މައްސަލަ ހޫނުވެފައި ވަނިކޮށް އިރުމަތީ ގުދުސްގައި ޔަހޫދީންނަށް އިތުރު ފްލެޓްތައް ގާއިމް ކުރުމުގެ ހުއްދަ އިޒްރޭލް ސަރުކާރުން ދީފައިވާއިރު 100 ޕަސެންޓް މުސްލިމް ދިވެހިރާއްޖެއިން އެކަން ކުށްވެރި ކޮށްފައި ނުވާތީ ކަންބޮޑުވާންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަދި ހާރިޖީ ދާއިރާގައި 25 އަހަރު ހޭދަ ކުރައްވާފައިވާ އިބްރާހިމް ޝަހީދު ޒަކީ ބުރާސްފަތި ދުވަހު ވިދާޅުވެއްޖެ އެވެ.
ޝަހީދު ޒަކީ ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައި ވަނީ އިޒްރޭލުގެ ޖީލޯގައި 900 ގެދޮރު އަޅައި އާބާދު ކުރުމުގެ ނިންމުން އދ. މަޖިލީހުންނާއި އެމެރިކާއިން ވެސް ކުށްވެރިކޮށް ބަޔާން ނެރެފައިވާއިރު ރާއްޖެ ފަދަ މުސްލިމް ގައުމަކުން އެކަމާ އަޅާނުލުމަކީ ކަންބޮޑުވެ ހިތާމަ ކުރަން ޖެހޭ ކަމެއް ކަމަށެވެ.
"ސައްތައިން ސައްތަ މުސްލިމް މި ދިވެހިރާއްޖެ އިން މިކަން ކުށްވެރިކޮށް އެއްވެސް ރަސްމީ ބަޔާނެއް މިހާތަނަށް ނެރެފައި ނުވާތީ އަޅުގަނޑު ހަމަ ހައިރާން ވޭ. މުސްލިމް އެތައް ރައްޔިތުންނަކަށް ދިމާވާ ހިތްދަތިތަކާއި ވޭނަށް ވުރެ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަށް މުހިންމު ވަނީ މިޔަންމާގެ އަސްކަރީ ސަރުކާރުން އެތާނގެ އިދިކޮޅު ލީޑަރު އަން ސަން ސޫކީ ދޫކޮށް ނުލައިގެން،" ޝަހީދު ޒަކީ ވިދާޅުވި އެވެ. "ނިއު ޔޯކްގައި އިޒްރޭލުގެ ވެރިންނާއެކު ރާއްޖޭގެ ހާރިޖީ ވަޒީރު ސޮއި ކުރައްވައިގެން ޖީބަށް ލައްވައިގެން ގެންނަވާ ވަތްގަނޑުކޮޅުގައި ބާއްވާފައިވާ އެއްބަސްވުންތަކުގެ ސަބަބުން ފަލަސްތީނުގެ މުސްލިމް އަހުންނާއި އުހުތުންނަށް އިޒްރޭލުން ކުރާ ގޯނާތަކާއި އަނިޔާތަކާ ދެކޮޅަށް ދިވެހިރާއްޖޭގެ ފަރާޔުން އިހުތިޖާޖް ކުރުމުގެ ޖާގަ ގެއްލުނީ ބާއޭ އަޅުގަނޑު ހިތަށް އަރާ."
ޝަހީދު ޒަކީ ވިދާޅުވީ އެމެރިކާގެ ރައީސް ބަރަކް އޮބާމާ ދެކެވަޑައިގަންނަވާ ގޮތުގައި އިޒްރޭލުގެ ނިންމުމަކީ މެދުއިރުމަތީގެ ސުލްހަ ގާއިމް ކުރުމުގެ ކަނޑައެޅިގެން ހުރަސް އެޅޭނެ ކަމެކެވެ. އަދި އޭގެ ސަބަބުން ފަލަސްތީނުގެ ރައްޔިތުންގެ ހިތްތަކުގައި އިޒްރޭލާ މެދު ނަފްރަތު އިތުރުވާނެ ކަމަށާއި އިރުމަތީ ގުދުސަކީ ހިފާފައިވާ ސަރަހައްދެއް ކަމަށް އިޒްރޭލް ގަބޫލު ނުކުރެ އެވެ.
"އިޒްރޭލުގެ މި އަނިޔާވެރި އަމަލު ކުށްވެރިކޮށް، އެކަން އިޒްރޭލުގެ ވެރިންނަށް އޮޅުމެއް ނެތް ގޮތެއްގައި އަންގައި ދެއްވުމަށް ދިވެހި ސަރުކާރަށާއި ދިވެހި ހާރިޖިއްޔާ އަށް ގޮވާލުމުގައި އެންމެހާ ދިވެހި މުސްލިމް އަހުންނާއި އުހުތުން އަޅުގަނޑާ ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށް އަޅުގަނޑު ދެކެން،" އިރުމަތީ ގުދުސްގައި އިތުރު 900 ފްލެޓް އެޅުމަށް އިޒްރޭލުން ނިންމުމާ ގުޅިގެން ދިވެހިންގެ ތެރެއިން އެންމެ ފުރަތަމަ ކަންބޮޑުވުން ފާޅު ކުރެއްވި ޝަހީދު ޒަކީ ވިދާޅުވި އެވެ.
އޭނާގެ ބަޔާނުގައި އިތުރަށް ވަނީ ހިފާފައިވާ ސަރަހައްދުތަކުގައި އާބާދުކުރުމުގެ ބައެއް ގޮންޖެހުންތަކަށް ވެސް އަލިއަޅުވާލައްވައިފަ އެވެ. އެގޮތުން ހަނގުރާމައިގައި އަތުލާފައިވާ ފަލަސްތީނުގެ ހުރިހާ ބިމަކުން އިޒްރޭލު ފޭބުމަސް އަންގައި އެތައް ގަރާރެއް އދ. އިން ފާސްކޮށްފައިވާކަން ވެސް ޝަހީދު ޒަކީ ފާހަގަ ކުރައްވާފައި ވެ އެވެ.
ފޮރިން މިނިސްޓަރު ޑރ. އަހުމަދު ޝަހީދު ބުރާސްފަތި ދުވަހު ވިދާޅުވީ އިޒްރޭލުން ހިންގާ އަމަލުތައް ހުރިހާ މަރުހަލާއެއްގައި ވެސް ކުށްވެރި ކުރަމުން ގެންދާ ކަމަށާއި އެކަން އޮތީ އެގޮތަށް ކަމަށެވެ.
އިޒްރޭލުން އިތުރު ފްލެޓްތައް އަޅަން މި ނިންމީ ސުލްހަ އަށް ފުރުސަތު ދިނުމަށް ޔަހޫދީ އާބާދީތަކުގެ މަސައްކަތް ހުއްޓާލުމަށް އެމެރިކާއާ ފަލަސްތީނުން ތަކުރާރުކޮށް އިޒްރޭލު ސަރުކާރަށް ގޮވާލަމުން ދަނިކޮށެވެ.
އިޒްރޭލުގެ އަމަލު ކުށްވެރިކޮށް ރާއްޖެއިން ބަޔާނެއް ނުނެރޭތީ އެކަމާ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރާއިރު ދިވެހި ސަރުކާރުން މިހާރު ދަނީ އެ ގައުމާއެކު އެކި ރޮނގުރޮނގުން ގުޅުން ބަދަހި ކުރަމުންނެވެ. އެގޮތުން ބައެއް ރަށްރަށުގައި ނަރުދަމާގެ ނިޒާމް ގާއިމް ކުރުމަށް ދިވެހި ސަރުކާރުން ވަނީ އިޒްރޭލުން ފައިސާ ހޯދުމަށް ވަނީ އެދިފަ އެވެ. އިޒްރޭލާ އެކު ރާއްޖެ އިން ގުޅުން ބަދަހިކުރާތީ އިދިކޮޅު ބައެއް މެމްބަރުން ވަނީ ފޮރިން މިނިސްޓަރު ޑރ. އަހުމަދު ޝަހީދުގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓެއް ވެސް ދާދި ފަހުން ރައްޔިތުންގެ މަޖިލީހުގައި ނަގައިފަ އެވެ. އެކަމަކު ހަނި ގޮތަކަށް ޑރ. ޝަހީދު އެ ވޯޓުން ސަލާމަތްވެ ވަޑައިގެންނެވި އެވެ.
ޔަހޫދީ އާބާދީތައް އިތުރުކުރަން އިޒްރޭލުން ދިން ހުއްދަ ރާއްޖެ އިން ކުށްވެރިކޮށްފައި ނުވާތީ ކަންބޮޑުވާންޖެހޭ: ޝަހީދު ޒަކީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ