ރާއްޖޭގެ ބާޒާރުގައި ތެލުގެ އަގު، ވޭތުވެ ދިޔަ ފަސް އަހަރު ތެރޭގައި މައްޗަށް ގޮސްފައި ނުވާ ވަރަށް ހިނގެއްޖެ

ވޭތުވެދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި މައްޗަށް ނުދާވަރަށް ރާއްޖޭ ބާޒާރުގައި ޑީސަލާއި ޕެޓްރޯލާއި ކަރާސީނުގެ އަގު އުފުލިއްޖެ އެވެ.
ރާއްޖެ އަށް ތެޔޮ އެތެރެކުރާ މައި ކުންފުނި، އެސްޓީއޯ އިން ޑީސަލާއި ޕެޓްރޯލްގެ އަގު، މިއަދުން ފެށިގެން ބޮޑުކުރީ އެ ދެ ބާވަތުން ކުރެ، ކޮންމެ ބާވަތެއްގެ ލިޓަރަކުން 20 ލާރި އެވެ. އިއްޔެއާ ހަމައަށް 6.75ރ. އަށް ވިއްކި ޑީސަލް ލިޓަރެއްގެ އަގު މިހާރު ވަނީ 6.95ރ. އަށް އުފުލިފަ އެވެ. ޕެޓްރޯލް ލިޓަރެއްގެ ކުރީގެ އަގަކީ 6.78ރ. އެވެ. މިހާރުގެ އަގަކީ 6.98ރ. އެވެ.
ކަރާސީނުގެ އަގު މިއަދުން ފެށިގެން ވަނީ ލިޓަރެއް 7.60ރ. އަށް ބޮޑުކޮށްފަ އެވެ. ކުރީގެ އަގަކީ 7.25ރ. އެވެ.
އެސްޓީއޯ އިން ބުނީ ތެލުގެ އަގު ބޮޑުކުރަން ޖެހުނީ ދުނިޔޭގެ ބާޒާރުގައި ވެސް ތެލުގެ އަގު ހިފެހެއްޓުމެއް ނެތި ބޮޑުވަމުންދާތީ ކަމަށެވެ.
ރޭ ބޭއްވި، އެސްޓީއޯގެ އަހަރީ އާންމު ޖަލްސާގައި މެނޭޖިން ޑިރެކްޓަރު މުހަންމަދު މަނިކު ވިދާޅުވީ، ކުރިޔަށް އޮތީ ފިނި މޫސުމަށް ވުމާއެކު ދުނިޔޭގެ ބާޒާރުގައި ތެލުގެ ބާވަތްތަކުގެ އަގު ދަށަށް ދާނެ ކަމަށް ހީނުވާ ކަމަށެވެ.
ރާއްޖޭގެ ބާޒާރުގައި ތެލުގެ އަގަށް އެންމެ ފަހުން ބަދަލު އައިސްފައި ވަނީ ޖުލައި 13 ގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ