އިސް ގާޒީ ހައްޔަރުކުރުން ގާނޫނު އަސާސީ އާއި ބައިނަލްއަގުވާމީ އުސޫލުތަކާ ހިލާފް: އެޗްއާރްސީއެމް
ސިފައިން ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކޮށްފައި ވަނީ ދިވެހިރާއްޖޭގެ ގާނޫނު އަސާސީ އާއި ބައިނަލްއަގުވާމީ އުސޫލުތަކާ ވެސް ހިލާފަށް ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ބުނެފި އެވެ.އެ ކޮމިޝަނުން މިހެން ބުނީ މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކާއި ކުރިމަތިލުންތަކުގައި ރައްޔިތުންގެ އަސާސީ ހައްގުތަކެއް ގެއްލި، ގާނޫނީ ވެރިކަމުގެ ބާރުތައް ބަލިކަށިވާފަދަ އަމަލުތައް ހިނގަމުންދާ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށް ރައީސް އާއި ހޯމް މިނިސްޓަރާއި ޑިފެންސް މިނިސްޓަރަށް ފޮނުވި ސިޓީތަކެއްގަ އެވެ. ހަމަނުޖެހުންތަކާ ގުޅިގެން އެޗްއާރްސީއެމް އިން ވަނީ ޑިފެންސް މިނިސްޓަރު ތަލްހަތު އިބްރާހިމް ކަލޭފާނަށާއި ހޯމް މިނިސްޓަރު ހަސަން އަފީފަށާާއި ރައީސް މުހައްމަދު ނަޝީދަށް ވަކިވަކިން ސިޓީ ފޮނުވައިފަ އެވެ.މިގޮތުން ރައީސުލް ޖުމްހޫރިއްޔާއަށް ފޮނުވި ސިޓީގައި ކޮމިޝަނުން ވަނީ ރައްޔިތުންނަށް ގާނޫނުއަސާސީން ކަށަވަރުކޮށްދޭ ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި އެއްވެ އުޅުމުގެ މިނިވަންކަމާއި އަބުރު ރައްކާތެރިކުރުމާއި ގޯތިގެދޮރާއި މުދާ ރައްކާތެރިކުރުމުގެ ހައްގު ފަދަ މުހިއްމު އަސާސީ ހައްގުތަކެއް، އެއްވެސް ތަފާތުކުރުމެއްނެތި ލިބޭނެކަމަށް ރައްޔިތުންނަށް އޮތް އިތުބާރު ކުޑަވާފަދަ އަމަލުތަކެއް ދައުލަތުގެ ޒިންމާދާރު މުއައްސަސާތަކުން ކުރަމުން ގެންދާކަން ކަމަށް ބުނެފަ އެވެ. އަދި އެފަދަ އަމަލުތަކަކީ މިނިވަން، ޑިމޮކްރެޓިކް ގައުމެއްގައި އެއްވެސް ހާލަތެއްގައި ހިނގައިގެންވާނެ ކަންތަކެއްނޫން ކަމަށް ސިޓީގައި ބުނެ.ފައި ވާނެ ކަމަށް އެޗްއާރްސީއެމް އިން ބުންޏެވެ. އެ ކޮމިޝަނުން ވަނީ ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން، މިކަންކަމުގައި ގައުމާއި ރައްޔިތުންގެ މަސްލަހަތު އިސްކުރައްވައި، ގާނޫނީ ވެރިކަމުގެ ހުދޫދުގެ ތެރެއިން ހަރުދަނާ ފިޔަވަޅުތަކެއް އެޅުއްވުމަށް ރައީސުލް ޖުމްހޫރިއްޔާއަށް އިލްތިމާސްކޮށްފަ އެވެ.ކްރިމިނަލް ކޯޓްގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ސިފައިންގެ ބެލުމުގެދަށަށް ގެންދިޔުމަކީ ދިވެހިރާއްޖޭގެ ގާނޫނުއަސާސީއާއި ބައިނަލްއަގުވާމީ އުސޫލްތަކާއި ހިލާފް އަމަލެއް ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފައި ވަނީ ޑިފެންސް މިނިސްޓަރަށް ފޮނުވި ސިޓީގަ އެވެ. މިގޮތުން ގާނޫނުގައި ބަޔާންވެގެންވާ ގޮތެއްގެ މަތިން މެނުވީ އެއްވެސް މީހަކު ހިފާހައްޔަރުކުރެވިގެން ނުވާނެކަމަށް ފާހަގަކޮށް ޑިމޮކްރެޓިކް ގައުމުތަކުގައި ސިފައިން އަދާކުރާ ދައުރުގެ ތެރޭގައި މަދަނީން ހައްޔަރުކުރުން ނުހިމެނޭ ކަމަށް ބުނެފައިވެ އެވެ. އެއްވެސް ހާލަތެއްގައި މީހަކު ދައުލަތުގެ ބެލުމުގެ ދަށަށް ގެންގޮސްފިނަމަ، އެމީހަކު ބަހައްޓާފައިހުރި ތަނެއް އޭނާގެ އާއިލާއަށާއި ގާނޫނީވަކީލަށް އެންގުމަކީ، ގާނޫނުއަސާސީ އާއި ބައިނަލްއަގުވާމީ ސިޔާސީ އަދި މަދަނީ ހައްގުތަކާ ގުޅޭ މުައާހަދާއިން ދިވެހި ދައުލަތަށް ލާޒިމްކުރާ ކަމެއްކަންވެސް ފާހަގަކޮށްފައިވެ އެވެ." ... އަދި މިމައްސަލައިގައި ދިވެހިރާއްޖޭގެ ހައިކޯޓާއި ސުޕްރީމް ކޯޓުން ނެރެފައިވާ އަމުރުތަކަށް ހުރުމަތްތެރިކޮށް ހިއްތެވުމަށް މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިޔުރިޓީ އާއި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއަށް ވެސް ކޮމިޝަނުން ވަނީ އިލްތިމާސްކޮށްފައެވެ."ހޯމް މިނިސްޓަރަށް ފޮނުވި ސިޓީގައި ފުލުހުންގެ މަސައްކަތްކުރުމަށް ކަނޑައެޅިފައިވާ އިޖްރާއަތްތަކަށް ފުރިހަމައަށް އިހްތިރާމްކުރުމާ އެކު، ނުފޫޒުތަކުން އެއްކިބާވެ ތިބެ، ފުލުހުންނަށް ގާނޫނީ ވާޖިބުއަދާކުރެވޭނެ ފުރިހަމަ އިޚްތިޔާރާއި ބާރު، މިނިވަންކަމާއެކު ބޭނުންކުރުމަށް މަގުފަހިވެފައިއޮތުމަކީ، ދިވެހިރާއްޖޭގައި އިންސާނީ ހައްގުތައް ރައްކާތެރިކުރެވިފައިވާ މާހައުލެއް ގާއިމްކުރުމަށްޓަކާ ލާޒިމް ކަމެއްކަމަށާއި މިކަމުގައި ހޯމްއެފެއާރޒް އާއި ފުލުހުންގެ ޒިންމާތައް އަދާކުރެއްވުމުގައި ސަމާލުވެވަޑައިގަތުމަށް އެފަރާތްތަކަށް ވަނީ އިލްތިމާސްކޮށްފަ އެވެ.އެޗްއާރްސީއެމުން ބުނީ މިހާރު ކުރިމަތިވެފައިވާ ސިޔާސީ ހަލަބޮލިކަމުގެ ހާލަތު ބަދަލުކޮށް ރައްޔިތުންގެ ހައްގުތަކާއި ކަރާމާތަށް ބުރޫނާރާ ގޮތަކަށް ކަންތައް ގެންދިއުމާއި ބެހޭގޮތުން ރައީސް އޮފީހާއި މިނިސްޓަ އޮފް ޑިފެންސް އެންޑް ނެޝަނަލް ސިކިއުރިޓީ އަދި ފުލުހުންގެ އިސް ބޭފުޅުންނާއި ބައްދަލުކޮށް މަޝްވަރާ ކުރުމަށް މަސައްކަތް ކުރަމުންދާއިރު، މިހާތަނަށް އެމަސައްކަތް ކާމިޔާބު ކުރެވިފައިނުވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ