށް ޖެހިވަޑައިގެންނެވެ. އަމިއްލަފުޅަށް ރިޔާސީ ރޭހަށް ނުކުންނެވުމުގެ ބަދަލުގައި ގާސިމަށް ތާއީދު ކުރައްވަނީ އެހެންވެއެވެ. ރައީސް ޞާލިހް ބަލިކުރެއްވެން އޮތް ފޯމިއުލާއަށް ވީތީއެވެ. އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު-- ސަން ފޮޓޯ/ ފަޔާޒު މޫސާ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވަނީ ވެސް އެ ފަދައިންނެވެ. އޭނާ ގަބޫލުކުރައްވައި ގޮތުގައި ޖޭޕީން އަމިއްލައަށް މި އަހަރުގެ އިންތިޚާބުގައި ވާދަކުރަން ނިންމުމާ އެކު ރައީސް ޞާލިހް 'ފެއިލް'ވީއެވެ. އެ މަނިކުފާނުގެ ހަމައެކަނި ސިޔާސަތަކީ ކޯލިޝަންކަން ފާހަގަކުރައްވައި އީވާ ވިދާޅުވީ، ދެން އެ މަނިކުފާނާ އެކު ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެވިދާނެ ކަމަށް އެމްޑީޕީ މެންބަރުން ގަބޫލުނުކުރާނެ ކަމަށެވެ. "ރައީސް ޞާލިހު ފެށުނީއްސުރެ ވިދާޅުވީ ތިމަންނަ މިއީ ކޯލިޝަން ކެންޑިޑޭޓޭ. ނަމަވެސް ކޯލިޝަން، ކޯލިޝަނަށް ހަދާ ޕާޓީ އަމިއްލައަށް ވާދަކުރަން ނިންމުމުން ރައީސް ޞާލިހްގެ އަމިއްލަ ބުރަދަނެއް ނެތްކަން މިހާރު ސާފުވެއްޖެ،" އޭނާ ވިދާޅުވިއެވެ. ރައީސް ދެން ހައްދަވާނީ ކިހިނެއް؟ ރައީސް އިބްރާހިމް މުހައްމަދު ޞާލިހް -- ފާއިތުވި ތިން އިންތިޚާބުގައި ވެސް، އަދި މި އަހަރުގެ އިންތިޚާބުގައި ވެސް ކޯލިޝަން ހަދަން ބޮޑު ދެ ޕާޓީއަށް އެންމެ މުހިއްމު ބައިވެރިއަކީ ޖޭޕީއެވެ. މި ވަގުތު ތިންވަނައަށް އެންމެ ބޮޑު ޕާޓީގެ ގޮތުގައި އޮތް ޖޭޕީގައި 22،000 އެއްހާ މެންބަރުން ތިބެއެވެ. ޖޭޕީ ގޮވައިގެން ނުކުމެ ހުންނެވީ އެމްޑީޕީގެ ރައީސެވެ. ނިމިދިޔަ ޕްރައިމަރީގައި 15،000އަށް ވުރެ ގިނަ ވޯޓު ހޯއްދަވައިގެން ހުންނެވި ބޭފުޅެކެވެ. އަމިއްލަފުޅު ޕާޓީން ދެކޮޅުވާ ވޯޓުގެ ގޮތުގައި ގުނާނަމަ އެއީ ރައީސަށް މާ ބޮޑު ގެއްލުމެކެވެ. ނަޝީދާއި ގާސިމް އެކުގައި ނުކުންނަވައި ދެވަނަ ބުރަކަށް ދާ ވަރަށް ވޯޓު ހަމަ ކުރެއްވުމަކީ ދުރު ކަމެއް ނޫނެވެ. ނުވާ ވަރު ކަމެއް ނޫނެވެ. މި އަހަރުގެ ރިޔާސީ އިންތިޚާބުގައި 283،272 މީހުންނަށް ވޯޓު ލުމުގެ ހައްގު ލިބެއެވެ. ފުރަތަމަ ބުރުގައި ވެރިކަމަށް ވަޑައިގަތުމަށް 130،000 އަށްވުރެ ގިނަ ވޯޓު ކޮންމެހެން ވެސް ބޭނުންވާނެއެވެ. ޕްރައިމަރީގައި ރައީސަށް ލިބިވަޑައިގަތް 25،000 ވޯޓާއެކު އިތުރު 100،000 ވޯޓު އާންމު އިންތިޚާބަށް ބޭނުންވާނެއެވެ. ޕާޓީ ބައިބައިވެ، ކޯލިޝަން ގެއްލިފައިވާ ހާލު، މި އަދަދު ހަމަކުރުމަކީ އެ މަނިކުފާނަށް މާ އުނދަގޫ ކަމެކެވެ. https://sun.mv/173431 އިދިކޮޅު ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު ހުންނެވީ ޖަލުގައެވެ. މިދިޔަ ރިޔާސީ އިންތިޚާބުގައި 96،000 ވޯޓު ހޯއްދެވި ޔާމީނަކީ މި އަހަރުގެ އިންތިޚާބުގައި ވެސް މުހިއްމު ޝަހްސެކެވެ. މާ ކުރިން ޕީޕީއެމްގެ ރިޔާސީ ޓިކެޓު އަރުވާފައިވާ ޔާމީނަށް މި އިންތިޚާބުގައި ވާދަނުކުރެވިއްޖެ ނަމަ، އެއީ ވަރަށް ބޮޑު ބިރެކެވެ. ޕާޓީގެ ބާރުވެރިކަން ދަމަހައްޓަން، އެ ޕާޓީން ކެންޑިޑޭޓަކު ނުނެރެ، އެހެން ކެންޑިޑޭޓަކަށް ތާއީދު ކުރުން ވާނީ ރައީސަށް މާ ގެއްލުން ބޮޑު ފޯމިއުލާ އަކަށެވެ. https://sun.mv/171781 އެހެންވެ، މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ޕީޕީއެމްގެ 96،000 ރައްޔިތުން ތަމްސީލު ކުރާ އަމިއްލަ ކެންޑިޑޭޓެއް ވާދަކުރާނެކަން ރައީސް ޞާލިހް ކަށަވަރު ކުރައްވާނެއެވެ. އެ ޕާޓީގެ ކެންޑިޑޭޓެއް މި އަހަރުގެ އިންތިޚާބުގައި ވާދަނުކޮށްފި ނަމަ، އެ މަނިކުފާނަށް ލިބިވަޑައިގެންފާނެ ގެއްލުމެއް މާ ބޮޑު ވާނެއެވެ. ރައީސް ޞާލިހް މަސައްކަތް ކުރައްވާނީ އިތުރު ޕާޓީއަކުން ގާސިމާ ނުގުޅޭނެކަން ކަށަވަރު ކުރައްވާށެވެ. ގާސިމް ދެވަނަ ބުރަކަށް ނުދާނެކަން ޔަގީން ކުރައްވާށެވެ. ދެވަނަ ބުރެއްގައި އަލުން އިއްތިހާދެއް އެކުލަވައިލެވޭނެ ގޮތަކަށް ކަންކަން ރާއްވަވާށެވެ. އެ މަގުގައި އެ މަނިކުފާނަށް އެންމެ މޮޅު ގޮތަކަށް ވާނީ މި އަހަރުގެ އިންތިޚާބުގައި ޔާމީންގެ ނަން އޮތުމެވެ. ގާސިމާ އެކު ބޭއްވެވި ގާތްކަން ވެސް އިހަށް ނިމިދާނެއެވެ. ސިޔާސީ ގޮތުން އެއްގޮތް ސިޔާސަތު ގެއްލުމުން، ދެން އޮންނާނީ އަރައިރުން ވުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ