ބަޖެޓް ކޮމެޓީގެ މުގައްރިރަކަށް ގާސިމް، ނާއިބަކަށް އިބޫ އިއްތިފާގުން ކަނޑައަޅައިފި

މާލިއްޔަތު ކޮމެޓީ އާއި އިގުތިސޯދީ ކޮމެޓީ އެއްކޮށްލައިގެން، ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓް ދިރާސާކުރުމަށް އެކުލަވާލާފައިވާ ޖޮއިންޓް ކޮމެޓީގެ މުގައްރިރަކަށް ހޮވުމަށް ހުށަހެޅުނު ދިއްގަރު ދާއިރާގެ، ޕީއޭ މެމްބަރު އަހުމަދު ނާޒިމް އަދި ބިލެއްދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އަހުމަދު ހަމްޒާ އަށް ވެސް ކޮމެޓީގެ އަޣުލަބިއްޔަތު ލިބިވަޑައިނުގަތުމުން ވޯޓު ނުނަގައި ކޮމެޓީގެ އިއްތިފާގުން މުގައްރިރަކަށް މާމިގިލީ ދާއިރާގެ ގާސިމް އިބްރާހިމް ހަމަޖައްސައިފި އެވެ.
މިދިޔަ ބުދަ ދުވަހު ބޭއްވި ޖޮއިންޓް ކޮމެޓީގެ ބައްދަލުވުމުގައި ވެސް މުގައްރިރުގެ މަގާމަށް ބޭފުޅަކު ކަނޑަނޭޅުނީ ނާޒިމަށާއި ހަމްޒާ އަށް އަޣުލަބިއްޔަތު ލިބިވަޑައިނުގަތުމުންނެވެ. ކޮމެޓީން ކަމެއް ފާސްވާނީ 11 މެމްބަރުންގެ އަޣުލަބިއްޔަތުން ކަމަށްވާއިރު އެ ދުވަހުގެ ވޯޓުގައި ނާޒިމަށް ލިބިވަޑައިގަތީ އަށް ވޯޓެވެ. ހަމްޒާ އަށް ނުވަ ވޯޓެވެ.
އަދި ކޮމެޓީގެ މިއަދުގެ ބައްދަލުވުމުގައި ނެގި ވޯޓުގައި ދެ ބޭފުޅުންގެ ވޯޓު ވެސް ހަމަހަމަވުމުން ދެން ކޮމެޓީން ނިންމީ މެދުމިނުގެ ހައްލެއް ގެނައުމަށެވެ. ކޮމެޓީގައި މިއަދު ނެގި ވޯޓުގައި ނާޒިމަށާއި ހަމްޒާ އަށް ވެސް ލިބިވަޑައިގަތީ 10 ވޯޓެވެ.
ނާޒިމަށާއި ހަމްޒާ އަށް އަޣުލަބިއްޔަތު ލިބިވަޑައިނުގަތުމުން މެދުމިނުގެ ހައްލެއް ގެނައުމުގެ ގޮތުން ގާސިމްގެ ނަން މުގައްރިރަކަށް ހުށަހެޅުއްވި އެވެ. އެކަމަކު ފުރަތަމަ ފަހަރު ގާސިމް ތަނާޒުލްވި ނަމަވެސް ދެ ވަނަ ފަހަރު އޭނާގެ ނަން ހުށަހެޅުއްވުމުން އެކަން ގަބޫލުކުރެއްވި އެވެ. އެހެންވެ ޖޮއިންޓް ކޮމެޓީގެ އިއްތިފާގުން މުގައްރިރަކަށް ގާސިމް ހޮވި އެވެ. އަދި ގާސިމްގެ އެދިވަޑައިގަތުމަކަށް ހިންނަވަރު ދާއިރާގެ އެމްޑީޕީ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ނާއިބު މުގައްރިރަކަށް ކޮމެޓީގެ އިއްތިފާގުން ކަނޑައެޅި އެވެ.
ބަޖެޓް ދިރާސާކުރާ ޖޮއިންޓް ކޮމެޓީގައި ތިއްބަވަނީ އެމްޑީޕީ އަށް ނިސްބަތްވާ ނޮޅިވަރަމު ދާއިރާގެ މުހައްމަދު ނަޝީދާއި ބިލެތްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަމްޒާ އާއި ހުޅުމީދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބާއި، ޑީއާރްޕީ އަށް ނިސްބަތްވާ މާފަންނު ހުޅަނގު ދާއިރާގެ މެންބަރު އަބްދުﷲ އަބްދުއްރަހީމާއި އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ނާޝިޒާއި ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ މަސީހު މުހައްމަދާއި އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމާއި ވިލުފުށީ ދާއިރާގެ ގައުމީ ޕާޓީ މެމްބަރު ރިޔާޒް ރަޝީދާއި ދިއްގަރު ދާއިރާގެ ޕީއޭ މެމްބަރު އަހުމަދު ނާޒިމާއި މުލަކު ދާއިރާގެ ޕީއޭ މެމްބަރު އަބްދުﷲ ޔާމީނާއި ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު އީވާ އަބްދުﷲ އާއި މާފަންނު ދެކުނު ދާއިރާގެ އެމްޑީޕީ މެމްބަރު އިބްރާހިމް ރަޝީދާއި ކާށިދޫ ދާއިރާގެ މެމްބަރު އިސްމާއީލް އަބްދުލް ހަމީދާއި ހިތަދޫ އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު އަސްލަމާއި ހިންނަވަރު ދާއިރާގެ އެމްޑީޕީ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހާއި ގަމު ދާއިރާގެ ޕީއޭ މެމްބަރު ޔޫސުފް އަބްދުލް ޣަފޫރާއި ކެލާ ދާއިރާގެ ޑީއާރުޕީ މެމްބަރު އަބްދުﷲ މައުސޫމާއި ފުނަދޫ ދާއިރާގެ ޑީއާރުޕީގެ މެމްބަރު އަލީ ސަލީމާއި މާމިގިލީ ދާއިރާގެ ޖުމްހޫރީ ޕާޓީގެ ގާސިމް އިބްރާހީމް އަދި ވިލިމާފަންނު ދާއިރާގެ ޑީއާރުޕީ މެމްބަރު އަހުމަދު ނިހާން ހުސެއިން މަނިކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ