ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރަށް މާދަމާ ދެ އަހަރު ފުރޭތީ ސަރުކާރަށް "ރިޕޯޓް" ދިނުމަށް ރޭ އިދިކޮޅު ޑީއާރުޕީން ބޭއްވި ޖަލްސާގައި އެ ޕާޓީގެ ޑެޕިއުޓީ ލީޑަރު އުމަރު ނަސީރަށް ވާހަކަ ދެއްކެވުމުގެ ފުރުސަތު ނުދީގެން ބަޔަކު އަޑުގަދަ ކޮށްފި އެވެ.
އާޓިފިޝަލް ބީޗް ސަރަހައްދުގައި ބޭއްވި އެންމެ ބޮޑު އިދިކޮޅު ޕާޓީގެ ޖަލްސާގައި އުމަރު ނަސީރުގެ ސަޕޯޓަރުން ވަނީ ބައެއް ބޭފުޅުން ވާހަކަ ދައްކަވަން ފެއްޓެވުމުން އުމަރު ަނަސީރަށް ޕޯޑިއަމްގައި ވާހަކަ ދެއްކެވުމުގެ ފުރުސަތު ދިނުމަށް ގޮވާލައިފަ އެވެ. އެ ގޮތުން ޕާޓީގެ ލީޑަރު އަހުމަދު ތަސްމީން އަލީ ވާހަކަ ދައްކަވަން ފެއްޓެވުމުން، އުމަރަށް ވާހަކަ ދެއްކެވުމުގެ ފުރުސަތު ދިނުމަށް އެދި ފަހަތުން ދެ ފަހަރަކު ގޮވާލި އެވެ. އެހެން ނަމަވެސް އެ ގޮވާލުންތަކަށް ޑީއާރުޕީން އިޖާބައެއް ނުދެ އެވެ.
އުމަރު މިއަދު ވިދާޅުވީ ރޭގެ ޖަލްސާގައި އޭނާ އަށް ފުރުސަތު ދިނުމަށް ސަޕޯޓަރުންތަކެއް އަޑުގަދަ ކުރުމުން ވަކި ހިސާބަކުން މަސްލަހަތު ގޯސްވެދާނެތީ އެމީހުން ކޮންޓްރޯލް ކުރީ އެސްއެމްއެސް ފޮނުވައިގެން ކަމަށެވެ.
"އަޅުގަނޑު އެ މީހުންނަށް އެސްއެމްއެސް ފޮނުވާފައި ބުނީ މައިތިރިވާށޭ. ޕާޓީގެ އެކަހަލަ ޖަލްސާއެއްގައި އެ ގޮތަށް އަޑުގަދަކޮށް ހެދުމުން ހަޑިވާނެއޭ. އެއީ ހަޑި ކަމެކޭ. އެހެންވެ އެ މީހުން މައިތިރިވީ،" ތަސްމީންގެ ސިޔާސީ ބައެއް ފިކުރުތަކާ ތަފާތު ވިސްނުމެއް ގެންގުޅުއްވާ އުމަރު ވިދާޅުވި އެވެ. "އަޅުގަނޑުގެ ސަޕޯޓަރުން އިއްޔެ ވެސް އެހި އަޅުގަނޑު ކައިރިން ކީއްވެހޭ ވާހަކަ ނުދައްކަނީ. އަޅުގަނޑު ދެންނެވިން އަޅުގަނޑަކަށް ފުރުސަތެއް ނުލިބުނޭ."
އުމަރަށް ރޭގެ ބައްދަލުވުމުގައި ވާހަކަ ދެއްކެވުމުގެ ފުރުސަތު ލިބިވަޑައިނުގަތުމުން ބައެއް މީހުން އެކަމުގެ ހިތްހަމަނުޖެހުން ފާޅުކުރިއިރު ކޮންމެވެސް ވަރެއްގެ ހޫނު ޒުވާބެއް ވެސް ކުރި އެވެ. އަދި އެމީހުން ކޮންޓްރޯލްކުރީ ވިލިމާފަންނު ދާއިރާގެ މެމްބަރުން އަހުމަދު ނިހާން ހުސެއިން މަނިކު ވަޑައިގެންނެވެ.
އުމަރު ވިދާޅުވީ ޑީއާރުޕީގެ ބޮޑެތި ޖަލްސާތަކުގައި އޭނާއަށް ވާހަކަ ދެއްކެވުމުގެ ފުރުސަތު ނުދިނުމަކީ އާންމު ކަމެއް ކަމަށެވެ. އެ ގޮތުން ބައެއް ޖަލްސާތައް އޭނާ ފާހަގަކުރެއްވި އެވެ.
"ތުލުސްދޫގައި ބޭއްވި ޑީއާރުޕީގެ އަހަރީ ޖަލްސާގައި ވެސް އަޅުގަނޑު އެދުނިން ސެކްރެޓަރީ ޖެނެރަލްގެ އަރިހުގައި ފުރުސަތު ދެއްވުމަށް. މި ނޮވެމްބަރު 2 ވަނަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ވެސް ވާހަކަ ދެއްކުމަށް ފުރުސަތު ދިނުމަށް ސެކްރެޓަރީ ޖެނެރަލްގެ އަރިހުގައި އެދުނިން. އެ ދެ ފަހަރު ވެސް ނުލިބުނު ފުރުސަތެއް،" އުމަރު ވިދާޅުވި އެވެ. "އެކަމަކު ރޭގެ ޖަލްސާގައި ވާހަކަ ދެއްކުމުގެ ފުރުސަތު ދެއްވުމަށް އަޅުގަނޑު އެދުނީ ސީދާ ތަސްމީންގެ އަރިހުގައި. ތަސްމީނަށް ފޯނުކޮށްފައި އިއްޔެ ދެންނެވިން އެ ވާހަކަ. އެކަމަކު ތަސްމީން ވިދާޅުވީ ފުރުސަތެއް ނުދެއްވޭނެއޭ. ވާހަކަ ދައްކާ މީހުންގެ ލިސްޓް އޮތީ ހަމަޖެހިފައޭ."
އުމަރު ވިދާޅުވީ ޕާޓީގެ ޖަލްސާތަކުގައި ވާހަކަ ދެއްކެވުމުގެ ފުރުސަތު އުސޫލެއްގެ ގޮތުން ދެއްވަނީ ޑެޕިއުޓީ ލީޑަރުން ރޮޓޭޓްވާ ގޮތަށް ކަމަށެވެ. އެކަމަކު ބައެއް ޑެޕިއުޓީ ލީޑަރުން ޖައްސަޖައްސައިގެން ބައެއް ޖަލްސާތަކުގައި ރިޕީޓްކޮށް ވާހަކަ ދައްކަވާފައިވާކަން އުމަރު ފާހަގަކުރެއްވި އެވެ.
ޑީއާރުޕީގެ އިސް އޮފިޝަލަކު ވިދާޅުވީ އެ ޕާޓީގެ ޖަލްސާތަކުގައި އުމަރަށް ވާހަކަ ދެއްކެވުމުގެ ފުރުސަތު ނުދިނުމުގެ އުސޫލެއް އެއްވެސް އިރެއްގައި ގެންގުޅެފައި ނުވާނެ ކަމަށެވެ.
"އުމަރަށް އެއްވެސް ކަމެއްގައި ތަފާތު ކުރާކަށް ޕާޓީން އަންގާފައެއް ނެތް. މިދިޔަ މަސް ދުވަހަށް ބަލާއިރު އުމަރު ވަނީ ގެނަމަފުށި، ކަނޑުހުޅުދޫ، ވާދޫ، ކުޅުދުއްފުށީ ޖަލްސާގައި ވާހަކަ ދައްކަވާފައި. އަޅުގަނޑުމެން ދެކޭ ގޮތުގައި އެއީ ހަމަ ބޮޑެތި ޖަލްސާތައް. މިދިޔަ މަހު މާލޭގެ ރާޅުގަނޑު ސަރަހައްދުގައި ބޭއްވި ޖަލްސާގައި ވެސް އުމަރު ވާހަކަ ދެއްކެވި،" އޮފިޝަލް ވިދާޅުވި އެވެ.
އުމަރު ވިދާޅުވީ ރޭގެ ޖަލްސާ އަށް ފަހު ބަޔަކު މީހުން އޭނާގެ ގައިގައި ތަޅައިގަންނަން ވެސް ދިޔަ ކަމަށެވެ. އެކަމަކު އެއީ ޑީއާރުޕީ ބައެއް ނޫން ކަމަށާއި އެ މީހުން އަމިއްލަ އަށް އެކަން ދޫކޮށްލާފައި ދިޔައީ ކަމަށް އޭނާ ވިދާޅުވި އެވެ.
ޑީއާރުޕީގެ ޖަލްސާގައި އުމަރު ނަސީރަށް ވާހަކަ ދެއްކެވުމުގެ ފުރުސަތު ނުދީގެން އަޑުގަދަކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ