"ރައީސް މައުމޫން ހުންނެވީ ހަމަ ގަދަކޮށް"

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރުމަށްފަހު ފުލުހުން ހައްޔަރުކޮށްފައިވާ ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން އަބުުދުލް ގައްޔޫމް ހުންނެވީ ހެޔޮހާލުގައި ގަދަކޮށްކަމަށް އެމަނިކުފާނުގެ ގާނޫނީ ވަކީލު އަލްއުސްތާޛު ހުސައިން ޝަމީމު ވިދާޅުވެއްޖެއެވެ.
ޝަމީމު މިހެން ވިދާޅުވީ ޖަލަށް ވަޑައިގެން ރައީސް މައުމޫނާއި ބައްދަލުކުރެއްވުމަށްފަހު ކުރައްވާފައިވާ ޓްވީޓެއްގައެވެ.
ހުސައިން ޝަމީމު ވިދާޅުވީ "ރައީސް މައުމޫން ހުންނެވީ ހަމަ ގަދަކޮށް"ކަމަށެވެ.
ރައީސް މައުމޫނާއި ބައްދަލުކުރުމުގެ ފުރުސަތު އެމަނިކުފާނުގެ ވަކީލުންނަށް ލިބިފައިމިވަނީ އެ ފުރުސަތު ދިނުމަށް ކަރެކްޝަނަލް ސާރވިސްއިން މީގެ ކުރިން ދެކޮޅު ހެދުމުން ގިނަ ބައެއްގެ ފާޑުކިޔުން އެ މުއައްސަސާއަށް އަމާޒުވެފައިވަނިކޮށެވެ. ފުރުސަތު ދެއްވި ނަމަވެސް ރައީސް މައުމޫނާ ބައްދަލުކުރައްވަން ވަކީލުން ވަޑައިގެން މާފުށީގައި 2 ގަޑިއެއް ހާއިރުގެ އިންތިޒާރެއް ކުރައްވަން ޖެހިވަޑައިގެންނެވި ކަމަށެވެ.
ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާން ކޮށްފައި ވަނިކޮށް ރައީސް މައުމޫން ހައްޔަރުކޮށްފައިވަނީ އެމަނިކުފާނަށް ގިނަ ތުހުމަތުތަކެއް ކުރުމަށް ފަހުއެވެ.
މައުމޫންގެ މައްޗަށް ފުލުހުން ކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތުދީ، ގާނޫނާ ޚިލާފަށް ވެރިކަން ބަދަލުކުރުމަށް މަސައްކަތް ކުރެއްވުމާއި، ފަނޑިޔާރުންގެ މަސައްކަތަށް ނުފޫޒު ފޯރުއްވައި، ވަކިގޮތަކަށް ހުކުމްތައް ނެރުމަށް ފަނޑިޔާރުންނަށް ރިޝްވަތުގެ ގޮތުގައި ފައިސާ ދެއްވުމާއި، ސަލާމަތީ ބާރުތަކުގެ ތެރޭގައި ބައިބައިވުން އުފައްދައި ސަރުކާރާ ދެކޮޅަށް ސަލާމަތީ ބާރުތައް ނުކުތުމަށް ހިތްވަރު ދެއްވައި އެކަމަށް ރޭވުންތައް ރޭއްވެވުމުގެ ތުހުމަތުތަކެކެވެ.
އެހެން ނަމަވެސް މިވާހަކަތަކަކީ ސިޔާސީ ވާހަކަތަކެއްކަމަށް ވިދާޅުވެ އެ ތުހުމަތުތަކަށް މައުމޫން ވަނީ އިންކާރުކުރައްވާފައެވެ.
އަދި އެމަނިކުފާނު ހިފާ ހައްޔަރުކޮށް ޖަލުގައި ބަންދުކޮށްފައިވަނީ ގާނޫނާއި ޚިލާފަށްކަމަށާއި އަދި މީގެކުރިންވެސް މި ސަރުކާރުން އެމަނިކުފާނު ހައްޔަރުކުރުމަށް މަސައްކަތް ކުރެއްވިކަމަށެވެ. ނަމަވެސް އެފަހަރު ކޯޓުން އަމުރު ނުލިބުނީ އެމަނިކުފާނު ކުށެއް ކުރައްވާފައިނުވާތީކަމަށްވެސް ރައީސް މައުމޫން ވިދާޅުވިއެވެ.
ރައީސް މައުމޫން ވިދާޅުވީ އެމަނިކުފާނު ހައްޔަރުކުރެވޭނެ ގޮތެއް ނެތިގެން އެންމެ ފަހުން އެކަމަށް މަގުފަހިކުރީ ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްގެން ކަމަށެވެ.
ރައީސް މައުމޫނަށް މިސަރުކާރުން ފުރައްސާރައާއި ޖެއްސުންކުރަން ފެށީ އެމަނިކުފާނަށް ރައްޔިތުންގެ މެދުގައި އޮތް ތާއީދާއި ލޯބި ބޭނުންކޮށްގެން ވެރިކަމަށް ގެންނެވި ރައީސް އަބުދުﷲ ޔާމީނަށް ދެން ދުވަހަކުވެސް ތާއީދުނުކުރައްވާނެކަމަށާ އަދި ރައީސް ޔާމީން ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރެވުނީތީ ހިތާމަކުރައްވާ އެކަމަށް ރައްޔިތުންގެ ކިބައިން މައާފަށް އެދިވަޑައިގަތުމުންނެވެ.
ރާއްޖޭގައި 30 އަހަރު ވެރިކަން ކުރެއްވި ރައީސް މައުމޫން ވަނީ ވެރިކަމަށް ވަޑައިގަތުމުގެ ކުރިން ދެ ފަހަރެއްގެ މަތިން ޖަލުގައި ހޭދަކުރައްވާފައެވެ. އެދުވަސްތަކަށް އިޝާރާތް ކުރައްވަމުން އެމަނިކުފާނު މިފަހުން ގުޅިފައިވާ ސިޔާސީ ޕާޓީތަކާއިއެކު ފެއްޓެވި އިސްލާހީ މަސައްކަތުގެ ތެރޭގަގައި އެމަނިކުފާނު ވަނީ ޖަލަށްލައްވަފާނެތީ ބިރުފުޅު ނުގަންނަކަމަށާ އެއީ އައުކަމެއް ނޫންކަމަށް ވިދާޅުވެ އެމަނިކުފާނުގެ ހުންނެވި ސާބިތުކަން ހާމަކޮށްދެއްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ