ފްރީޑަމްގެ ޑްރޮޕިން ސެންޓަރަށް ގާސިމް އެހީވެ ދެނީ

މަސްތުވާ ތަކެއްޗާ ދެކޮޅަށް މަސައްކަތްކުރާ ސ. ހިތަދޫގެ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ "ފްރީޑަމް" އާ ޑޮރޮޕިން ސެންޓަރަކަށް ބަދަލުވުމަށް ކުރާ މަސައްކަތަށް ޖުމްހުރީ ޕާޓީގެ ރިއާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމް އެހީ ދޭން އެއްބަސްވެއްޖެ އެވެ.
ފްރީޑަމް ޖަމިއްޔާގެ ޗެއާޕާސަން މުހައްމަދު ނައީމް މިއަދު ވިދާޅުވީ ގާސިމް ފްރީޑަމް ޖަމިއްޔާގެ މިހާރުގެ ޑްރޮޕިން ސެންޓަރަށް އިއްޔެ ވަޑައިގެން އެ ޖަމިއްޔާއަށް އަލަށް ލިބިފައިވާ ކުރީގެ ހިތަދޫ ކްލަބް ހައުސް އަށް ބަދަލުވުމުގައި އެހީތެރިވާން އެެއްބަސްވެ ވަޑައިގެންވާ ކަމަށެވެ.
އެގޮތުން އެތަނަށް ބަދަލުވާއިރު ތަނަށް ބޭނުންވާ ސާމާން ހޯދުމަށް ދެލައްކަ ރުފިޔާގެ އެހީއެއް ދިނުމަށް ވަނީ ނިންމާފައެވެ.
ނައީމް ވިދާޅުވީ އެތަނަށް ބަދަލުވާ އިރު އާ ކުޅިވަރު ކުޅޭ ސާމާނައި ތަން ހަދަން ޖެހޭ ކަމަށެވެ. އެހެންވެ އެކަމަށް ބޮޑު ހަރަދެއް ހިނގާނެ ކަމަށެވެ.
ނައީމް ވިދާޅުވީ ފައިސާ ދެދުވަހެއްގެ ތެރޭގައި ފްރީޑަމްގެ އެކައުންޓަށް ޖަމާކުރެވޭވަރުވާނެކަމަށް ބުނެފައިވާ ކަމަށެވެ.
ގާސިމް އައްޑު އަށް ކުރައްވާ ދަތުރުފުޅުތަކުގައި މި ސިޓީގެ ސްކޫލްތަކަށާއި އިޖްތިމާއީ މަރުކަޒުތަކަށް ބޮޑެތި އެހީތަކެއް ދިނުމަށް ވަނީ ވައުދުވެ ވަޑައިގެންފަ އެވެ.
ގާސިން އައްޑޫން ރޭ ފުރާވަޑައިގަތުމަށް ހަމަޖެހިފައިވީ ނަމަވެސް އެ ދަތުރު ލަސްކޮށް މިހާރު ފުރާވަޑައިގަތުމަށް ހަމަޖެހިފައި ވަނީ މިރޭގެ ވަގުތެއްގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ