ވެނެޒުއޭލާގެ ރައީސް ހޫގޯ ޗާވޭޒް އަށް ޖެހިފައިވާ ކެންސަރު ބައްޔާއި ގުޅިގެން ކުރި ސާޖަރީ އަށް ފަހު އޭނާގެ ހާލު ރަނގަޅުވަމުން ދިޔަ ނަމަވެސް ރިޔާސީ އައު ދައުރަކަށް ހުވާކުރެއްވުން ފަސްކުރެއްވުމަކީ ޤާނޫނީ ގޮތުން މައްސަލައެއް އޮތްކަމެއް ނޫންކަމަށާއި އެހެންކަމުން ހުވާކުރުން ފަސްކުރެވިދާނެ ކަމަށް އެގައުމުގެ ސުޕްރީމް ކޯޓުން ކަނޑައަޅައިފި އެވެ.
އެގައުމުގެ ސުޕްރީމް ކޯޓުން ބުނީ ރައްޔިތުންގެ ބޮޑު އަޣުލަބިއްޔަތަކުން ހޮވި ވަޑައިގެންނެވި ޗާވޭޒްގެ ސިއްޙީ ސަބަބުތަކާ ގުޅިގެން ރައީސް ކަމުގެ ޤާނޫނީ ހުވާކުރެއްވުން ކަނޑައެޅިފައިވާ މުއްދަތަށްވުރެ ފަސްކުރެވިދާނެ ކަމެއް ކަމަށެވެ. ކުރިން ޗާވޭޒް ގެ ހުވާކުރުމުގެ ރަސްމިއްޔާތު ބާއްވަން އޮތީ މިއަދު އެވެ.
ޗާވޭޒްގެ ސިއްހީ ހާލުކޮޅު މިވަގުތު ހުރިގޮތުން ރިޔާސީ އާ ދައުރަކަށް ހުވާކުރެއްވުމުގެ ކަންތައްތައް ފަސްކުރުމަށް އެގައުމުގެ ޕާލަމެންޓުގެ އަގްލަބިއްޔަތުންވެސް އިއްޔެ ވަނީ ނިންމާފަ އެވެ. އެހެންނަމަވެސް އެގައުމުގެ އިދިކޮޅު ފަރާތްތަކުން ބުނެފައިވަނީ ހުވާ ކުރުމުގެ ރަސްމިއްޔާތު ފަސްނުކުރެވޭނެ ކަމަށާއި، އެއީ ގާނޫނު އަސާސީ އާއި ހިލާފު ނިންމެވުމެއް ކަމަށެވެ.
ވެނެޒުއޭލާގެ ރައީސް ހޫގޯ ޗާވޭޒް ވަނީ ޑިސެމްބަރ މަހުގެ 11 ވަނަ ދުވަހު ކެންސަރު ބައްޔަށް ފަރުވާކުރުމުގެ ގޮތުން ހަތަރު ވަނަ ސާޖަރީ އެއް ކޮށްފައެވެ. 1999 ވަނަ އަހަރު ވެނެޒުއޭލާގެ ރައީސް ކަމުގެ މަގާމަށް ހޮވިވަޑައިގެންނެވި ހޫގޯ ޗާވޭޒް ވަނީ މިދިޔަ އޮކްޓޯބަރ މަހު ބޭއްވި ރިޔާސީ އިންތިހާބުން ކާމިޔާބުވެ ވަޑައިގެން ރިޔާސީ ހަ ވަނަ ދައުރަކަށް އިންތިހާބުވެ ވަޑައިގެންފައެވެ.
އެ ގައުމުގެ ގާނޫން އަސާސީ ބަޔާން ކުރާ ގޮތުގައި ރައީސް ކަމުގެ މަގާމުގައި ހުންނެވި ބޭފުޅެއްގެ ސިއްހީ ހާލަތު ގެ ސަބަބުން ވާޖިބު އަދާ ނުކުރެވޭ ނަމަ ތިރީސް ދުވަހުގެ ތެރޭގައި އާ ރިޔާސީ އިންތިހާބެއް ބާއްވަން ޖެހެއެވެ.އާ ވެރިކަމެއް ފެށުމަށް ގާނޫނުގައި ކަނޑައަޅާފައި އޮތް އިރު އެދުވަހުގައި އާ ވެރިކަމެއް ނުފެށިޖެއްނަމަ ކަންތައް ކުރާނެ ގޮތެއް ކަނޑައަޅާފައި ނުވާކަން ފާހަގަ ކޮށްލެވެއެވެ.
ކެންސަރުގެ ސާޖެރީއަކަށްފަހު ނޭވާލާނިޒާމުގެ ބޮޑު އިންފެކްޝަން އެއް ދިމާވެފައިވާ ވެނެޒުއޭލާގެ ރައީސް ހޫގޯ ޗާވޭޒް ގެ ބަލިހާލަތު ރަގަޅުވަމުންދާ ކަމަށް އެގައުމަގެ ސަރުކާރުން ވަނީ ހާމަކޮށްފައެވެ.
ޗާވޭޒް ހުވާކުރުން ފަސްކުރެވިދާނެ ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ