ސުޕްރީމް ކޯޓާމެދު ސުވާލު އުފައްދާނެ ޖާގައެއް ނެތް: ރައީސް

ސުޕްރީމް ކޯޓުގައި މިހާރު ތިއްބެވީ އެކަމަށް އެންމެ ގާބިލު ބޭފުޅުން ކަމަށާއި އެ ކޯޓުގެ މަސައްކަތާމެދު ސުވާލު އުފައްދާނެ އެއްވެސް ޖާގައެއް ނެތް ކަމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.
އިކޮނޮމިކް މިނިސްޓްރީ އާއި ޖުޑިޝަރީ ގުޅިގެން ބާއްވާ ކޮލޯކިއަމް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ސުޕްރީމް ކޯޓުގައި މިވަގުތު ތިއްބެވީ ޝަރުއީ ދާއިރާގައި ތިއްބެވި އެންމެ ފުންނާބު އުސް، ހައިބަތު ހެޔޮ ފަނޑިޔާރުންގެ ބެންޗް ކަމަށެވެ. އެ ބެންޗް މަސައްކަތްކުރައްވާ ގޮތާމެދު ސުވާލު ނުއުފެއްދޭނެ ކަމަށެވެ.
ބޭރުގެ ފަރާތްތަކުން ލިޔާ ރިޕޯޓްތަކުގައި ސުޕްރީމް ކޯޓުގެ ބެންޗާމެދު ސުވާލު އުފައްދައި ގާބިލްކަމާމެދު ސުވާލު އުފައްދައި ވާހަކަތައް ލިޔާ ކަމަށާއި ނަމަވެސް އެކަން އޮތީ އެގޮތަށް ނޫން ކަމަށް ރައީސް ވިދާޅުވި އެވެ. އެ ބޭފުޅުންނަކީ ގާބިލު ބޭފުޅުންތަކެއް ކަމަށެވެ.
މިހާރު ސުޕްރީމް ކޯޓުގައި ތިއްބަވަނީ ފަސް ފަނޑިޔާރުންނެވެ. އެއީ، އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު، ފަނޑިޔާރު އަބްދުﷲ އަރީފް، ފަނޑިޔާރު އަލީ ހަމީދު މުހައްމަދު، ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ، އަދި ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އެވެ.
ރައީސް ވަނީ ކޯޓުތަކުގެ އިތުބާރު ގެއްލެނީ އެ ނިޒާމްގެ ތެެރެއިިން ނާޖައިޒް ގޮތުގައި ބަޔަކު ކުރާ އަމަލުތަކުގެ ސަބަބުން ކަމަށެވެ. ފަނޑިޔާރުންގެ ސަބަބުން ނޫން ކަމަށެވެ. އެގޮތުން ކޯޓެއްގެ ތައްގަނޑު ނަކަލުކޮށް، ރައިސުލްޖުމްހޫރިއްޔާ ހައްޔަރުކުރުމަށް ކޯޓު އަމުރެއް ވެސް މި ގައުމުގައި ނެރެފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ. އެއީ ދުނިޔޭގެ އެއްވެސް ގައުމެއްގައި ހިނގާނެ ކަމެއް ނޫން ކަމަށެވެ.
"ދުނިޔޭގެ ކޮން ތަނެއްގަތޯ ކޯޓެއްގެ ތައްގަނޑު ފޯޖުކޮށްގެން އަމުރެއް ހަދައިގެން ދައުލަތުގައި ވެރިކަން ކުރަން ހުންނަ މީހަކު ހައްޔަރުކުރުމަށް ކޯޓު އަމަރު ހިފައިގެން ނިކުންނަނީ، މިއީ ދުނިޔޭގެ ކޮން ގައުމެއްގަ ހިނގާނެ ކަމެއްތޯ، ނަމޫނާ ދިވެހިރާއްޖެ، ދިވެހިރާއްޖޭގެ މިކަން ވެސް ވާނެ، ވެފަ އޮތީ، އަދިވެސް ވާންވީ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ، މިފަދަ މުއައްސަސާތަކުގެ އަގު ވެއްޓިގެން ދަނީ މިފަދަ ކަންތައްތަކުގެ ސަބަބުން ކަމަށެވެ. މިކަހަލަ ކަންކަން ރާއްޖޭގައި ހިނގާ ކަމަށްވާނަމަ ލިބެންވާ ޝަރަފާއި ކަރަމާތް ކުޑަވެގެންދާނެ ކަމަށެވެ. ބޭރުގެ ފަރާތްތަކުގެ އިތުބާރު ވެސް ގެއްލެނީ އެފަދަ ކަންކަން ހިނގާތީ ކަމަށް ރައީސް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ