ގާސިމް ވާދަކުރަން ވޯޓު ދެއްވުމަށް ފަހު ނަހުލާގެ ތައުރީފް ރައީސްގެ ތަރައްގީއަށް

ސަރުކާރު ކޯލިޝަންގައި އޮތް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ފިރިކަލުން ގާސިމް އިބްރާހިމް މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވަކިން ވާދަކުރައްވަން ވޯޓު ދެއްވުމަށް ފަހު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރަށްތަކަށް ގެންނަވާ ތަރައްގީން ލުއި ފަސޭހަތަކެއް ހޯދައިދެއްވަމުން ގެންދަވާ ކަމަށް ވިދާޅުވެ ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ތައުރީފް ކުރައްވައިފަ އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ދެ ވަނަ ދައުރަކަށް އެމްޑީޕީއާ އެކު ކޯލިޝަން ހެދުމުގެ ދައުވަތު ޖުމްހޫރީ ޕާޓީއަށް ދީފައި ވަނިކޮށް އިންތިހާބުގައި ވަކިން ވާދަކުރަން އެ ޕާޓީގެ ކައުންސިލުން ވަނީ ފާސްކޮށްފަ އެވެ. މި ނިންމުމަށް ނަހުލާ ވެސް ތާއީދުކުރައްވައި ވޯޓު ދެއްވި އެވެ.
ކައުންސިލްގެ ނިންމުމަށް ފަހު ނަހުލާ ރޭ ވަނީ ގދ. ފަރެސްމާތޮޑާ އެއާޕޯޓް ހުޅުވަން ރައީސްއާ އެކު އެ ރަށަށް ވަޑައިގެންފަ އެވެ.
އެ ޖަލްސާގައި ރައީސަށް ތައުރީފްކުރައްވައި ނަހުލާ ވިދާޅުވީ ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމް އެހެން ހަރުފަތަކަށް ގެންދަން ގިނަ މަސައްކަތްތަކެއް ކުރަމުން ގެންދަވާ ކަަމަށެވެ. އޭގެ ސަބަބުން ގިނަ ބަޔަކަށް ވަޒީފާގެ ފުރުސަތުތަކާއި އާމްދަނީ ލިބޭނެ މަގުތައް ތަނަވަސްކުރެވިއްޖެ ކަަމަށް ވިދާޅުވި އެވެ.
ފަރެސްމާތޮޑާ އެއާޕޯޓް ހުޅުވަން ރޭ އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސްގެ އަރިހުގައި ނަހުލާ. -- ފޮޓޯ: ރައީސް އޮފީސް
"ރާއްޖޭގެ ރައްޔިތުންނަށް ފަހި ދިރިއުޅުމެއް ހޯއްދަވައި ދެއްވާ، ގައުމު ބިނާކުރުމުގައި ތިޔަ ދައްކަވާ ސާބިތުކަމަށާއި އަޅުގަނޑުމެންނަށް މަނިކިުފާނު ދެއްވާ ހިތްވަރަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ދިވެހި ރައްޔިތުންގެ ނަމުގައި ފަށްފަށުން ޝުކުރު ދަންނަވަން،" ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި މިނިސްޓަރުކަން ކުރައްވާ ނަހުލާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ދަތުރުފަތުރުގެ ނިޒާމް އެއްވިއުގައަކުން ގުޅާލައި ރައްޔިތުންނަށް ވަނީ ލުއިކޮށްދީފަ އެވެ. ފަރެސްމާތޮޑާ އެއާޕޯޓުން ވެސް ރައްޔިތުންނަށް އިޖުތިމާއީގޮތުންނާއި އިގްތިސާދީ ގޮތުން އެތައް މަންފާއެއް ވެގެންދާނެ އެވެ.
ދަތުރުފަތުރުގެ ސިޔާސަތު ދުރު ރާސްތާއަށް ވިސްނައި މި ސަރުކާރުގައި ކަނޑައަޅާފައިވާ ކަމަށް ވެސް ނަހުލާ ވިދާޅުވި އެވެ.
މި ސަރުކާރުގެ ސިޔާސަތުތަކަށް ތާއީދުކުރައްވައި ނަހުލާ މިގޮތަށް ވާހަކަ ދެއްކެވީ، ސަރުކާރު ކޯލިޝަންގައި ވާދަވެރި ދެ ކެންޑިޑޭޓުންނަށް ތިބެވިދާނެތޯ އުފައްދާ ސުވާލު ހޫނުވެ، ޖޭޕީގެ ސްލޮޓްތަކުގައި ސަރުކާރުގެ މަގާމުގައި ތިއްބެވި ބޭފުޅުން އިސްތިއުފާ ދިނުމަށް ރައްޔިތުންގެ މަޖިލީހުގައި، ރައީސްގެ ފެކްޝަންގެ މަންބަރުން އިއްޔެ ވެސް ގޮވާލާފައި ވަނިކޮށެވެ.
އެކަމަކު އެގޮތަށް އެކަން ކުރަން ނުޖެހޭ ކަމަށް ގާސިމް ވަނީ ވިދާޅުވެފަ އެވެ.
އޭނާ ވިދާޅުވި ގޮތުގައި، މިހާރު އޮތް ކޯލިޝަން ވެރިކަމަށް ގެންނަން މަސައްކަތް ކުރީ އެއްބަސްވުމެއްގެ ދަށުންނެވެ. އެ އެއްބަސްވުމަކީ މި އަހަރުގެ ނޮވެމްބަރު މަހުގެ 18 ވަނަ ދުވަހާ ހަމައަށް، ކޯލިޝަންގެ ތެރެއިން އެ ޕާޓީއަށް ދީފައިވާ ސްލޮޓްތަކެކެވެ. މި ދައުރު ނިމުމުގެ ކުރިން ޖޭޕީގެ އެއްވެސް ބޭފުޅަކު ސަރުކާރުން އިސްތިއުފާ ނުދެެއްވުމަށް ވެސް ގާސިމް ގޮވާލެއްވި އެވެ.
ޖޭޕީގެ ސްލޮޓްތައް ހުސްކުރާ ނަމަ ރައީސް ވެސް އިސްތިއުފާ ދޭން ޖެހޭނެ: ގާސިމް https://t.co/CVINwbICcd
"...[ޖޭޕީގެ ސްލޮޓްތައް އަތުލާ ނަމަ] ރައީސުލްޖުމްހޫރިއްޔާ ވެސް ޖެހޭނީ އިސްތިއުފާ ދެއްވާށޭ. އެހެން ނޫން ކަމަށް ވަންޏާ އަޅުގަނޑު ދަންނަވާލަން ޖުމްހޫރީ ޕާޓީއަށް މަގާމުތަކެއް ދެއްވާފައި ވަނީ އެއްވެސް މީހެއްގެ ތަރިކަ މުދަލަކުން ނޫން،" އިއްޔެ މަޖިލީހުގައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވެފައިވާ ގޮތުގައި ޖޭޕީގެ ސްލޮޓްތަކުގައި ތިއްބެވި މެންބަރުން ސަރުކާރުން އިސްތިއުފާ ދިނުމަށް ގޮވާލުމަކީ ލަދުވެތި ކަމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ