ރައީސް މައުމޫނަކީ ސުންނީ މުސްލިމެއް ނޫން ކަން ސާބިތުނުވާ ކަމަށް ސުޕްރީމް ކޯޓުން ނިންމައިފި

35: 21
ރައީސް މައުމޫނަކީ ސުންނީ މުސްލިމެއް ނޫން ކަމަށް ބުނެ، އެ ސަބަބަށްޓަކައި ރިޔާސީ އިންތިހާބުގައި މައުމޫނަށް ވާދަނުކުރެއްވޭނެ ކަމަށް ބުނެ އަދާލަތު ޕާޓީން ހުށަހެޅި މައްސަލަ ސާބިތުނުވާ ކަމަށް ސުޕްރީމް ކޯޓުން ދެންމެ ނިންމައިފި އެވެ.
ކުރިއަށް އޮތް ރިއާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް ރައީސް މައުމޫން ހުށަހެޅުއްވުމުން އިލެކްޝަންސް ކޮމިޝަނުން އެ މަނިކުފާނުގެ ނަންފުޅު ބަލައިގަތުމުން، ރައީސް މައުމޫންގެ ކެންޑިޑޭސީ ބާތިލުކޮށްދިނުމަށް އެދި އަދާލަތު ޕާޓީން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ނިންމަވަމުން އުއްތަމަ ފަނޑިޔާރު އަލްއުސްތާޒް އަބްދުﷲ ސައީދު ވިދާޅުވީ ރައީސް މައުމޫނަކީ ސުންނީ މުސްލިމެއް ނޫންކަން ސާބިތުކުރެވޭ ވަރަށް އަދާލަތު ޕާޓީ އަށް ހެކި ދެއްކިފައިނުވާ ކަމަށެވެ.
އުއްތަމަ ފަނޑިޔާރު ވިދާޅުވީ، މި ދުސްތޫރީ މައްސަލަ ބެއްލެވި އިރު، ރައީސް މައުމޫނަކީ އެއްވެސް އިރެއްގައި އިސްލާމް ދީން ދޫކޮށްލާފައިވާ މީހެއްކަން އެނގެން ނެތް ކަމަށާއި އަދި މައުމޫންގެ މައްޗަށް އެފަދަ އެއްވެސް މައްސަލައެއް ރާއްޖޭގެ ޝަރުއީ އެއްވެސް ކޯޓަކަށް އެއްވެސް އިރެއްގައި ހުށަހެޅިފައި ނުވާތީ އާއި އެއްވެސް ކޯޓަކުން އެފަދަ ހުކުމެއް ކޮށްފައިނުވާތީ އާއި ޖިނާއީ ކޯޓުންނާއި ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ސާވިސް އިން ވެސް އެކަމަށް ލިޔުން ދީފައިވާތީ، މައުމޫނަކީ ސުންނީ މުސްލިމެއް ނޫން ކަމުގެ ކާފީ ހެކި އެއްވެސް ޝައްކެއް ނެތް މިންވަރަށް އަދާލަތު ޕާޓީ އަށް ދެއްކިފައިނުވާތީ، ކުރިއަށް އޮތް ރިއާސީ އިންތިޚާބުގައި ވާދަކުރުމަށް ރައީސް މައުމޫންގެ ނަން އިލެކްޝަނުން ކޮމިޝަންސް އިން ބަލައިގަތް ބަލައިތުމަކީ ސައްހަ ނިންމުމެއް ކަމަށް ކަނޑައަޅައި މައްސަލަ ނިންމެވީ ކަމަށެވެ.
ރައީސް މައުމޫނާ ދެކޮޅަށް އަދާލަތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ މައުމޫނަށް ކާމިޔާބުވުމާ ގުޅިގެން، ޑީއާރްޕީގެ ދިދަ ނަގާފައިވާ ލޮރީއެއްގައި ސުޕްރީމް ކޯޓުގެ ވަށައިގެން ދުއްވަމުން އަދާލަތު ޕާޓީ އަށް މަލާމާތް ރައްދުވާ ގޮތަށް އަޑުއުފުލަމުން ގޮސްފައިވެ އެވެ.
އަދި މި މައްސަލަ ރައީސް މައުމޫނަށް ކާމިޔާބުވުމާ ގުޅިގެން، ޑީއާރްޕީގެ ޓީޝާޓެއް ލައިގެން ހުރި މީހަކު ސުޕްރީމް ކޯޓު ކައިރިއަށް އައިސް އަދާލަތު ޕާޓީއަކީ އަނިޔާވެރި ޕާޓީއެކޭ ކިޔައި އަޑު އުފުލަން ފެށުމާ ގުޅިގެން އެ ތަނުގައި ތިބި މީހުންތަކެއް އޭނާ ވަށާލައި ހަމަނުޖެހުން އުފެދުނެވެ. އަދި އެ ހަމަނުޖެހުން މައިތިރިކުރެވުނީ ފުލުހުންގެ އެހީގައި އެމީހާ އެ ހިސާބުން ދުރަށް ގެންދިއުމުންނެވެ.
ރައީސް މައުމޫނަށް ކުރިއަށް އޮތް ރިއާސީ އިންތިޚާބުގައި ވާދަނުކުރެއްވޭނެ ކަމަށް ބުނެ އަދާލަތު ޕާޓީން ސުޕްރޯމް ކޯޓަށް ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ، ގާނޫނު އަސާސީގައި، ރައީސުލް ޖުމްހޫރިއްޔާ ކަމުގެ މަގާމަށް އިންތިޚާބުކުރާ މީހެއްގައި ހުންނަންވީ ޝަރުތުތައް ބަޔާންކޮށްފައިވާ 109 ވަނަ މާއްދާގެ (ށ)ގައި ބުނާ ޝަރުތު ރައީސް މައުމޫންގެ ކިބައިގައި ފުރިހަމަ ނުވާ ކަމަށެވެ. އެ މާއްދާގައި ބުނެފައިވާ ގޮތުން ރައީސް ކަމުގެ މަގާމަށް އިންތިޚާބުކުރާ މީހަކީ ސުންނީ ޖަމާއަތުގެ މުސްލިމެއް ކަމުގައި ވާންޖެހޭނެ އެވެ.
14: 21
ރައީސް މައުމޫނަކީ ސުންނީ މުސްލިމެއް ނޫން ކަމަށް ބުނެ، އެ ސަބަބަށްޓަކައި ރިޔާސީ އިންތިހާބުގައި މައުމޫނަށް ވާދަނުކުރެއްވޭނެ ކަމަށް ބުނެ އަދާލަތު ޕާޓީން ހުށަހެޅި މައްސަލަ ސާބިތުނުވާ ކަމަށް ސުޕްރީމް ކޯޓުން ދެންމެ ނިންމައިފި އެވެ.
(އިތުރު ތަފްސީލް އަންނަނީ...)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ