ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކުރަންޖެހޭ: ގާސިމް އިބްރާހިމް

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އެކުލެވިގެންވާގޮތް ބަދަލުކުރަންޖެހޭކަމަށާ ޖުޑީޝަރީ ސިޔާސީ ނުފޫޒުން މިނިވަންކުރުމަކީ އެންމެ އިސް އެއް މަސައްކަތްކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ގާސިމް އިބްރާހިމް ވިދާޅުވީ ރާއްޖޭގެ ޖުޑީޝަރީ ސިޔާސީ ނުފޫޒުން މިނިވަންކުރެވޭނީ، ގާނޫނު އަސާސީގައި ފަނޑިޔާރުން މިނިވަންކުރުމަށް އޮންނަ މިނިވަން މުއައްސަސާ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އެކުލެވިގެންވާގޮތް ބަދަލުކޮށް، އެ މުއައްސަސާ ސިޔާސީ ނުފޫޒުން މިނިވަންކުރެވިގެންކަމަށެވެ.
ގާނޫނު އަސާސީގެ 158 ވަނަ މާއްދާ އިސްލާހުކުރުމަކީ އެމަނިކުފާނުގެ ޖުޑީޝަލް ރިފޯމް އެޖެންޑާގެ އެންމެ އިސް މަސައްކަތްކަމަށްވެސް ގާސިމް ވިދާޅުވިއެވެ.
އެގޮތުން ގާސިމް އިބްރާހިމް ވަނީ ގާނޫނޫ އަސާސީގެ 158 ވަނަ މާއްދާ އިސްލާހުކުރުމަށް އެމަނިކުފާނަށް ފެނިވަޑައިގަންނަވާގޮތްވެސް ހިއްސާކުރައްވާފައެވެ. ގާނޫނު އަސާސީގެ 159 ވަނަ މާއްދާގައި ބުނެފައިވާ ގޮތުން ޖޭއެސްސީ އެކުލެވިގެން ވަނީ 10 މެމްބަރުންގެ މައްޗަށެވެ.
ގާސިމް ވިދާޅުވީ އެ މާއްދާގައިވާ ކޮމިޝަންގެ މެންބަރުންގެ އަދަދު 10ކުން 7ކަށް މަދުކުރަން ޖެހޭކަމަށެވެ. އަދި އެ މާއްދާގައި ބުނާ ތިން އަކުރެއް އުނިކުރަންޖެހޭކަމަށްވެސް ގާސިމް ވިދާޅުވިއެވެ.
އެގޮތުން ޖުޑީޝަލް ސާވިސް ކޮމިޝަން ހިމެނެންޖެހޭކަމަށް މިހާރު 158 ވަނަ މާއްދާގައި ބުނާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން އެ ކޮމިޝަނަށް ކަނޑައަޅާ މެންބަރާއި، ސިވިލްސާރވިސް ކޮމިޝަންގެ ރައީސާއި، ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ މީހާ ބަޔާންކުރާ ތިން މާއްދާކަމަށްވާ ބ،ކ،އ އުނިކުރަންޖެހޭކަމަށް ގާސިމް ވަނީ ވިދާޅުވެފައެވެ.
ޖޭއެސްސީގެ މެންބަރު ކަމަށް ބޭފުޅުން އައްޔަންކުރަނީ ފަސް އަހަރުގެ މުއްދަތަކަށެވެ. ނަމަވެސް މިހާރު ޖޭއެސްސީއަށް މެންބަރުން އައްޔަންކުރުމަށް ގާނޫނުގައި ކަނޑައަޅާފައިވާ އުސޫލުތަކާއިމެދު ގާނޫނީ ވަކީލުންނާއި، ސިޔާސީ ބޭފުޅުންވެސް ގެންދަވަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
އެގޮތުން މިހާރު ޖޭއެސްސީ އެކުލެވިގެންވަނީ މިނިވަންކަމާއިއެކު މަސައްކަތްކުރުމަށް މަގުފަހިވާގޮތަށް ނޫންކަމަށް އެ ބޭފުޅުން ފާހަގަކުރައްވައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ