އުފުލި ގާތްކުރާ ޖެޓީ ކައިރީ ވިލިނގިލީ ރައްޔިތުން މުޒާހަރާކުރަން ތައްޔާރުވަނީ

އުފުލި ގާތްކުރާ ޖެޓީ ކައިރީ ކުނި ބަރުކޮށްގެން ގިނަ ދުވަސްތަކެއް ވަންދެން އެސަރަހައްދުގައި ލޮރީތައް ބާއްވަމުންދާތީ އެސަރަހައްދުން ނުބައި ވަސް ދުވާތީ ވިލިމާލޭގެ ރައްޔިތުން އުފުލި ގާތްކުރާ ޖެޓީ ކައިރީ މުޒާހަރާކުރަން ތައްޔާރުވަމުން އެބަދެ އެވެ.
މުޒާހަރާ އިންތިޒާމްކުރާ މީހަކު އެމްވީޔޫތު އޮންލައިންއަށް މައުލޫމާތުދެމުން ބުނީ މާލޭގައި ހުންނަ ވިލިނގިލި ފެރީ ޓާމިނަލް ކައިރީގައި ހުންނަ އުފުލި ޖެޓީގައި ލޮރީތަކަށް ކުނި ބަރުކޮށްފައި ގިނަ ދުވަސްވަންދެން އެތަނުގައި ބާއްވައިގެން އޮތުމުގެ ސަބަބުން ވިލިނގިލީ ގިނަ އަދަދެއްގެ ރައްޔިތުންނަށް ބޮޑެތި ތަކުލީފްތަކާއި އުނދަގޫތަކާއި ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.
"އެހެންވެ މި މުޒާހަރާއަކީ އެތަނުގައި ގަވައިދާއި ހިލާފަށް ލޮރީތައް ކުންޏާއި އެކީ ބޭއްވުމާއި، ގިނަ ދުވަސްވަންދެން ކުންޏާއިއެކީ ބާޖު އެތާ ނުބައި ވަސް ދުއްވަން ބޭއްވުމާއި ދެކޮޅަށްކުރާ ސުލްހަވެރި މުޒާހަރާއެއް، އަޅުގަނޑުމެން އެއްވެސް ވަރަކަށް ހަމަނުޖެހުމަކަށް ފުރުސަތު ނުދޭނަން." މުޒާހަރާ އިންތިޒާމްކުރުމުގައި ހަރަކާތްތެރިވާ ޒުވާނަކު ބުނެފައިވެ އެވެ.
އޭނާ އިތުރަށް ބުނީ އެސަރަހައްދުން ނުބައި ވަސް ދުވާތީ ސިއްހީ އުނދަގުލަކަށްވެގެން އެކަންތަކާއި ސަރުކާރުން ވެސް އަދި ސިޓީ ކައުންސިލުން ވެސް ފިޔަވަޅެއް އަޅާފައިނުވާ ކަމަށެވެ. އެހެންކަމުން މި މުޒާހަރާއަކީ ސަރުކާރަށާއި ސިޓީ ކައުންސިލަށް އަޑު އިއްވުމަށް ބާއްވާ މުޒާހަރާއެއް ކަމަށް އޭނާ ބުނެފައިވެ އެވެ.
އޭނާ އިތުރަށް ބުނީ މި މުޒާހަރާ އަންނަ ހަފްތާގެ ތެރޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށާއި އެހެންކަމުން މުޒާހަރާގައި ވީހާ ވެސް ގިނަ ބަޔަކު ބައިވެރިވުމަށް އެދޭ ކަމަށެވެ.
"އަނެއްކާ ކުނި ގެންދާ ލޮރީތަކުން ކުނި އުފުލާއިރު މަގު މައްޗަށް ވެސް ކުނި އަޅާ. އެ ލޮރީތައް އެ ދަނީ އާންމުންގެ ތެރެއިން ލާފައި އެއްވެސް ވަރަކަށް ނިވާކަމެއް ނެތި ކުނި ހާމައަށް ބަހައްޓައިގެން. މިއީ މިކަހަލަ ރަށެއްގައި ހިނގައިގެން ވާނެ ކަމެއް ނޫން. އާންމު ސިއްހަތަށް ވެސް އޮތް ކިހާ ބޮދު ނުރައްކަލެއް މިއީ، އަނެއް ކޮޅުން ސްކޫލްތައް މި ހުޅުވެނީ" ވިލިނގިލިން ވާހަކަދެއްކި މީހަކު ބުންޏެވެ.
ފަހަކަށް އައިސް، ތިލަފުއްޓަށް އުކާލަން ގެންދާ ކުނި މާލޭ ފަޅުތެރޭގައި އޮންނަ އުފުލީގައި ބަހައްޓާތީ އެ ހިސާބުގަނޑުގައި ނުބައި ވަސްގަނޑު ފެތުރި އާންމުންނަށް ވަނީ ބޮޑު އުނދަގުލަކާއި ކުރިމަތިލާންޖެހިފައެވެ. މާލެއިން އުކާލާހާ ކުންޏެއް އުފުއްޔަށް އަޅާފައި ތިން ހަތަރު ދުވަހު ވެސް އެތާނގައި ބާއްވަ އެވެ. ބައެއް ދުވަސްދުވަހު މުޅި އެ ސަރަހައްދު އޮންނަނީ މެހިން ނުކުޅަދާނަވަރު ވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ