މަޖިލީހުގެ މެޖޯރިޓީ ލީޑަރަކީ މިހާރު ތަސްމީނެއް ނޫން، އަޅުގަނޑު: ރީކޯ މޫސަ

ޑީއާރުޕީ އާއި ޕީއޭ ކޯލިޝަން ރޫޅެން ކައިރިވެ، އުފެދިފައިވާ ހަމަނުޖެހުންތަކާ ހެދި ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ޕާޓީ އަކީ މިހާރު ޑީއާރުޕީ ނޫން ކަމަށާއި އެމްޑީޕީ ކަމަށް ޕާލިމެންޓްރީ ގްރޫޕްގެ ރައީސް ރީކޯ މޫސަ މިއަދު ވިދާޅުވެއްޖެ އެވެ.
"އަޅުގަނޑު ވަރަށް ދެރަވޭ [ޑީއާރުޕީ އާއި ޕީއޭ] ކޯލިޝަން ބްރޭކްކޮށްފި އެ ބޭފުޅުން. އެކަން އެގޮތަށް އޮތް ކަމަށް މީޑިއާގައި އެ ބޭފުޅުން ވާހަކަ ދައްކައިފި. އެކަމަކު މަޖިލީހުގެ ރަޖިސްޓްރީ އާއި ތާވަލުގެ ތެރެއިން އެކަން އެގޮތަށް ކުރި ކަން ދައްކާކަށެއް ނުކެރޭ. އަދިވެސް އެ ތިބެނީ. އެހެންވެއްޖިއްޔާ ތަސްމީނަކީ މިހާރު މަޖިލީހުގެ މެޖޯރިޓީ ލީޑަރަކަށް ނުވާނެ. އަޅުގަނޑު މަޖިލީހުގެ މެޖޯރިޓީ ލީޑަރަކީ،" މަޖިލީހުގެ އިދާރާގެ ކުރިމަތީގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ހުޅުހެންވޭރު ދާއިރާގެ މެމްބަރު ރީކޯ މޫސަ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ހޯމް މިނިސްޓަރު ހަސަން އަފީފަށް ރުހުން ނުދެއްވާނެ ކަމަށް ޑީއާރުޕީން ނިންމިކަމުގެ ވާހަކަތަކެއްގެ އަޑު ފެތުރުނު ނަމަވެސް އެމްޑީޕީން ބޭނުންވި ގޮތަށް އަފީފަށް ވޯޓު ލިބުމުން ވެސް އެކަން ވަނީ ހާމަވެފަ އެވެ. އަދި އެ ނޫން ވެސް ސީރިއަސް މައްސަލަތަކުގައި އެމްޑީޕީ ބޭނުންވާ ގޮތަށް ވޯޓު ލިބިފައިވާ ކަމަށާއި ކުރިއަތް އޮތް ތަނުގައި ލިބޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ފަހަކަށް އައިސް މަޖިލީހުގެ ވޯޓުގައި ކަންހިނގާ ގޮތުން، ޕީއޭ އާއި އެމްޑީޕީން ބޭނުންވާ ގޮތަށް ޑީލްހަދާ ކަމަށް ޑީއާރުޕީން ތުހުމަތުކުރި ނަމަވެސް އެފަދަ ޑީލެއް މިހާތަނަށް ޕީއޭއާ އެކު ހަދާފައި ނުވާނެ ކަމަށް ރީކޯ މޫސަ ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ވިފް ލައިނެއް އޮވޭ. ޕީއޭއަކާ ވެސް އަޅުގަނޑުމެން ވަކި ޑީލެއް ހަދައިގެން މަސައްކަތެއް ނުކުރަން، އަޅުގަނޑުމެން ހަދާނީ އެންމެ ޑީލެއް. އެއީ ދެބައި މީހުންގެ ދޭތެރޭގައި ކޯލިޝަނެއް ހަދައިގެން އެގްރީމެންޓެއް ހެދުން،" އޭނާ ވިދާޅުވި އެވެ.
މޫސަ ވިދާޅުވި ގޮތުގައި ޑީއާރުޕީން އެގޮތަށް ތުހުމަތު ކުރީ ބްރޯޑްކާސްޓިން ކޯޕަރޭޝަނަށް މެމްބަރުން ހޮވުމުގެ މައްސަލާގައި ޑީއާރުޕީން ތްރީ ލައިން ވިޕެއް ނެރެފައި ވަނިކޮށް އެ ޕާޓީގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފް އެއާ ހިލާފުވުމުންނެވެ.
މޫސަ ވިދާޅުވީ ބޯޑުގައި ހިމެނިވަޑައިގަންނަވާ މަހުލޫފްގެ ދައްތައެއް ކަމަށްވާ މުއުމިނާ އާދަމް އަށް ވޯޓު ދިނުމަށް މަހުލޫފް އެމްޑީޕީގެ މެމްބަރުންގެ ކިބައިން އެދިވަޑައިގެންނެވި ކަމަށެވެ. މަހުލޫފްގެ އެ އެދިވަޑައިގަތުމާ އެކު އެމްޑީޕީން ތްރީލައިން ވިޕް ނެރެ އެކަން ކޮށްދިނުމަށް އެ ޕާޓީގެ މެމްބަރުން ކިބައިން އެދިވަޑައިގެންނެވި ކަމަށް ވެސް މޫސަ ވިދާޅުވި އެވެ.
"މިސާލަކަށް މަހުލޫފްގެ ދައްތައެއް ހޮވަން މަހުލޫފް އަޅުގަނޑުމެން ކައިރީގަ ވޯޓު ދޭށޭ ބުނީމަ އަޅުގަނޑުމެންނަށް މަހުލޫފް ފަރާތުން ވޯޓު ލިބޭ ކަމަށްވަންޏާ އެކަން ނުކޮށް ދިނުމުގެ ބޭނުމެއް ނެތް. މުސްތަގުބަލުގައި އަޅުގަނޑުމެން ވެސް މަހުލޫފް ކައިރީގައި ކަންކަމު ކިޔަން ޖެހިދާނެ،" މޫސަ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ޑީއާރުޕީ އާއި ޕީއޭ ކޯލިޝަން ރޫޅެން ކައިރިވެ އުފެދިފައިވާ ހިތްހަމަނުޖެހުންތަކުގެ ސަބަބުން މަޖިލީސް ތެރޭގައި ބޮޑެތި މައްސަލަތަކެއް އަންނަނިީ ކުރިމަތިވަމުންނެވެ. އެގޮތުން މަޖިލީހުގެ ކޯރަމް ހަމަނުވާ މައްސަލަ އޭނާ ނެންގެވި އެވެ. މަޖިލީސް ހިނގަމުންދާ އިރު ކޮމިޓީތަކުގެ ޖަލްސާތަކުގެ އިތުރުން ވެސް އެންމެ ބޮޑު ދެ ޕާޓީގެ މަދުވެގެން 10 މެމްބަރުން ހާޒިރުވާން ޖެހޭނެ ކަމަށް ކުރިން ވަނީ އެއްބަސްވެފަ އެވެ.
"މިކަން މިއަދަކު އެގޮތަކަށް ނުހިނގާ. އަޅުގަނޑު އެކަން ކުށްވެރިކުރަން. ދެން އަޅުގަނޑުމެންނަށް މިއަދު ވެސް ކޮމިޓީތަކުގައި ކުރަން ޖެހޭ ބައިވަރު މަސައްކަތްތަކެއް އެބަހުރި. މަޖިލީހުގެ ފްލޯގައި ކިތަންމެ ޒުވާބުތަކެއް ހިނގިކަމުގައި ވިއަސް ކަންކަން ނިންމުމުގައި އެއްބާރުލުން ލިބިގެން ކަންކަން ކުރިއަށް ގެންދެވޭނީ،" މޫސަ ވިދާޅުވި އެވެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ