ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގެ ޓެރަރިސްޓް ގުރޫޕްތަކުގެ ލިސްޓުން ފަލަސްތީނުގެ ހަމާސް ޖަމާއަތް އުނިކުރުމަށް އީޔޫގެ ދެވަނައަށް އެންމެ މަތީ ކޯޓުން އަމުރު ކުރިނަމަވެސް އެ ޖަމާއަތާ ދެކޮޅަށް ފިޔަވަޅުތަށް އަޅަމުން ގެންދިޔުމަށް އެމެރިކާއިން އީޔޫއަށް ގޮވާލައިފިއެވެ.
ޓެރަރިސްޓް ގުރޫޕްތަކުގެ ލިސްޓުން ހަމާސް އުނިކުރުމަށް އީޔޫގެ ޖެނަރަލް ކޯޓުން އަމުރެއް ނެރެފައިވަނީ މީގެ ހަތަރު އަހަރު، އެ ލިސްޓުން އުނިކުރުމަށް އެދި ހަމާސް އިން އެ ކޯޓަށް ހުށަހެޅި މައްސަލާގައި ހުކުމް އިއްވަމުންނެވެ.
މި ހުކުމް އިއްވާފައިވަނީ ހަމާސް ޖަމާއަތުގެ ހަރާކަތްތަކުގެ މައްޗަށް ބިނާކޮށްފައި ނޫން ކަމަށާއި މި ހުކުމް އިއްވާފައިވަނީ 2003 ވަނަ އަހަރު އެ ޖަމާއަތަށް އަދަބުދިން އިރު ޝަރީއަތް ހިނގާފައިވާ ގޮތުގެ މައްޗަށް ބިނާކޮށް ކަމަށް އެމެރިކާއިން ބުނެއެވެ.
އެމެރިކާގެ ސްޓޭޓް ޑިޕާޓްމެންޓްގެ ތަރުޖަމާނު ޖެން ސާކީ ވިދާޅުވީ ހަމާސްއާ ގުޅުން ހުރި މައްސަލަތަކުގައި އީޔޫއާ ގުޅިގެން ވަރަށް ގާތުން މަސައްކަތްކުރަމުން ގެންދާނެ ކަމަށާއި އަދި އީޔޫއިން ކުރިއެކޭ އެއްގޮތަށް ހަމާސްއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތަށް އަޅަމުންގެންދާނެ ކަމަށް އުއްމީދުކުރާ ކަމަށެވެ.
"އީޔޫގެ ކޯޓުން ކޮންމެ ގޮތަކަށް ނިންމިއަސް އެމެރިކާއިން ހަމާސްއާ މެދު ދެކޭގޮތެއް ބަދަލެއް ނުވާނެ. އަހަރުމެން އަބަދުވެސް ދެކޭނީ ހަމާސްއަކީ ޓެރެރިސްޓް ޖަމާއަތެއްގެ ގޮތުގަ" ސާކީ ވިދާޅުވިއެވެ.
ކޯޓުގެ އަމުރާ ގުޅިގެން އީޔޫއިން ބުނެފައިވަނީ އެ އަމުރު މިހާރު ދިރާސާކުރަމުން އަންނަ ކަމަށާއި އަދި އިސްތިއުނާފް ކުރަން ޖެހިއްޖެ ހާލަތެއްގަ އިސްތިއުނާފު ވެސް ކުރާނެ ކަމަށެވެ.
ޓެރަރިސްޓް ގުރޫޕެއްގެ ގޮތުގައި އީޔޫއިން އެންމެ ފުރަތަމަ 2002 ވަނަ އަހަރު އީޔޫއިން ލިސްޓްކޮށްފައިވަނީ ހަމާސްގެ ހަތިޔާރު އެޅި ގޮފި އަލް-ގައްސާމް ބްރިގޭޑްސްއެވެ. ނަމަވެސް 2003 ވަނަ އަހަރު އީޔޫއިން ވަނީ ހަމާސްއިން ދިން ހަމަލާތަކަކާއި ގުޅިގެން މުޅި ހަމާސް އެ ލިސްޓުގައި ހިމަނާފައެވެ.
އީޔޫގެ މަތީ ކޯޓަކުން، ހަމާސް އާއި އެއްކޮޅަށް އަމުރެއް ނެރެފައިވާއިރު އީޔޫގެ ގިނަ ގައުމުތަކަކުން އަންނަނީ ފަލަސްތީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައިވެސް ބަލައިގަންނަމުންނެވެ.
ކޯޓުން އަމުރުކުރި ނަމަވެސް ހަމާސްއާ ދެކޮޅަށް ފިޔަވަޅު އެޅުމަށް އެމެރިކާއިން ގޮވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ