ޕީޕީއެމްގެ މުސްތަޝާރުގެ ބެލުމުގެ ދަށުން އެޕާޓީގެ ކައުންސިލް ބައްދަލުވުމެއް ބާއްވާ ޕާޓީ ހިންގޭނެ ގޮތެއް ހަމަޖެއްސުމަށް ސިވިލް ކޯޓުން ކުރި ޙުކުމް ޕީޕީއެމްގެ ރައީސް އަލްއުސްތާޛް މައުމޫން އަބްދުލްޤައްޔޫމް ހައިކޯޓުގައި އިސްތިއުނާފު ކުރެއްވި ނަމަވެސް އެމައްސަލަ ބަލައި ނުގަންނަން ހައިކޯޓުން ނިންމައިފިއެވެ.
ހައިކޯޓުގެ ރެޖިސްޓްރާ ހަސަން އަލީ ސޮއި ކުރައްވާ މިއަދު ރައީސް މައުމޫން އަށް ފޮނުއްވި ސިޓީގައި ވަނީ މައުމޫން ހުށަހެޅި މަައްސަލައަށް ބަލާއިރު އެމައްސަލަގައި ދައުވާ އަށް ބިނާކޮށްފައިވާ ކަންތައްތަކާއި މެދު ހައިކޯޓުން ފައިސަލާ ކުރުވަނިވި ޙުކުމެއް ކޮށްފައިވާކަން އެނގެން އޮންނާތީ މައްސަލަ ބަލައިގަނެވެން ނެތް ކަމަށެވެ.
ސިވިލް ކޯޓުގެ ޙުކުމް އިސްތިއުނާފު ކުރެއްވުމުގެ މަސައްކަތް ރައީސް މައުމޫންގެ ފަރާތްޕުޅުން ކުރައްވަމުން ގެންދަވަނިކޮށް ޕީޕީއެމްގެ އާންމު މެންބަރަކު ވަނީ އެމައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައެވެ. އެމައްސަލަ ބެލުމަށްފަހު ހައިކޯޓުން ވަނީ ސިވިލް ކޯޓުގެ ޙުކުމަށް ތާއިދު ކޮށްފައެވެ.
ރައީސް މައުމޫން ހުށަހެޅުއްވި މައްސަލަ ހައިކޯޓުން ބަލައިނުގަންނަން ނިންމި ނަމަވެސް ކޯޓުގެ ނިންމުން އަލުން ބަލައިދިނުމަށް އެދުމުގެ ފުރުސަތު ޤަވައިދު ބުނާ ގޮތުން މައްސަލަ އާއި ގުޅުން އޮތް ފަރާތްތަކަށް އޮންނާނެއެވެ. ނަމަވެސް ކޯޓުގެ ނިންމުން އަލުން ބަލައިދިނުމަށް ރައީސް މައުމޫން އެދިވަޑައިގަންނަވާނެ ކަމެއް އަދި ކަށަވަރެއް ނުވެއެވެ.
ޕީޕީއެމްގެ މައްސަލައިގައި ސިވިލް ކޯޓުން ކުރި ޙުކުމަށް ހައިކޯޓުން ތާއިދު ކުރުމުން ރައީސް މައުމޫންގެ ފަރާތްޕުޅުން އިއްޔެ ވަނީ އެމައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައެވެ. ނަމަވެސް ސުޕްރީމް ކޯޓުން އެމައްސަލަ އަދި ބަލައެއް ނުގައެވެ.
މައުމޫން ހައިކޯޓަށް ހުށަހެޅި މައްސަލަ ބަލައެއް ނުގަތް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ