ފައުޒާން ވަކިވެގެން ދިޔައީ އިންސާނިއްޔަތުކަމުގެ ނަމޫނާ ދައްކުވައިދީފައި: ނަޝީދު

ޏ. ފުވައްމުލަކުގައި އިއްޔެ މޫދަށް އެރި އުޅެނިކޮށް ގެނބިގެން މަރުވި އަހުމަދު ފައުޒާން ވަކިވެގެން ދިޔައީ އިންސާނިއްޔަތުކަމުގެ ނަމޫނާ ދައްކުވައިދީފައި ކަމަށް މަޖިލިސް ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ދޫނޑިގަން/ ޔޫރޯ، އުމުރުން 17 އަހަރުގެ ފައުޒާން އިއްޔެ މަރުވީ މިސްކިތްމަގު މާނޭރެ އަތިރި މޫދަށް އެރި އުޅެނިކޮށް، އެ ސަރަހައްދު މޫދަށް އެރި އުޅުނު ކުޑަ ދެ އަންހެން ކުދިން ބާރުގަދަ އޮއިގައި ޖެހި ބޭރަށް ދަމައިގަތް ވަގުތު އެކުދިން ސަލާމަތް ކުރުމަށްފަހުގައެވެ. ނަމަވެސް ޖެހި ރާޅަކާއެކު ކަނޑު ތެރެއަށް ބޭރަށް ދަމައިގަނެގެން ފައުޒާން ގެއްލުނެވެ.
އޭނާ ފެނުނީ އޭގެ ގަޑިއިރެއް ފަހުން މޫދު އަޑިންނެވެ. އޭނާ މޫދު އަޑިން ނެގި އިރު ވިންދު ހުރުމުން، ހޮސްޕިޓަލަށް ގެންގޮސް ފުރާނަ ސަލާމަތް ކުރެވޭތޯ ޑޮކްޓަރުން މަސައްކަތް ކުރިއެވެ. ނަމަވެސް ފައުޒާންގެ ފުރާނަ ގެއްލުނެވެ.
ފައުޒާންގެ މަރާ ގުޅިގެން ރައީސް ނަޝީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ފައުޒާން ވަކިވެގެންދިޔައީ ހިތްވަރުގަދަކަމާއި އިންސާނިއްޔަތުކަމުގެ ފުރިހަމަ ނަމޫނާ މުޅި ގައުމަށް ދައްކުވައިދީފައި ކަމަށެވެ. ރައީސް ނަޝީދު ވަނީ ފައުޒާންގެ އާއިލާއަށް ތައުޒިޔާ ވިދާޅުވެފައެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުވެސް ވަނީ ފައުޒާންގެ މަރާ ގުޅިގެން ޓުވީޓެއް ކުރައްވައިފައެވެ. ރައީސް ވިދާޅުވީ ފައުޒާން ވަކިވެގެން ދިޔައީ ހިތްވަރުގަދަކަމުގެ ލާމަސީލު ނަމޫނާ ދައްކުވައިދީ، އޭނާގެ އެ ގުރުބާނީން ގައުމު ރޮއްވާލާފައި ކަމަށެވެ. އަދި ފައުޒާނަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރު ކޮށްދެއްވުން އެދި ރައީސްގެ ޓުވީޓުގައި ވަނީ ދުއާ ދަންނަވައިފައެވެ.
ފައުޒާން ވަކިވެ ދިއުމާ ގުޅޭގޮތުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެންމެ ފަހު ވަގުތު ވެސް ފައުޒާން ދައްކުވައިދިނީ މަތިވެރި ހިތްވަރެއް ކަމަށެވެ.
ދައުލަތުގެ ވެރިންނާއި ސްކައުޓް އެސޯސިއޭޝަންގެ އިތުރުން ފުވައްމުލަކުގެ ރައްޔިތުންނާއި އެތައް އާއްމުންނެއް ވެސް އަންނަނީ ފައުޒާންގެ އަގުވަޒަން ކުރަމުންނެވެ. އަދި އެންމެ ފަހު ވަގުތު އޭނާ ދެއްކި ހިތްވަރަށް އެތައް ބަޔަކު އަންނަނީ ތައުރީފު ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ