ނަޝީދު މަގުމަތީގައި "ސުލްޙަވެރި" ހަރަކާތް ހިންގާ ގޮތް ގިނަ ރައްޔިތުން ދަނޭ: ޝަރީފު

ސުލްހަވެރި ހަރަކާތުގެ ނަމުގައި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު މަގުމަތީ ހަރަކާތްތައް ހިންގާ ގޮތް ގިނަ ރައްޔިތުންނަށް އެނގޭކަމަށް މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފު ވިދާޅުވެއްޖެ އެވެ. 
ޝަރީފު މިފަދައިން ވިދާޅުވެފައިވަނީ ސަރުކާރާއި ދެކޮޅަށް މަގުމައްޗަށް ނިކުމެވަޑައިގަންނަވާނެ ކަމުގެ ނުސީދާ އިންޒާރެއް ރައީސް ނަޝީދު ދެއްވުމާއި ގުޅިގެން ކުރެއްވި ޓްވީޓެއްގަ އެވެ. 
އެ ޓްވީޓުގައި ޝަރީފު ވިދާޅުވީ ދިވެހިރާއްޖޭގެ މެޖޯރިޓީ ރައްޔިތުންނަކީ މަގުމަތި ހަލަބޮލިކޮށް މުޒާހަރާކުރަން ބޭނުންވާ ބައެއް ނޫން ކަމަށެވެ. އަދި ގިނަ ރައްޔިތުންނަކީ ސުލްޙައަށް ލޯބިކުރާ ސުލްޙަވެރިކަމާއެކު އުޅެން ބޭނުންވާ ބައެއް ކަމަށެވެ. 
Advertisement
ސުލްހަވެރި ހަރަކާތްތަކުގެ ނަމުގައި ނަޝީދު ކުރައްވާ ކަންކަމަކީ ގިނަ ރައްޔިތުންނަށް އެނގޭ ކަމެއްކަމަށާއި އެހެން ކަމުން ނަޝީދު މަގުމައްޗަށް ނިކުމެވަޑައިގަތަސް އެކަންކަމުގައި ބައިވެރިވާން ރައްޔިތުން ނުނިކުންނާނެކަމަށް ޝަރީފު ވިދާޅުވި އެވެ. 
ޝަރީފު އެ އިޝާރާތް ކުރެއްވީ 2012 ވަނަ އަހަރު ނަޝީދުގެ ވެރިކަން ބަދަލުވި ހިސާބުން ސިލްސިލާކޮށް ރާއްޖޭގެ އެކި ކަންކޮޅުތަކުގއި ހިންގި ހަމަނުޖެހުންތަކަށް ކަމަށް ބެލެވެއެވެ.
އެ ހަމަނުޖެހުމުގައި ރާއްޖޭގެ އެތައް ރަށެއްގެ ޕޮލިސް ސްޓޭޝަންތައް ރޯކޮށްލާ ސަރުކާރުގެ އިމާރާތްތަކަށް ބޮޑެތި ގެއްލުންތަކެއް ވަނީ ދީފައެވެ. 
8 ފެބްރުއަރީގެ ހަމަނުޖެހުމުގައި ފޭދޫ ކޯޓުގެ ފުރާޅު ރޯކޮށްލުން 
އެ ދުވަސްކޮޅު މަގުމަތީގައި ހިންގި ހަރަކާތްތަކުގެ ތެރެއިން އާންމުންގެ މީހުންނާއި ފުލުހުންނާއި ދެމެދު ހިނގި ކުރިމަތިލުންތަކުގައި ދެބައި މީހުންނަށް ވެސް ބޮޑެތި އަނިޔާތަކެއް ލިބިގެން ދިޔައެވެ. 
ނަޝީދުގެ ވެރިކަން ވެއްޓުމަށްފަހު ކުރެވުނު މުޒާހަރާއެއްގެ ތެރެއިން 
ޝަރީފު އިތުރަށް ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އޮތް ދުވަސްކޮޅު ޕީޕީއެމްގެ މުޒާހަރާތަކަށް ނަޝީދުގެ ފިކުރެއްގެ ދިރުމުގެ ބައިވެރިން ނިކުމެފައިވާ ކަމަށެވެ. 
އެހެންކަމުން މަގުމައްޗަށް ނިކުމެގެން އެދުވަހު ނުވި ކަމެއް ދެން އިތުރަށް ހާސިލު ނުކުރެވޭނެކަމަށް ޝަރީފު ވަނީ ވިދާޅުވެފަ އެވެ. 
"ޕްރައިމަރީ ހިނގަމުން ދިޔަ ދުވަސްވަރު ޕީޕީއެމުން ބޭއްވި މުޒާހަރާތަކަށް ހެޔޮވަރުވަރަކަށް ފިކުރެއްގެ ދިރުމަށް ތާއީދުކުރައްވާ ފަރާތްތަކުން ދިޔައީ ބައިވެރިވަމުން. އޭރު ނުވިކަމެއް ދެން ވާނެ ޤަބޫލުކުރަން ޖެހޭ މަޤުބޫލު ސަބަބެއް ފެންނާކަށް އަދި ނެތް" 
މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފު 
ސަރުކާރާއި ދެކޮޅަށް މަގުމައްޗަށް ނިކުންނަން ޖެހިދާނެކަމުގެ އިންޒާރު ރައީސް ނަޝީދު ދެއްވާފައިވަނީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެމްޑީޕީއާއެކު ކޯލިޝަން ހެދުމުގެ ބަދަލުގައި ވަކިން ނިކުމެ ވާދަކުރުމަށް ޖުމްހޫރީ ޕާޓީން އިއުލާނުކުރުމާއި ގުޅިގެން ސަރުކާރުގެ އެކި މަޤާމުތަކުގައި ތިއްބެވި ޖޭޕީއަށް ނިސްބަތްވާ މެމްބަރުން މަޤާމުތަކުން ވަކިކުރާނެ ކަމުގެ އިންޒާރު ސަރުކާރަށް ތާއީދުކުރައްވާ ބައެއް މެމްބަރުން ދެއްވުމާއި ގުޅިގެންނެވެ. 
އެކަމާއި ގުޅޭގޮތުން ނަޝީދު ވިދާޅުވީ އެފަދައިން ކަންކަން ކުރަން ސަރުކާރަށް ފުރުސަތު ނުދެއްވާނެ ކަމަށެވެ. ސަރުކާރަށް އެދޭނަމަ މަގުމައްޗަށްވެސް ނިކުންނަން ކެރިވަޑައިގަންނަވާނެކަމަށާއި، މީގެ ކުރިން ޖަލުތަކުގައި ލިބިލެއްވި އަނިޔާތައް އަދިވެސް ހަނދުމަފުޅު ހުންނެވި ކަމަށާއި، ދެންވެސް އެފަދަ އަނިޔާތަކަށް ކެތްކޮށްލެވޭނެކަމަށް ނަޝީދު ވަނީ ވިދާޅުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ