އިސްދޫ ސިއްހީ މަރުކަޒަށް ކަރަންޓު ދިނުމުގެ މައްސަލައިގައި ރަށް ބުރިކޮށްލުން: ރަށް ދެ ބައިކޮށްލުމަށް ކޯރު ކޮނެފައި އޮންނަތާ ތިން ދުވަސް

ލ. އިސްދޫން މުހައްމަދު ޝަހީބު އަދި ހުސެއިން ފިޔާޒު މޫސާ
ލ. އިސްދޫ ސިއްހީ މަރުކަޒަށް ކަރަންޓު ދިނުމުގެ މައްސަލައިގައި މި ރަށުގެ ދެ އަވަށުގެ ރައްޔިތުންގެ މެދުގައި އުފެދެމުންދިޔަ ހަމަނުޖެހުން ހޫނުވަމުން ގޮސް، ސިއްހީ މަރުކަޒު ހުރި ސަރަހައްދުގެ ދެ ފަރާތުގައި ދެ ކޯރު ކޮނެ، މިދިޔަ ހުކުރު ވިލޭރޭ ދަންވަރު ރަށް ދެބައިކޮށްލިތާ މިއަދަށް ތިން ދުވަސް ވެފައިވާއިރު ވެސް މައްސަލައަށް އަދިވެސް ހައްލެއް ނުފެނި، ސިއްހީ ތަފާތު މައްސަލަތަކާ ރައްޔިތުން ކުރިމަތިލާން ފަށައިފި އެވެ.
އިސްދޫ ސިއްހީ މަރުކަޒަށް ކަރަންޓް ދޭން ދެ އަވަށުން ވެސް ބޭނުންވެ އެވެ. އެއީ ކަރަންޓީ ފީގެ ގޮތުގައި ރައްޔިތުންގެ އިންޖީނުގެ އަށް ރަނގަޅު އާމްދަނީއެއް ލިބޭނެތީ އެވެ. އެހެންވެ، ދެ އަވަށުގެ މެދުގައި، އެހެން ނަމަވެސް ކަލައިދޫ ސަރަހައްދުގައި ހުރި ސިއްހީ މަރުކަޒަށް ކަރަންޓު ދޭނީ ކޮންމެ ތިން މަހުން އެއް މަހަކު އަވަށަކުން ކަމުގައި އަތޮޅު އޮފީހުން ވަނީ ނިންމައިފަ އެވެ. މައްސަލަ އުފެދުނީ މި ގޮތަށް ތިން މަހުން ތިން މަހުން އަވަށަކަށް ބަދަލުކުރާ ގޮތަށް ޖެނުއަރީން ފެށިގެން ކަރަންޓު ދޭންފަށައިފައި، ތިން މަސް ހަމަކޮށް މިދިޔަ ބުރާސްފަތި ދުވަހު އަނެއް އަވަށަށް ކަރަންޓު ބަދަލުކުރުމުންނެވެ.
އިސްދޫ އުތުރުކޮޅުގައި، 1،100 މީހުން ދިރިއުޅޭ ގަނޑުއަވަށު މީހުންގެ ކަރަންޓަށް ސިއްހީ މަރުކަޒުގެ ކަރަންޓު ބަދަލުކުރުމުން އެކަމާ ހިތްހަމަނުޖެހިގެން އިސްދޫގެ ދެކުނުކޮޅުގައި، 900 މީހުން ދިރިއުޅޭ ކަލައިދޫ އަވަށުގެ މީހުން ފުރަތަމަ ބޭނުންވީ ދެ އަވަށުގެ އިން ވަކިކުރާ ހިސާބު ފާހަގަކުރާށެވެ. މި ދެ އަވަށުގެ އިން ވަކިކުރާ ތަނެއް ކަމަށް ޒަމާނުއްސުރެ ފާހަގަކުރަމުން އަންނަ ތަން ހުރީ ސިއްހީ މަރުކަޒުގެ އުތުރު ފާރާ ތަންކޮޅެއް ދުރުގަ އެވެ. ކުރިން ދެ އަވަށުގެ އަންހެންވެރިން މަގު ކުނިކެހިއިރު ވެސް ދެ އަވަށުގެ އިމެއް ކަމަށް ބަލައިފައި ވަނީ، އަދި ދިރާގުގެ ފޯން ކޭބަލް ވަޅުލުމުގައި ވެސް ދެ އަވަށުގެ އިމެއް ކަމަށް ބަލައިފައި ވަނީ އެ ހިސާބު ކަމަށް ކަލައިދޫ އަވަށުގެ މީހުން ބުނެ އެވެ.
އިން ވަކިކުރާ ފާހަގައިން ހަނިހަނި ކޯރެއް ކޮނުމުގެ މަސައްކަތް ކަލައިދޫ އަވަށު މީހުން ބުރާސްފަތި ދުވަހު ހަވީރު ކުރަން ފެށުމުން، ގަނޑުއަވަށު މީހުން ވަނީ ސިއްހީ މަރުކަޒު، އެ އަވަށަށް އަރާގޮތަށް، ބޮޑުމަގު ހުރަހަށް ފުޅާ ކޯރެއް ކޮންނަން ފަށައިފަ އެވެ. އެއާ އެކު ކަލައިދޫ އަވަށު މީހުން ވަނީ ސިއްހީ މަރުކަޒާއި މަގުހަދާ ޕްރޮޖެކްޓް ސައިޓް އޮފީހާއި ނަރުދަމާގެ އޮފީސް ވެސް އެ މީހުންގެ ސަރަހައްދަށް ވާ ގޮތަށް، ބޮޑުމަގު ހުރަސްކޮށް ފުޅާ ކޯރެއް ކޮނެ ފެނުގައި ޖައްސައިފަ އެވެ. މިއިން ކޮންމެ ކޯރެއް ވެސް ފަސް ފޫޓަށްވުރެ ފުޅާވާނެ އެވެ. އަދި ދިގުމިން 100 ފޫޓަށް ވުރެ ދިގުވާނެ އެވެ. އެހެންކަމުން އެއް އަވަށުން އަނެއް އަވަށަށް މީހުން ގޮސް އުޅުނު ވަނީ ހުއްޓުމަކަށް އައިސްފަ އެވެ. އެކަމަކު ވަލުތެރެއިން ލައިފައި ބައެއް މީހުން މަދުމަދުން ސައިކަލްގައި ދުއްވަ އެވެ. މި ސަރަހައްދުގައި ހަމަނުޖެހުމެއް ހިނގައިފާނެތީ ފުލުހުން ގެންދަނީ އެ ސަރަހައްދު 24 ގަޑިއިރު ބަލަހައްޓަމުންނެވެ.
"މި ކަމަކާ ހެދި މުޅި އާމްދަނީގެ މަގު ވަނީ ބަންދުވެފައި. ކުރިން ދުވާލަކު 600ރ. ލިބުނު. އެކަމަކު މިހާރު އެއްވެސް އެއްޗެއް ނުލިބޭތާ މިއަދަށް މިއީ ހަތަރު ވަނަ ދުވަސް،" ގަނޑުއަވަށުގައި އޮންނަ ދެ ވޭނުން އެއް ވޭނު ދުއްވާ ސޮބްރީ ހުސެއިން ބުންޏެވެ. "ސިއްހީ މަރުކަޒަށް މީހުން ގެންގޮސްގެން ރަނގަޅު އާމްދަނީއެއް އަޅުގަނޑަށް ލިބޭ. އެކަމަކު ސިއްހީ މަރުކަޒު ބަންދުކުރީމަ އެ ތަނަށް ދާނެ މީހަކު ނުވޭ."
ސިއްހީ މަރުކަޒު ބަންދުކުރުމުން ސޮބްރީ އަށް ދަތުރު ނުލިބޭއިރު، ސިއްހީ މަރުކަޒުގެ ހިދުމަތް ނުލިބޭތީ ދެ އަވަށުގެ ރައްޔިތުންނަށް ވެސް ވަނީ މައްސަލަތަކާ ކުރިމަތިވެފަ އެވެ. ކިތަންމެ ކުޑަ ކަމެއް ދިމާވިޔަސް މިހާރު ދާންޖެހެނީ އަވަށްޓެރި މައިބަދުއަށް ނޫނީ ގަމު ރީޖަނަލް ހޮސްޕިޓަލަށެވެ. މައިބައިދު އަށް ލޯންޗެއްގައި ދެވެނީ 1،000ރ. އަށެވެ. ގަމަށް، އޭގެ ދެގުނަ ބޮޑުކޮށެވެ. މިގޮތުން، ފާއިތުވި ތިން ދުވަހުގެ ތެރޭގައި ގަނޑުއަވަށުންގެ ވެސް މާބަނޑު މީހަކާއި އަތް ބިންދައިގެންދިޔަ ކުއްޖަކު ވަނީ ގަމަށް ގެންގޮސްފަ އެވެ. އަދި ކަލައިދޫ އަވަށުގައި ތިބޭ ތެލެސީމިއާ ދެ ކުއްޖަކު ވަނީ ލޭއަޅަން މާލެ ގެންގޮސްފަ އެވެ. އަދި
މައިބައިދު އަށް ގެންދިޔަ ކަލައިދޫ އަވަށު ކުއްޖަކަށް އެ ރަށުން ލޭ ނޭޅިގެން ވަނީ އަނބުރާ ގެނެސްފަ އެވެ.
"ބޮޑު ހަރަދެއް ކޮށްގެން އިއްޔެ މައިބައިދުއަށް ގޮސްގެންސް ވެސް ލޭ އެޅޭނެ ވަސީލަތް ނެތިގެން އެނބުރި މި އައީ،" ކަލައިދޫ އަވަށުގެ އާމިނަތު ޝަމްލާ، ،35 އޭނާގެ 11 އަހަރުގެ އަންހެން ދަރިފުޅަށް ލޭ އަޅަން ކުރި ދަތުރާ ބެހޭ ގޮތުން ބުންޏެވެ.
ފިޓުޖެހޭ ދެ އަންހެން ކުދިންގެ މަންމަ ސަމީރާ ހަސަން، ،40 މިއަދު ބުނީ އޭނާގެ 13 އަހަރުގެ ދަރިފުޅަށް ރޭ ފިޓްޖެހިގެން ފުރާނަ ސަލާމަތްކުރެވުނީ ހަމަ ކިރިޔާ އެވެ.
"ފިޓް ޖެހުނީ ގެފިލިތެރޭގައި ހުއްޓާ. މަރުކަޒު ބަންދުކޮށްފައި ހުރުމުން ގެންދާނެ ތަނެއް ނެތިގެން ގެނެސް ގޭތެރޭގައި ބާއްވައި ފެން އަޅައަޅާ ތިއްބާ ﷲ އިރާދަފުޅުން ރަނގަޅުވީ،" އަށް ކުދިންގެ މަންމަ ސަމީރާ ބުންޏެވެ. "އަޅުގަނޑަކީ ކުއްލިއަކަށް މާބައިދުއަށް ނޫނީ ގަމަށް ދެވޭނެހާ ފެންވަރު ހުރި މީހެއް ނޫން. ދެވެން އޮތީ މަރުކަޒަށް އެކަނި."
އިސްދޫ ސިއްހީ މަރުކަޒު ބަންދުކުރުމުން އިންޑިއާގެ ޑޮކްޓަރު ހުރީ މަސައްކަތްކުރާނެ ތަނެއް ނެތިފައި ކަލައިދޫ އަވަށުގަ އެވެ. މަޒުކަޒު ހިންގެވުމާ ހަވާލުވެ ހުންނެވި ކޮމިއުނިޓީ ހެލްތު ސުޕަވައިޒަރު ހަދީޖާ ނާޒިމާ ވީ އޭނާގެ އުފަން ރަށް މާބައިދުއަށް ވަޑައިގެންފަ އެވެ. އިސްދޫ ދެ އަވަށުގެ ރައްޔިތުން ތިބީ ބޭސްފަރުވާ ކުރެވޭނެ ގޮތެއް ނެތިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ