ފަސް ވަޒީރަކަށް ރުހުން ދިނުމަށް މިއަދު ރައްޔިތުންގެ މަޖިލީހުގައި ނެގި ވޯޓާ ދިމާކޮށް ޑީއާރުޕީގެ ދެ މެމްބަރަކު ރާއްޖޭން ބޭރަށް ފޮނުވާލެއްވީ ޕީއޭ އާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ގުޅިވަޑައިގެން ކަމަށް ޑީއާރުޕީން ތުހުމަތުކޮށްފި އެވެ.
ޑީއާރުޕީގެ ކައުންސިލް މެމްބަރު އަދި މެދު ހެންވޭރު ދާއިރާގެ އަލީ އާޒިމް މިއަދު ވިދާޅުވީ ހޯމް މިނިސްޓަރު ހަސަން އަފީފާއި ޓްރާންސްޕޯޓް މިނިސްޓަރު އާދިލް ސަލީމަށް ރުހުން ނުދިނުމަށް އެ ޕާޓީން ނިންމާފައިވީ ނަމަވެސް އެކަން ކާމިޔާބުނުވީ "ޕީއޭ އާއި ގާސިމް ގުޅިގެން ދެ މީހަކު ފޮނުވާލުމުން" ކަމަށެވެ.
ވޯޓާ ދިމާކޮށް ޕީއޭ އާއި ގާސިމް ގުޅިވަޑައިގެން ރާއްޖޭން ބޭރަށް ފޮނުވާލެއްވި ކަމަށް އާޒިމް އެ އިޝާރާތްކުރައްވަނީ ވެލިދޫ ދާއިރާގެ އަލީ މުހައްމަދާއި ޑީއާރުޕީގެ ޒައީމް މައުމޫން އަބްދުލް ގައްޔޫމްގެ ފެކްޝަންގެ އިލްހާމް އަހުމަދަށެވެ.
"ދެ ވޯޓު އިތުރަށް އަޅުގަނޑުމެންނަށް ބޭނުންވީ. އެ ދެ މެމްބަރުން ތިބި ނަމަ ޔަގީނުން ވެސް އަފީފާއި އާދިލަކަށް ރުހުން ނުލިބޭނެ. ދެ ވޯޓު އިތުރަށް ލިބުމުން ވޯޓު އެއްވަރު ވިޔަސް ރިއާސަތުން ވޯޓުލައިގެން އަޅުގަނޑުމެންނަށް ކާމިޔާބުވީސް،" އާޒިމް ވިދާޅުވި އެވެ.
އަފީފާއި އާދިލް އަދި ސަވާދަށް މަޖިލީހުން ރުހުން ނުދިނުމަށް ތްރީ ލައިން ވިޕް ނެރުމަށް ޑީއާރުޕީން އިއްޔެ ނިންމިއިރު ވެސް އިލްހާމާއި އަލީ މުހައްމަދު މާލޭގައި ވަޑައިގެން ނެތް ނޫންތޯ ދެންނެވުމުން އާޒިމް ވިދާޅުވީ އެ ދެ ބޭފުޅުން މިއަދު ރާއްޖެ ގެންނެވޭތޯ ޑީއާރުޕީން ވަރަށް މަސައްކަތްކުރި ކަމަށެވެ.
"އެކަމަކު އެ ދެ މީހުން ނައި. އެހެން ކަހަލަ ކަންތައްތަކެއް އޮތީ އެ ބޭފުޅުންގެ މެދުގައި ހިނގާފައި،" ތަސްމީނާ ގާތްގުޅުމެއް އޮންނަ އާޒިމް ވިދާޅުވި އެވެ. "އިލްހާމަކީ ސީދާ ޒައީމް ފެކްޝަންގެ މެމްބަރެއް. އެހެންވީމަ އަޅުގަނޑުމެން ވަރަށް ހިތާމަކުރަން ސީދާ ޒައީމަށް ރައްދުވާ ގޮތަށް އެކި ކަންތައްކުރައްވާފައިވާ ބޭފުޅަކަށް ވޯޓަށް އެހި އިރު އިލްހާމް ނެތުމުން. އަޅުގަނޑުމެން އުއްމީދުކުރަން ޒައީމް މިކަން ކުށްވެރިކުރައްވާނެ ކަމަށް ވެސް."
ޑީއާރުޕީގެ މި އިލްޒާމާ ގުޅިގެން ޕީއޭގެ ޕާލިމެންޓްރީ ލީޑަރު އަހުމަދު ނާޒިމް މިއަދު ވިދާޅުވީ ވޯޓާ ދިމާކޮށް އެއްވެސް މެމްބަރަކު ރާއްޖޭން ބޭރަށް ފޮނުވާލާފައިނުވާނެ ކަމަށެވެ. އަދި ވިދާޅުވީ އަލީ މުހައްމަދު ރާއްޖޭން ބޭރަށް، ވޯޓާ ދިމާކޮށް ފޮނުވާލެއްވީ ޑީއާރުޕީން ކަމަށެވެ.
"އެއީ ރައީސް ނަޝީދާއި ތަސްމީނާ ދެ ބޭފުޅުން ވ. އާރަށުގައި ބޭއްވި ބައްދަލުވުމުގެ ނަތީޖާ. އެ ބައްދަލުވުމުގައި އެއްބަސްވި ގޮތަށް އަލިބެ އެހެރީ ފޮނުވާލާފައި،" ނާޒިމް ވިދާޅުވި އެވެ.
ލަންކާގައި ހުންނަވައިގެން "ހަވީރަ"ށް މައުލޫމާތު ދެއްވަމުން އިލްހާމް މިއަދު ވިދާޅުވީ އޭނާ މީގެ ދެ ރޭ ކުރިން ލަންކާ އަށް ފުރާވަޑައިގަތީ އުމުރުން ހަތް އަހަރުގެ ދަރިފުޅުގެ ހާލު ވަރަށް ބޮޑަށް ސީރިއަސްވުމުން ކަމަށެވެ. އަދި މިއަދު މާލެ އައުމާ ބެހޭ ގޮތުން ޑީއާރްޕީން އެއްގޮތަކަށް ވެސް ގުޅާފައިނުވާ ކަމަށާއި މިހާރު ވެސް ދަރިފުޅު އޮތީ ލަންކާގެ ހޮސްޕިޓަލްގެ އައިސީޔޫގައި ސީރިއަސް ހާލަތުގައި ކަމަށް އިލްހާމް ވިދާޅުވި އެވެ.
"ރޭގައި މާލެ އަންނަން އަޅުގަނޑު ޓިކެޓް ވެސް ނެގިން. އެކަމަކު ދަރިފުޅުގެ ބްލަޑް ކައުންޓް ވަރަށް ބޮޑަށް ދަށް، ލޭގެ ޕްރެޝަރު ދަށްވުމުން އަޅުގަނޑަކަށް ނުކެރުނު ދަރިފުޅު ދޫކޮށްލާފައި މާލެ ދާކަށް. އަޅުގަނޑު މި ކަމުގައި މަޝްވަރާކުރިން މައުމޫނާއި ގާސިމާއި ޔާމީނާ. އެ ބޭފުޅުން ވިދާޅުވީ އިލްހާމްގެ އާއިލާ އަށް ވުރެ އެހެން ކަމެއް މުހިންމުވެގެން ނުވާނެއޭ. ސީދާ މައުމޫން ވިދާޅުވި ދަރިފުޅު ތި ފަދަ ހާލަތެއްގައި އޮއްވައި އަންނާކަށް ނުވާނެއޭ. އެއީ އަޅުގަނޑު ގަބޫލުކުރާ ތިން ބޭފުޅުންވީމަ އެ ބޭފުޅުންނާ މަޝްވަރާކުރީ،" ޑީއާރުޕީގެ ޑެޕިއުޓީ ލީޑަރު އިލްހާމް ވިދާޅުވި އެވެ.
އިލްހާމް ވިދާޅުވީ އޭނާގެ ދަރިފުޅު ބަލި ހާލުގައި އައިސީޔޫގައި އޮއްވައި ޑީއާރުޕީން އެ ފަދަ ބަދުނާމެއް އެޅުވީތީ ވަރަށް ބޮޑަށް ހިތާމަކުރައްވާ ކަމަށެވެ.
"ރޭގައި ވެސް ދަރިފުޅުގެ ބްލަޑް ކައުންޓް ދަށަށް ދިޔައީ ކޯމާއަކަށް ދާ ވަރަށް. މިކަން އެނގޭނެ މީހުން ތިބޭނެ. އަޅުގަނޑު ބަދުނާމު ކުރުމަށް ޑީއާރުޕީން ވާހަކަ ދައްކާނެކަން ވެސް އިނގޭ،" އިލްހާމް ވިދާޅުވި އެވެ.
ނާޒިމް ވެސް ވިދާޅުވީ މިއަދު ވޯޓު ނަގާތީ މާލެ ވަޑައިގަތުމަށް އިލްހާމް ވަރަށް ބޮޑަށް މަސައްކަތްކުރެއްވި ނަމަވެސް ދަރިފުޅުގެ ހާލަތަށްޓަކައި ދަތުރު ކެންސަލްކުރެއްވީ ކަމަށެވެ.
މަޖިލީހުގައި މިއަދު ނެގި ވޯޓުގައި އަފީފާއި ސަވާދާއި އާދިލަށް ޑީއާރުޕީ/ޕީއޭ ކޯލިޝަނުން ބުނެފައިވަނީ ނޫނެކޭ އެވެ. އެހެން ނަމަވެސް އާދިލަށް ރުހުން ދިނުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް ވޯޓު ދެއްވި އެވެ. އަދި އަފީފުގެ ވޯޓުގައި ގާސިމް އެއްވެސް ކޮޅަކަށް ވޯޓެއް ނުދެއްވަ އެވެ. އަދި ސަވާދު އެޓާނީ ޖެނެރަލް ކަމަށް އައްޔަންކުރަން ފެނޭތޯ ބެލުމަށް ނެގި ވޯޓުގައި ގާސިމް ވޯޓު ދެއްވީ ނުފެންނަ ކަމަށެވެ.
ވޯޓާ ދިމާކޮށް ޑީއާރުޕީގެ ދެ މެމްބަރަކު ރާއްޖޭން ބޭރަށް ފޮނުވާލީ ޕީއޭ އާއި ގާސިމް ގުޅިގެން: ޑީއާރުޕީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ