ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މައްސަލަތަކުގައި ހައިކޯޓުން މީގެކުރިން ހެކި ވަޒަންކުރި ގޮތް ގޯސް ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައިފިއެވެ. ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު އަމަލުކުރާ ހާއްސަ އުސޫލުގައި 12 ބާވަތެއްގެ ހެކި ބަޔާން ކުރުމަށް ފަހު އޭގެ ތެރެއިން މަދުވެގެން ފަސް ހެއްކެއް ލިބުމުން ނޫނީ ކުށް ސާބިތުވާ ކަމަށް ކަނޑަނޭޅޭނެ ކަމަށް ބަޔާންކޮށްފައިވެއެވެ. އެހެންނަމަވެސް ހައިކޯޓުން ވަނީ ދުސްތޫރީ މައްސަލައެއްގައި އެ އުސޫލު މާނަކޮށްފައެވެ. އެގޮތުން ހައިކޯޓުން ވަނީ އަނިޔާ ލިބޭ ކުއްޖާ އެކި ފަރާތްތަކަށް ކިޔައިދޭ ކިޔައިދިނުމަކީ ފަސް ހެކި ހަމަ ކުރުމުގައި ވަކިވަކި ހެކިތަކެއް ކަމަށް ނުބެލެވޭނެ ކަމަށް 2016ވަނަ އަހަރު ނިންމާފައެވެ. އެ މައްސަލަ ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން މިދިޔަ ބުރާސްފަތި ދުވަހު ވަނީ އެ މައްސަލަ އަށް ހުކުމް ކޮށްފައެވެ. އެ ހުކުމްގައި ބުނީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު އަމަލުކުރާ ހާއްސަ އުސޫލެއް އެކުލަވާލީ ކުށް ސާބިތު ކުރުމުގައި ބޮޑެތި ދަތިތަކެއް ކުރިމަތިވާން ފެށުމުން ކަމަށެވެ. ހައިކޯޓުން އެ މައްސަލަ އާއި ގުޅިގެން ކޮށްފައިވާ މާނަ އަކީ ތިލަ މާނައެއް ކަމަށް ސުޕްރީމް ކޯޓުގެ ހުކުމްގައިވެއެވެ. އެގޮތުން ހައިކޯޓުން މާނަ ކޮށްފައި ވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ޚާއްސަ އުސޫލުތަކަށް އަމަލު ކުރުމުގެ ގާނޫނު އެކުލަވާލަން ޖެހުނު ސަބަބާއި އެ މާއްދާގައި ބަޔާން ކޮށްފައިވާ ހެކިތަކާއި އެ ހެކިތައް ވަޒަން ކުރުމުގައި ޝަރުއީ ކޯޓުތަކުން ބަލަންޖެހޭ މިންގަނޑާއި އަދިި އެފަދައިން މާނަ ކުރުމުގެ ސަބަބުން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީން ކުޑަކުދިންނަށް ލިބިދީފައިވާ ޚާއްސަ ރައްކާތެރިކަން ކަށަވަރުކޮށް ދިނުމުގައި ހުރަސްތަކެއް ކުރިމަތިވެދާނެ ކަން ނުވަތަ ނޫންކަމުގެ މައްޗަށް ބެލުމެއް ނެތި ކަމަށް ސުޕްރީމް ކޯޓުގެ ހުކުމްގައިވެއެވެ.ގާނޫނުގައި ހެކީގެ މިންގަނޑު އެކުލަވާލާފައި ވަނީ އަނިޔާ ލިބޭ ކުއްޖާ ކިޔައިދޭ ކިޔައިދިނުން މައިގަނޑު އަސާސަކަށް ބަލައިގެން ކުށް ސާބިތުވޭތޯ ނުވަތަ ނޫންތޯ ބެލުމަށް ސުޕްރީމް ކޯޓުގެ ހުކުމްގައި ބުނެފައިވެއެވެ. މީގެއިތުރުން އަނިޔާ ލިބޭ ކުއްޖާ ބުނާ ބަހުގެ މައްޗަށް ގޮތް ނިންމޭނީ އެ ބަހަކީ އާދަޔާ ޚިލާފަށް ތެދުކަން ކަށަވަރު ވެގެން ކަމަށްވެސް ހުކުމްގައިވެއެވެ.
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
ޖިންސީ ގޯނާގެ މައްސަލަތަކުގައި ހައި ކޯޓުން ހެކި ވަޒަންކުރި ގޮތް ގޯސް ކަމަށް ކަނޑައަޅައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ