ޔާމީންގެ މައްސަލަ ނިންމައި ސުޕްރީމް ކޯޓު ރިސެސްއަށް

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލި މަނީ ލޯންޑްރިންގެ ދައުވާގެ އިސްތިއުނާފް ޝަރީއަތް އެއްކޮށް ނިންމައި ސުޕްރީމް ކޯޓު މިއަދު ރިސެސްއަށް ހިނގައްޖެ އެވެ.
އެނގުން މުހިންމު - ކޯޓުތަކުގެ ގާނޫނުގައި ބުނާ ގޮތުން، ކޮންމެ އަހަރެއްގެ ނޮވެމްބަރު މަހުގެ އެންމެ ފަހު ރަސްމީ މަސައްކަތު ދުވަހުން ފެށިގެން ޖެހިގެން އަންނަ އަހަރުގެ ޖެނުއަރީ މަހުގެ އެންމެ ފުރަތަމަ ރަސްމީ މަސައްކަތު ދުވަހާ ހަމައަށް ސުޕްރީމް ކޯޓު އޮންނާނީ ރިސެސްގަ އެވެ. 
ވީ ކިހިނެއް؟ - ސުޕްރީމް ކޯޓު މިއަދު ރިސެސް އަށް ދިޔަ އިރު، އެ ކޯޓުގައި ހިނގަމުން އައި އެންމެ ބޮޑު އެއް މައްސަލަ ކަމަށްވާ ޔާމީންގެ މައްސަލަ ވަނީ ނިންމައިފަ އެވެ. އެގޮތުން:
އެ މައްސަލައިގެ އިސްތިއުނާފު އަޑުއެހުންތައް ސުޕްރީމް ކޯޓުގައި ފެށީ މިދިޔަ ސެޕްޓެމްބަރު 12ގައި 
ގާތްގަނޑަކަށް 30 ގަޑިއިރުގެ އަޑުއެހުންތަކަށް ފަހު، މައްސަލައިގެ އަޑުއެހުންތައް މުޅިން ނިންމާލީ މިދިޔަ މަހުގެ 5ގައި
ޔާމީންގެ ފަރާތުން ހުށަހެޅި އާ ހެއްކަކާ ގުޅިގެން މި މަހުގެ 18ގައި އިތުރު އަޑުއެހުމެއް ބޭއްވި
ޔާމީންގެ މައްސަލައިގައި ކްރިމިނަލް ކޯޓުން ކުރި ހުކުމް ސުޕްރީމް ކޯޓުން މިއަދު ވަނީ ބާތިލްކޮށްފަ އެވެ. ކޯޓު ރިސެސްއަށް ދިއުމުގެ ކުރިން އެ މައްސަލަ ނިންމާނެ ކަމަށް ބެންޗުން ކުރިން ވެސް އޮތީ ވިދާޅުވެފަ އެވެ.
ތަފްސީލް - ސުޕްރީމް ކޯޓުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ވަކި ކަމެއް ވަކި މުއްދަތެއްގެ ތެރޭގައި ނިންމަން ޖެހޭ ކަމަށް ބަޔާންކޮށްފައިވާ ހާލަތްތައް ފިޔަވައި ރިސެސްގެ މުއްދަތުގައި ސުޕްރީމް ކޯޓުގެ ޝަރީއަތުގެ އެއްވެސް އަޑުއެހުމެއް ނޯންނާނެ ކަމަށެވެ.
ސުޕްރީމް ކޯޓުގެ ރިސެސްގެ މުއްދަތުގައި މައްސަލަތަކުގެ ޝަރީއަތުގެ އަޑުއެހުން ނުބޭއްވި ނަމަވެސް، ކޯޓަށް މައްސަލަތައް ބަލައިގަތުމާއި އެ ނޫން ވެސް އިދާރީ މަސައްކަތްތައް މެދުކެނޑުމެއް ނެތި ކުރިއަށްދާނެ އެވެ.
ސުޕްރީމް ކޯޓު ރިސެސްއަށް ދިޔަ އިރު، ސިވިލް ކޯޓު ރިސެސްއަށް ނުދާން ވަނީ ނިންމައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ