މަސްލަހަތު ހަމަޖެހޭނީ އަޅުގަނޑު ހައްޔަރުކުރުމުން ކަމަށް ބުއްދި ހަމަޖެހޭ މީހަކު ބުނެފާނެ ކަމާ މެދު ޝައްކު: މައުމޫން

ގައުމުގެ މަސްލަހަތު ހަމަޖެހޭނީ އެމަނިކުފާނު ހައްޔަރު ކުރުމުން ކަމަށް ބުއްދި ސަލާމަތުން ހުރި މީހަކު ބުނެފާނެ ކަމާ މެދު ޝައްކު ކަމަށާއި ގައުމު ހަމަޔަކަށް އެޅުވުމުގެ ހުރިހާ ބާރެއް އޮތީ ސަރުކާރަށް ކަމަށް ކުރީގެ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލް ގައްޔޫމް މިއަދު ވިދާޅުވެއްޖެ އެވެ.
ޑޮލަރުގެ އަގަށް ގެނައި ބަދަލާ ގުޅިގެންނާއި ތަކެތީގެ އަގު އުފުލެމުންދާތީ އިސްވެ މުޒާހަރާ ކުރި ފަރާތްތަކާ އެކު ސަރުކާރުން އިއްޔެ ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެ ކަންކަމުގެ ސިޔާސީ ހައްލަކީ މައުމޫން ހައްޔަރުކުރުން ކަމަށް ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ އާމިނަތު ޝައުނާ ވިދާޅުވެފައި ވާތީ އެއަށް ރައްދު ދެއްވައި މައުމޫން ވިދާޅުވީ އެފަދަ އިބާރާތަކުން އެއްވެސް މީހަކު ވާހަކަ ދައްކަފާނެ ކަމާ މެދު ޝައްކު އުފެދޭ ކަމަށެވެ.
"އަޅުގަނޑުތޯ ގައުމު ހިންގަނީ؟ އަޅުގަނޑަކީ ކުރިން ރައީސްކަން ކުރި މީހަކަސް މިހާރު ހަމަ އާދައިގެ ރައްޔިތެއް. އެހެންވީމަ އާދައިގެ މީހަކަށް ކުރެވޭނެ މާ ބޮޑު ކަމެއް ނޯންނާނެ ގައުމުގެ މަސްލަހަތު ހަމަޔަކަށް އަޅުވަން. ސަރުކާރެއް އެބަ އޮތް. ގާނޫނު އަސާސީއެއް އެބަ އޮތް. ދައުލަތުގެ މުއައްސަސާތައް އެބަހުރި. އެހެންވީމަ އެ ތަންތަނުން ނޫންތޯ އެކަންކަން ކުރެވޭނީ؟" އަނބިކަނބަލުން ނަސްރީނާ އިބްރާހީމްގެ ބޭސްފަރުވާއަކަށް މިވަގުތު އިންޑިޔާގެ ބެންގަލޫރުގައި ހުންނެވި މައުމޫން ވިދާޅުވި އެވެ.
މައުމޫން ވިދާޅުވީ ޒުވާނުންތަކެއް އިސްނަގައިގެން މާލޭގައި އަށް ރޭ މަތިން ބޭއްވި މުޒާހަރާތަކާ އެމަނިކުފާނާ ގުޅުވައިގެން ސަރުކާރުގެ އަދި އެމްޑީޕީގެ އިސް ވެރިން ވާހަކަ ދެއްކެވި ނަމަވެސް އެ މުޒާހަރާތައް ބޭއްވުމަށް އެއްވެސް އިރުޝާދެއް ދެއްވައި ނަހައްދަވާ ކަމަށެވެ.
"އަޅުގަނޑު ހައްޔަރުކުރީމަ ޑޮލަރުގެ އަގު ދަށްވާނެ ކަމަށް، އަޅުގަނޑު ހައްޔަރު ކުރީމަ ރައްޔިތުންނަށް ލުއިފަސޭހަވާނެ ކަމަށް މިފަދަ ހަމަނުޖެހޭ ވާހަކައެއް އެއްވެސް މީހަކު ދައްކާނެ ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން. އަޅުގަނޑާ އެ މުޒާހަރާތަކާ އެއްވެސް ގުޅުމެއް ނެތް. މުޒާހަރާ ކުރާ އެ ޒުވާނުންތަކާ ގުޅައި އެކަހަލަ އެއްވެސް ކަމެއް ކޮށްފައެއް ނޯންނާނެ. އަޅުގަނޑަށް ވެސް ހަބަރު ލިބެމުންދަނީ އެކި މީސްމީހުންގެ ފަރާތުންނާއި އޮންލައިނުން. އެކަމަކު އެ ހަބަރުތަކުގެ ތެދު ދޮގު ވެސް އަޅުގަނޑަކަށް ނޭނގޭ،" މައުމޫން ވިދާޅުވި އެވެ.
މައުމޫން ވިދާޅުވީ އަނބިކަނބަލުންގެ ބޭސްފަރުވާއަކަށް އިންޑިޔާ އަށް ވަޑައިގަތީ އެޕްރީލް 4 ގައި ކަމަށާއި މާލޭގައި އިދިކޮޅު ފަރާތްތަކުން ކަންތައްތަކެއް ހިންގަމުން ގެންދިޔަ ކަމަށް ވިޔަސް އެކަންކަމުގައި އެ މަނިކުފާނުގެ އެއްވެސް ހިއްސާއެއް ނޯންނާނެ ކަމަށެވެ. އަދި ވިދާޅުވީ އެއްތަނުން އަނެއް ތަނަށް ދަތުރުކުރުމުގެ ހައްގު ގާނޫނު އަސާސީން ކޮންމެ ދިވެހި ރައްޔިތަކަށް ލިބިފައިވާއިރު "މާލެ ދާނަން" ކަމަށާއި އެކަން ހުއްޓުވޭނެ މީހަކު ވެސް ނެތް ކަމަށެވެ.
"އަޅުގަނޑު ބަލިވެގެން އެޑްމިޓްކުރި ވާހަކައެއް ވެސް މި ދުވަސްކޮޅު އެބަ ފަތުރާ. އެކަމަކު އެކަހަލަ އެއްވެސް ކަމެއް ނެތް. އަޅުގަނޑު އައީ އަންހެނުން ނަސްރީނާގެ ފަރުވާއަކަށް. އިރާދަކުރެއްވިއްޔާ ހުރިހާ ކަމެއް ވެސް ރަނގަޅު. އަޅުގަނޑު ރާއްޖެ އިން ބޭރަށް ދާ ކޮންމެ ފަހަރަކު އެކަހަލަ ވާހަކަތައް ދައްކާ. އަޅުގަނޑު ހަނދާން އެބަހުރި އަޅުގަނޑު ވެރިކަމުގެ ފަހުކޮޅު އަޅުގަނޑު ބަލިވެގެން ސިންގަޕޫރު ހޮސްޕިޓަލެއްގައި އެޑްމިޓް ކުރިއޭ ކިޔައިގެން މި ސަރުކާރުގެ އިސް ވެރިއަކު ވާހަކަ ދެއްކި. މިއީ އަޅުގަނޑުމެންގެ އަހުލާގީ ފެންވަރު ހުރި ގޮތް،" މައުމޫން ވިދާޅުވި އެވެ.
މައުމޫނަށް ރާއްޖެ ވަޑައިނުގެންނެވޭނެ ކަމަށް މިދިޔަ ހުކުރު ދުވަހު އެމްޑީޕީން މާލޭގައި ބޭއްވި މުޒާހަރާގައި އެ ޕާޓީގެ ޕާލަމެންޓްރީ ލީޑަރު ރީކޯ މޫސާ މަނިކު ވިދާޅުވެފައިވާތީ މައުމޫންގެ އާއިލާއިން އިއްޔެ ވަނީ ބަޔާނެއް ނެރެފަ އެވެ.
މައުމޫންގެ ދެ އަންހެން ދަރިކަނބަލުން ދުންޔާ މައުމޫނާއި ޔުމްނާ މައުމޫންގެ ބަޔާނުގައި ވިދާޅުވެފައި ވަނީ ރީކޯ މޫސަގެ ވާހަކަތައް ވަރަށް ބޮޑަށް ކުށްވެރި ކުރައްވާ ކަމަށެވެ. އެ ބަޔާނުގައި ވިދާޅުވެފައި ވަނީ އެއްވެސް މީހަކަށް އެހެން ދިވެހި ރައްޔިތަކަށް ރާއްޖެ އަށް ނޭރޭނެ ކަމުގެ އިންޒާރެއް ނުދެވޭނެ ކަމަށެވެ. އަދި ބޭރު ގައުމުތަކަށް ދަތުރު ކުރުމާއި އަމިއްލަ ފަސްގަނޑަށް އެނބުރި އައުމަކީ ކޮންމެ ދިވެހި ރައްޔިތަކަށް ލިބިގެންވާ ހައްގެއް ކަމަށް ވެސް ދުންޔާ އާއި ޔުމްނާގެ ބަޔާނުގައިވެ އެވެ.
"މި ސަރުކާރުން އަބަދުވެސް ގެންދަނީ އަޅުގަނޑުމެންގެ ލޮބުވެތި ބައްޕަ، ރައީސް މައުމޫންގެ އިސްތަށިފުޅުގައި އެތައް ދޮގު އިލްޒާމުތަކެއް އަޅުވަމުންނެވެ. ނަމަވެސް އެފަދަ އެއްވެސް ކަމެއް މިހާތަނަށް އައި އިރު ވެސް ވަނީ ޝަރުއީ ކޯޓަކާ ހަމައަށް ނުފޮނުވަ އެވެ. ވީމާ އެމަނިކުފާނު އެނބުރި މާލެ ވަޑައިގަތުމަކީ އެހެން ކޮންމެ ދިވެހި ރައްޔިތެކޭ އެއްފަދައިން އެމަނިކުފާނަށް ވެސް ލިބިވަޑައިގެންވާ ހައްގެކެވެ. މި ހައްގު އެކަކަށް ވެސް ނިގުޅައެއް ނުގަނެވޭނެ އެވެ،" މައުމޫންގެ އާއިލާގެ ބަޔާނުގައިވެ އެވެ.
އެ ބަޔާނުގައި ބުނެފައި ވަނީ ޑިސެމްބަރު ،31 2010 ގައި މައުމޫން މެލޭޝިއާ އިން މާލެ ވަޑައިގެންނެވިއިރު ވެސް އެ މަނިކުފާނަށް މާލެ ނޭރުއްވޭނެ ކަމަށް ވިދާޅުވެ ރައީސް މުހައްމަދު ނަޝީދު ވެސް އެފަދަ އިންޒާރެއް ދެއްވި ކަމަށެވެ.
ރީކޯމޫސަގެ އިންޒާރާ އެކު ހުކުރުދުވަހުގެ ރޭ އޮތް އިދިކޮޅު ފަރާތްތަކުގެ މުޒާހަރާގައި ޒުވާނަކު ބުނީ މިފަހަރު މައުމޫން މާލެ ވަޑައިގެން ގެކޮޅަށް ވަޑައިގަންނަވާނީ ވެސް ހިންގަވާފައި ކަމަށެވެ. އަދި އެމަނިކުފާނުގެ ހިމާޔަތުގައި ޒުވާނުން ތިބޭނެ ކަމަށް ވެސް އޭނާ ބުނެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ