އަދާވާތްތެރިކަމެއް ނެތޭ ތިޔަ ވިދާޅުވާ ހެއްކަކީ އާއިލާއާއެކު ދަތުރުކުރި ލޯންޗު ގޮއްވާލުމުގެ ތުހުމަތު އޮތް މީހެއް!: ރައީސް ޔާމީން

ކުރީގެ ނައިބުރައީސް އަދި އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ކުށް ސާބިތުވެފައިވާ އަހުމަދު އަދީބަކީ ވާދަވެރި ސިޔާސީ ލީޑަރު ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމުގެ އަދާވާތްތެރިއެއްކަމަށް ކަނޑައެޅޭނެ ހާލަތެއް މިހާރު ނެތްކަމަށް ވިދާޅުވެ، ދަށު ކޯޓުގައި ކުރިއަށްދާ ފުއްގިރި މައްސަލައިގައި ރައީސް ޔާމީނުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާތައް ސާބިތުކުރުމަށް ޝަފަވީ ހެކީގެ ގޮތުގައި އަދީބުގެ ހެކިބަސް ނެގުމަށް ދައުލަތުން ހުށައަޅާ ދެއްކި ވާހަކަތަކަށް ރައީސް ޔާމިނު ރައްދުދެއްވައިފި އެވެ. 
ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާއި ގުޅުވާ ރައީސް ޔާމިނުގެ މައްޗަށް އުފުލާފައިވާ ދައުވާތަކާއި ގުޅޭ އަޑުއެހުމެއް މިއަދު ކްރިމިނަލް ކޯޓުގައި ވަނީ ބާއްވާފަ އެވެ. 
މިއަދުގެ އަޑުއެހުމުގައި މައިގަނޑު ގޮތެއްގައި އޮތީ އެ މުއާމަލާތާއި ގުޅިގެން ރައީސް ޔާމިނުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާތައް ސާބިތުކޮށްދިނުމަށް، ދައުލަތުގެ ފަރާތުން ޝަފަވީ ހެކީގެ ގޮތުގައި ހުށައަޅާފައިވާ ބައެއް ފަރާތްތަކުގެ ހެކިބަސް ބަލައި ނުގަތުމަށް ރައީސް ޔާމިންގެ ފަރާތްޕުޅުން ހުށައެޅި ނުކުތާއަށް ވާހަކަދެއްކުމެވެ.
Advertisement
އަދީބު ރައީސް ޔާމިނާއި ދެކޮޅަށް ކޯޓުގައި ހެކިބަސް ދެނީ 
ރައީސް ޔާމިންގެ ފަރާތްޕުޅުން ވަނީ ކުރީގެ ނައިބުރައީސް އަހުމަދު އަދީބާއި، އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުالله ޒިޔަތުގެ ހެކިބަސް ބަލައިނުގަތުމަށް ހުށައަޅާފަ އެވެ. އެމަނިކުފާނުގެ ފަރާތްޕުޅުން އެފަދައިން ހުށައެޅީ އަދީބަކީ ރައީސް ޔާމީންގެ އަދާވާތްތެރިއަކަށް ވާތީއާއި އަދީބުގެ އަދުލުވެރިކަން ގެއްލިފައިވާތީ އެވެ.
އެ ހުށައެޅުމާއި ގުޅިގެން ވާހަކަދައްކަމުން ދައުލަތުގެ ފަރާތުން ބުނެފައިވަނީ އަދީބަކީ އެމްއެމްޕިއާރުސީގެ ބޮޑު ޚިޔާނާތުގެ ކުށް ސާބިތުވެފައިވާ ފަރާތަކަށް ވީ ނަމަވެސް، ފުއްގިރި މައްސަލައިގައި އޭނާގެ މައްޗަށް ތުހުމަތެއް ނެތްކަމަށެވެ.
އަދީބާއި ޒިޔަތުގެ ހެކިބަސް ނޫނީ ރައީސް ޔާމިނުގެ މައްޗަށް ކުށް ސާބިތުކުރުމަށް ހުށައެޅޭނެ އިތުރު ކާފީ ހެއްކެއް ވެސް ނެތްކަމަށާއި، ހެކިބަސް ނަގާ މަރުހަލާގައި ހެކި ވަޒަންކޮށް، ބުރަދަން ދިނުމުގެ ފުރުސަތު އޮތުމުން މިހާލަތުގައި އަދީބާއި ޒިޔަތުގެ ހެކިބަސް ނަގަން ޖެހޭ ކަމަށް ދައުލަތުން ބުންޏެވެ. 
އަދާވާތްތެރިކަމާ ގުޅޭގޮތުން ދައުލަތުން ބުނީ އަދީބު ރައީސް ޔާމިނުގެ ފުރާނަފުޅު ދުއްވާލުމަށް ބޮމުގެ ހަމާލާއެއް ދިނުމުގައި ބައިވެރިވިކަން ސާބިތުވާކަމަށް ކަނޑައަޅާ އިއްވި ހުކުމް މަތީ ކޯޓުން ބާތިލުކޮށްފައިވާ ކަމަށެވެ.
މިހާރު ރައީސް ޔާމިނު ހުންނެވީ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ކަމަށް ނުވެފައި، އަދީބު ވެސް ހުންނެވީ ނައިބު ރައީސްގެ މަގާމުގައިކަމަށް ނުވުމުން، ވެރިކަން ހޯދުމަށް އަދީބުގެ ހިތުގައި ކުރިން އޮތް ޝައުގުވެރިކަން މިހާރު ނޯންނާނެ ކަމަށާއި، އަދި އެކަމަށްޓަކައި އަދާވާތްތެރިކަމެއް އޮންނާނެ ފަދަ ހާލަތެއް ވެސް މިހާރު ނެތްކަމަށް ދައުލަތުން ބުނެފައިވެއެވެ. 
އޭގެ އިތުރުން ދައުލަތުން ބުނީ ކުރިންވެސް އަދީބުގެ ހިތުގައި އޮތީ އަދާވާތްތެރިކަން ކަމަށް ބެލުމަށްވުރެ އޮތީ ސިޔާސީ ވާދަވެރިކަމެއްކަމަށް ބެލުމުގެ ފުރުސަތު ބޮޑުކަމަށެވެ.
ދައުލަތުގެ އެ ވާހަކަތަކަށް ރައީސް ޔާމިނުވަނީ ރައްދުދެއްވާފަ އެވެ.
އެގޮތުން އެމަނިކުފާނު ވިދާޅުވީ ރައީސް ޔާމީން ދަތުރުކުރެއްވި ރިޔާސީ ލޯންޗުކޮޅު ގޮއްވާލިއިރު އެ ލޯންޗުކޮޅުގައި ތިއްބެވީ ހަމައެކަނި ސިޔާސީ ފަރާތްތަކެއް ނޫން ކަމަށެވެ. އަދި އެ ލޯންޗުކޮޅުގައި އެމަނިކުފާނުގެ މުޅި އާއިލާ ދަތުރުކުރައްވަމުން ގެންދެވި ކަމަށެވެ.
އެ ނުރައްކާތެރި ހަމަލާ ރާވާ ހިންގުމުގައި ބައިވެރިވެފައިވާކަމުގެ ތުހުމަތު ކުރެވި އަދީބުގެ މައްޗަށް ދައުވާ އުފުލާފައިވަނީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ކަމަށާއި، ކޯޓުން އެ މައްސަލަ އަނބުރާ ބެލުމަށް އަންގާ ފޮނުވާލެއްވި ނަމަވެސް، ޕީޖީގެ ސްޓޭންޑާއި، އެފަދަ މައްސަލަތަކުގައި އަމަލުކުރާ އުސޫލު ބަދަލުވާން ނުޖެހޭކަމަށް ރައީސް ޔާމިނު ވިދާޅުވި އެވެ.
ފިނިފެންމާ ލޯންޗުކޮޅު ގޮއްވާލި ދުވަހުގެ ބައެއް މަންޒަރުތައް 
އެމަނިކުފާނު ވިދާޅުވީ އަދީބަށް ކުރެވޭ ތުހުމަތުތައް އަދިވެސް އޮތް ކަމަށެވެ. ބަދަލުވީ ހާލަތު ނޫން ކަމަށާއި، ބަދަލުވީ ޕީޖީގައި ތިއްބެވި މީހުންކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
އެއާއެކު ރައީސް ޔާމީން ވިދާޅުވީ ކޯޓުން ހުކުމް ބާތިލުކުރި ނަމަވެސް، އެ މައްސަލަ އަލުން ތަހުގީގުކުރުމަށް އަންގާފައިވާއިރު، މިހާތަނަށް އެ މައްސަލަ އަލުން ބަލާ ތަހުގީގުކޮށްފައި ނުވާކަމަށެވެ. 
ބަދަލުގައި ރައީސް ޔާމިނާއި ދެކޮޅަށް ހެކިބަސް ދިނުމަށް ދައުލަތުން އަދީބާއެކު ޕްލީ ބާގެއިން އެއްބަސްވުމެއް ހަދާފައިވާ ކަމަށާއި، އެ މައްސަލަ އިތުރަށް ތަހުގީގު ނުކުރުމަށް އެ އެއްބަސްވުމުގައި އެއްބަސްވެފައިވާކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. 
އަދީބުގެ ހިތުގައި އަދާވާތްތެރިކަމެއް ނެތް ކަމަށް ވާނަމަ، އަދި ހާލަތު ދައުލަތުން ބުނާ މިންވަރަށް ބަދަލުވެފައިވާ ނަމަ، ރައީސް ޔާމިނާއި ދެކޮޅަށް ހެކިބަސް ދިނުމަށް އެއްބަސްވުމެއް ހަދައި އަދީބުގެ މައްޗަށް ކުރެވޭ ޓެރަރިޒަމްގެ ތުހުމަތުތަކެއް ނުބަލާ ދޫކޮށްލަން ޖެހުނީ ކޮން ސަބަބަކާއި ހުރެތޯ ދައުލަތުން ސާފުކޮށްދެއްވުމަށް ރައީސް ޔާމީން ވަނީ އެދިވަޑައިގަންނަވާފަ އެވެ. 
ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނުގެ އާއިލާއާއެކު ދަތުރުކުރައްވަމުން ގެންދެވި ލޯންޗުކޮޅެއް ގޮއްވާލުމަށް ހަމަލާދިންކަމުގެ ތުހުމަތު އޮތް މީހަކީ، އެމަނިކުފާނުގެ އަދާވާތްތެރިއެއް ނޫންކަމަށް ދައުލަތުން ބުނާ އަސާސްތައް ވެސް ސާފުކޮށްދޭން ޖެހޭކަމަށެވެ. އަދި އެ އުސޫލު ޕީޖީން ކަނޑައެޅީ ކޮން ކަމަކަށް ބައްލަވާފައިކަން ވެސް ކޯޓަށް ސާފުކޮށްދޭން ޖެހޭކަމަށެވެ. 
އެމަނިކުފާނު ވިދާޅުވީ ފުއްގިރި މައްސަލައާއި ގުޅިގެން އަދީބާއި ޒިޔަތަކީ ހަމައެކަނި މައްސަލައިގައި ރައީސް ޔާމިނާއި ދެކޮޅަށް ދައުލަތަށް ހުށައެޅެން އޮތް ކާފީ ހެކިކަން ޕީޖީއަށް އެގުނީ އަދީބާއި ޒިޔަތާއެކު ހެދި އެއްބަސްވުމުގެ ފަހުން ތޯ ނުވަތަ ކުރިންތޯ ވެސް ސާފުކޮށްދެއްވަން ޖެހޭ ކަމަށެވެ. 
އެއީ އެ ދެމީހުން ނޫން އެހެން އެއްވެސް ކާފީ ހެއްކެއް ދައުލަތަށް ރައީސް ޔާމިނުގެ މައްޗަށް ކުށް ސާބިތުކޮށްދިނުމަށް ނުދެއްކޭނަމަ، އެއީ އުފައްދާފައިވާ ދައުވާތަކެއްކަމަށް ބުނުމުގެ ޖާގަ އޮތްކަމެއްކަމަށް ރައީސް ޔާމީންގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ