ޑރ. އަހުމަދު ރިޔާޒް ޖުމްހޫރީ ޕާޓީއާއި ގުޅިވަޑައިގެންފި

އެޑިއުކޭޝަން މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު ޑރ. އަހުމަދު ރިޔާޒް ޖުމްހޫރީ ޕާޓީއާއި ގުޅިވަޑައިގެންފިއެވެ.
ޖުމްހޫރީ ޕާޓީގެ މައި އޮފީސް، މިއަދު މެންދުރު ފަހު ބޭއްވި ރަސްމިއްޔާތެއްގައި ޑރ ރިޔާޒް ވަނީ އެނާގެ މެމްބަރޝިޕް ފޯމު އެޕާޓީގެ ނާއިބު ލީޑަރު އަބްދުﷲ ރިޔާޒާއި ހަވާލުކުރައްވާފައެވެ.
ޑރ. ރިޔާޒް ޖޭޕީއާ ގުޅިވަޑައިގަތުމުން ނައިބް ލީޑަރު އަބްދުﷲ ރިޔާޒު ވަނީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ނަންފުޅުގައި އޭނައަށް މަރުހަބާ ވިދާޅުވެފައެވެ.
ޖުމްހޫރީ ޕާޓީގެ ހިންގުން ހަރުދަނާ ކުރުމަށް ޚާއްސަ މަސައްކަތްތަކެއް ފަށާފައިވާއިރު އެކި ދާއިރާތަކުގައި މަސައްކަތް ކުރައްވާ ބޭބޭފުޅުން ގެންދަވަނީ އެޕާޓީއާ ގުޅިވަޑައިގަންނަވަމުންނެވެ. އެގޮތުން ދާދި ފަހުން ކުރީގެ ނާއިބް ރައީސް ޑރ. މުހަންމަދު ޖަމީލު އަހްމަދާއި އޭނާގެ ޓީމް ވެސް ވަނީ ޖުމްހޫރީ ޕާޓީއާއި ގުޅިވަޑައިގެންފައެވެ.
ކުރީގެ ނާއިބް ރައީސް މުހަންމަދު ޖަމީލު އަހްމަދު ޖުމްހޫރީ ޕާޓީއަށް ސޮއި ކުރައްވާފައިވަނީ، ބޭސްފަރުވާއަށް މިވަގުތު ޖަރުމަނުވިލާތުގައި ހުންނެވި ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމްގެ ހާޟިރުގައި، ފްރެންކްފަރޓްގައި މިމަހުގެ 10 ވަނަ ދުވަހު އެވެ. އެދުވަހުގެ ރަސްމިއްޔާތުގައި ޑރ. ޖަމީލުގެ އިތުރުން، މި ސަރުކާރުގެ ކުރީގެ ޔޫތު މިނިސްޓަރ މުހަންމަދު މަލީހު ޖަމާލާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ކުރީގެ މިނިސްޓަރ އަބްދުﷲ އަމީނާއި، މިނިސްޓްރީ އޮފް ޑިފެންސްގެ ކުރީގެ ސްޓޭޓް މިނިސްޓަރ މުހަންމަދު އަހްމަދު މަނިކާއި، އެމް.އެން.ޑީ.އެފްގެ މެޑިކަން ޑޮކްޓަރެއްގެ ގޮތުގައި ކުރިން މަސައްކަތް ކުރެއްވި ޑރ. ޝާހު މާހިރުވެސް ޖޭޕީއަށް ވަނީ ސޮއި ކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ