ޓެކްސީ ޑްރައިވަރުންގެ ޝަކުވާތަކާ މެމްބަރު ރަޝީދު އެއްބަސް؛ ކޮމިޓީން މައްސަލަ ދިރާސާކުރަނީ

ޓެކްސީގެ ހިދުމަތާ ގުޅޭ ގޮތުން ޑްރައިވަރުން ރައްޔިތުންގެ މަޖިލީހުގެ އިގްތިސާދީ ކޮމެޓީއަށް ހުށަހެޅި ކަންބޮޑުވުންތައް އިތުރަށް ދިރާސާ ކުރަން އެ ކޮމެޓީން ނިންމައިފި އެވެ.
ވީ ކިހިނެއް؟ - ޓެކްސީ ހިދުމަތާ ގުޅޭ ގޮތުން، ހާއްސަކޮށް މާލޭގައި އެ ހިދުމަތް ދިނުމުގައި ދިމާވާ ދަތިތައް ބައެއް ޑްރައިވަރުން ވަނީ އިއްޔެ މަޖިލީހުގެ އިގްތިސާދީ ކޮމެޓީގެ ނައިބު މުގައްރިރު، މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ)އާ ހިއްސާކޮށްފަ އެވެ.
އެ ބައްދަލުވުމުގެ ތަފްސީލު 'ދައުރު'އާ ހިއްސާ ކުރައްވަމުން މެމްބަރު ރަޝީދު ވިދާޅުވީ އެއީ ރަނގަޅު އަދި ގަބޫލުކުރެވޭ ކަންބޮޑުވުންތަކެއް ކަމަށެވެ.
ޑްރައިވަރުން ފާހަގަކުރި ކަންބޮޑުވުންތަކަކީ، މެމްބަރު ރަޝީދު ވިދާޅުވި ގޮތުގައި، މާލޭގައި ދަތުރު ނުކުރެވޭ މައްސަލަ އާއި ތެލުގެ އަގުތަކަށް އަންނަ ބަދަލުތަކާ ގުޅިގެން އުފެދޭ އިތުރު މައްސަލަތަކެވެ.
ބުނީ ކީކޭ؟ - މެމްބަރު ރަޝީދު ވިދާޅުވީ ތެލުގެ އަގަށް އަންނަ ބަދަލުތަކާ އެކު ޓެކްސީ ހިދުމަތުގެ އަގަށް އެއްވެސް ބަދަލެއް ނާންނަ ކަންބޮޑުވުން އިއްޔެ ޑްރައިވަރުން ހިއްސާކުރި ކަމަށެވެ.
"ޑްރައިވަރުން ފާހަގަކުރި، ތެލުގެ އަގަށް ބަދަލެއް އައިމަ ސްޓެލްކޯ ތަންތަނުން ދޭ ހިދުމަތުގެ އަގަށް ބަދަލު އަންނަކަން، އެކަމަކު ޓެކްސީ ހިދުމަތުގެ އަގަށް އެއްވެސް ބަދަލެއް ނާދޭ،" އޭނާ ވިދާޅުވި އެވެ.
މާލޭގެ ހާލަތު އޮތް ގޮތުން ޓެކްސީ ޑްރައިވަރުންނާއި ފަސިންޖަރުންނަށް ވެސް ބޮޑެތި ތަކުލީފުތަކެއް އުފުލަން ޖެހިފައިވާ ކަމަށް މެމްބަރު ރަޝީދު ވިދާޅުވި އެވެ. އެގޮތުން، މާލެ ތޮއްޖެހުމާއި މާލޭގެ މަގުތައް ހުރި ގޮތުގެ ހާލަތު އޭނާ ފާހަގަކުރެއްވި އެވެ.
"މިސާލަކަށް، މާލެއިން ހުޅުމާލެއަށް ކުރާ ދަތުރުގެ އަގު ބޮޑުވާނެ، މާލެ ތެރޭގެ ދަތުރަކަށް ވުރެ. އެކަމަކު [ބައެއް ގަޑިގަޑީގައި] މާފަންނުން ހެންވޭރަށް ދާން މާ ގިނަ ވަގުތު އެބަ ހޭދަވޭ ހުޅުމާލެއަށް ދިއުމަށް ވުރެ. މާލޭގެ ހާލަތު އޮތް ގޮތުން،" އޭނާ ވިދާޅުވި އެވެ.
"އެއްވެސް ޒަމާނެއްގައި ދުނިޔޭގައި ބަޔަކު ނޫޅޭ ގޮތަކަށް [ވެހިކަލް ދުއްވުމާއި ޕާކު ކުރުމުގެ ކަންކަމުގައި] މާލޭގައި މީހުންނަށް އުޅެން ޖެހިފައި އޮތީ. އެއްވެސް ހަމައެއް ލަމައެއް ނެތް މި ކަންކަމުގައި."
މާލޭގެ މަގުތަކުގައި ރައްކާތެރިކަން ނުވަތަ ރޯޑް ސޭފްޓީ އެއްވެސް ވަރަކަށް ނެތް ކަމަށް މެމްބަރު ރަޝީދު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އެކަން އެންމެ ފުރަތަމަ ބަލާ މިންގަނޑަކީ ހިނގާ މީހުންނަށް މަގުމަތީގައި ރައްކާތެރިކަން އޮތް މިންވަރު ކަމަށެވެ.
"މަގުމައްޗަށް ނުކުތުމަށް ފަހު ހިނގާ މީހުންނަށް އެއްވެސް ރައްކާތެރިކަމެއް ނެތް. މަތިން އެއްޗެއް ވެއްޓި ބޮލުގައި ޖެހިދާނެ، ނޫނީ ފެން އެއްޗެއް އޮއްސާލައި ތެންމާލަފާނެ،" އޭނާ ވިދާޅުވި އެވެ.
"ރޯޑް ސޭފްޓީ އަކީ މާލޭ ސިޓީ ކައުންސިލުން މިހާރު ވެސް ގަވާއިދެއް އެކުލަވާލައިގެން ކަށަވަރުކޮށްދޭން ޖެހޭ ކަމެއް."
މެމްބަރު ރަޝީދު ވިދާޅުވީ އެފަދަ ގަވާއިދެއް އެކުލަވާލަމުން އަންނަ ކަމަށް ސިޓީ ކައުންސިލުން ބުނި ކަމަށެވެ. އެކަން އޮތީ ކިހާ ހިސާބެއްގައިތޯ 'ދައުރު' އިން ސިޓީ ކައުންސިލާ ސުވާލު ކުރުމުން އަދި ވަކި ޖަވާބެއް ނުލިބެ އެވެ.
މެމްބަރު ރަޝީދު ވިދާޅުވީ މި މައްސަލައަށް ފުރިހަމަ ހައްލެއް ގެނެސްދެވޭނީ ޓްރާންސްޕޯޓް މިނިސްޓްރީ އާއި ކައުންސިލްތައް ގުޅިގެން ކަމަށެވެ. އަދި އިއްޔެ ޑްރައިވަރުން ހިއްސާކުރި ކަންބޮޑުވުންތައް ކުރިއަށް އޮތް 15 ދުވަހުގެ ތެރޭގައި ކޮމެޓީން ދިރާސާކުރުމަށް ފަހު މައި ކޮމެޓީއަށް ހުށަހަޅާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. 
ގުޅުންހުރި ކަމެއް - ޓެކްސީ ހިދުމަތާ ގުޅޭ ގޮތުން ހުރި ކަންބޮޑުވުންތަކާއި މައްސަލަތަކާ މެދު މަޝްވަރާ ކުރަން މިރެ އާއި މާދަމާ ރޭ މަޝްވަރާ ބައްދަލުވުންތަކެއް ބާއްވަން ޓެކްސީ ޑްރައިވަރުން ވަނީ ނިންމާފަ އެވެ.
އިތުރަށް ކިޔާލަން -
ޓެކްސީ ދަތުރުތަކުގެ އަގު ބޮޑު ކުރަން ޑްރައިވަރުން މަސައްކަތް ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ