ވިލާގެ ރިސޯޓްތަކަށް ގެއްލުންް ދިނަސް ގާސިމް ފަހަތަކަށް ނުޖެއްސޭނެ: ޝިފާޒު

ވިލާގެ ރިސޯޓްތަކަށް ދައުލަތުގެ ބައެއް މުއައްސަސާތަކުގެ ބޭފުޅުން އަރައި ޣައިރު ގާނޫނު އަމަލުތަކެއް ހިންގައިގެން ވިލާ ގުރޫޕްގެ ޗެއާމަން އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ދިވެހި ރައްޔިތުންގެ ހައްގުގައި ކުރައްވާ މަސައްކަތް ހުއްޓުވާލަން މަސައްކަތް ކުރި ނަމަވެސް އެކަން ކާމިޔާބު ނުކުރެވޭނެ ކަމަށް އިދިކޮޅު އެމްޑީޕީން ބުނެފި އެވެ.
އެމްޑީޕީގެ ފަރާތުން އެޕާޓީގެ ނައިބް ރައީސް މުހައްމަދު ޝިފާޒު މިހެން ވިދާޅުވެފައި މިވަނީ ވިލާގެ ރިސޯޓްތަކަށް ކަސްޓަމްސްއާއި ފުލުހުންނާއި އަދި މީރާގެ އޮފިސަރުން އަރައި ބަލައި ފާސްކުރަމުންދާ މައްސަލާގައި ގުޅިފައިވާ ޕާޓީ ތަކުން މިއަދު ކުނޫޒުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ.
ޝިފާޒު ވިދާޅުވީ ދައުލަތުގެ ބައެއް މުއައްސަސާތަކުގެ ބޭފުޅުން ވިލާގެ ރިސޯޓްތަކަށް އަރައި ހިންގަމުން ގެންދާ އަމަލުތަކަކީ އެކަން ކުރަން ކުރަންޖެހޭ ގޮތަކަށް ކަންކަން ކުރެވިގެން ހިންގަމުން ގެންދާ އަމަލުތަކެއް ނޫން ކަމަށެވެ. ދައުލަތުގެ ބައެއް މުއައްސަސާތަކުން ހިންގާ މިފަދަ އަމަލުތަކާއި ގުޅިގެން ގެއްލުންވަނީ ހަމައެކަނި ވިލާ ގުރޫޕަށް ނޫން ކަމަށާއި މިކަމުގެ ގެއްލުން ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ މުޅި ސިނާއަތަށް ކުރާނެތީވެ އެއީ ވަރަށް ބޮޑަށް ކަންބޮޑުވާ ކަމެއް ކަމަށްވެސް ވިދާޅުވި އެވެ.
ވިލާ ގުރޫޕްގެ ރިސޯޓްތަކަށް ދައުލަތުގެ ބައެއް މުއައްސާތަކުގެ ބޭފުޅުން އަރައި ހިންގަމުން ގެންދާ އަމަލުތަކަކީ ހަމައެކަނި ވިލާގެ ރިސޯޓްތަކަށް އަމާޒުކޮށް ހިންގާ ކަމެއް ނޫން ކަމަށް މުއައްސަސާތަކުން ބުނިނަމަވެސް ކަންހިނގާ ގޮތަށް ބަލާއިރު މިކަަމަކީ ސީދާ ގާސިމް އިބްރާހީމަށް އަމާޒުކޮށް ހިންގާ ކަންތައްތަކެއް ކަން އެނގޭ ކަމަށްވެސް ޝިފާޒު ވިދާޅުވި އެވެ. ގާސިމަށް އަމާޒުކޮށް މިފަދަ ޖަރީމާތައް ހިންގަނީ އެމަނިކުފާނު ދިވެހި ރައްޔިތުން ހައްގުގައި ކުރައްވާ މަސައްކަތް ރައީސް އަބްދުﷲ ޔާމީނަށް ބަލައިނުގަނެވިގެން އެކަން ހުއްޓުވަން ކަމަށްވެސް ވިދާޅުވި އެވެ، ނަމަވެސް ޝިފާޒު ވިދާޅުވީ ދިވެހި ރައްޔިތުންގެ ހައްގުގައި ގާސިމް ކުރައްވާ މަސައްކަތް ހުއްޓުވާލެވިދާނެ ކަމަށް ރައީސް ޔާމީނަށް ހީފުޅުވި ނަމަވެސް އެ މަގުސަދު ހާސިލް ނުވާނެ ގާސިމް އިބްރާހީމް ފަހަތަށް ނުޖެއްސުވޭނެ ކަމަށެވެ.
ޝިފާޒު ވިދާޅުވީ ގާނޫނު ތަންފީޒު ކުރަނީ ކަމަށް ވިދާޅުވެ ދައުލަތުގެ މުއައްސަސާތައް ބޭނުންކުރައްވައިގެން ރައީސް ޔާމީން ހިންގަވަނީ ޖަރީމާތަކެއް ކަމަށެވެ. އެހެންކަމުން ރައީސް ޔާމީންގެ ސަރުކާރުން ގާސިމް އިބްރާހީމާއި ދެކޮޅަށް ވަކިން ހާއްސަކޮށް ފަތުރުވެރިކަމުގެ ދާއިރާއަށް ގެއްލުންވާ ގޮތަށް މިހިންގާ އަމަލުތަކާ ދެކޮޅަށް މަޓީއައި، މަޓާޓޯއާއި، ވިޔަފާރިވެރިންގެ ޖަމިއްޔާއިން އެބޭފުޅުންގެ ބަސް އިއްވަން ޖެހޭ ކަމަށްވެސް ވިދާޅުވި އެވެ.
ސަރުކާރުން މިހިންގާ ޖަރީމާތަކުން މިއަދު ގެއްލުންވަނީ ގާސިމަށް ކަމަށްވެދާނެ ކަމަށާއި ނަަމަވެސް މާދަމާ ރައީސް ޔާމީން ހިތްޕުޅާނުވާ ކޮންމެ ރިސޯޓް އޯނަރަކަށް ވެސް މިޖަރީމާތަކާ ކުރިމަތިލާންޖެހިދާނެ ކަމަށްވެސް ޝިފާޒު ވިދާޅުވި އެވެ. އެހެން ބައިގަރުނުވުމާ ގާތަށް ގޮސްފައިވާ ރާްއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ ރައްކާތެރިކަމަށް މިއަދު ކުރިމަތިވެފައި މިވާ މައްސަލަތަކާ މެދު ކަންބޮޑުވާ ކަމަށްވެސް ވިދާޅުވި އެވެ. އެހެންކަމުން ރައީސް ޔާމީންގެ އަވައިގައި ޖެހިގެން ނުވަތަ ސިޔާސީ ނުފޫޒުގައި ޖެހިގެން ޣައިރު ގާނޫނީ އަމަލުތައް ހިންގާ ފަރާތްތަކުން އެފަދަ އަމަލުތައް ހިންގުން ހުއްޓާލުމަށްވެސް ޝިފާޒު ވަނީ އެދިވަޑައިގެންފަ އެވެ.
ޝިފާޒު ވިދާޅުވީ މިއަހަރަކީ ރިޔާސީ އިންތިހާބު އޮންނަ އަހަރު ކަމަށްވާތީ މިއީ ރައްޔިތުންނަށް އުއްމީދީ އަހަރެއް ކަމަށެވެ. އިންތިހާބަށް ފަހު ރައީސް ޔާމީންގެ އަނިޔާވެރިކަމުން ދިވެހިން ސަލާމަތްކޮށް ދެން އަންނަ ސަރުކާރަކުން ވިޔަފާރިތައް ހިމާޔަތްކޮށް ރައްކާތެރިކޮށްދޭނެ ކަމަށްވެސް ވިދާޅުވި އެވެ. މުއައްސަސާތައް އަމިއްލަ ބޭނުމަށް ގުރުބާން ކުރާ ފަރާތްތަކުން އެކަން ހުއްޓާނުލައިފިނަމަ އެކަންކަމުގައި ބައިވެރިވި ފަރާތްތައް ދެން އަންނަ ސަރުކާރެއްގައި ގާނޫނުގެ ކުރިމައްޗަށް ގެންނާނެ ކަމަށްވެސް ވިދާޅުވި އެވެ.
ޝިފާޒު އިތުރަށް ވިދާޅުވީ ގާސިމް އިބްރާހީމާއި ވިލާ ގުރޫޕަށް ގެއްލުންތަކެއް ދިން ނަމަވެސް ގުޅިފައިވާ ޕާޓީ ތަކުގެ މަސައްކަތްތައް ހުއްޓުވާނުލެވޭނެ ކަމަށާއި ދެން މިމަސައްކަތް ކުރިއަށް ވުރެ އިތުރުވެގެންދާނެ ކަމަށެވެ. އެގޮތުން ސަރުކާރުން ރައްޔިތުންގެ މުދާ ފޭރުމާ ދެކޮޅަށް މިއަދު އިހްތިޖާޖުކޮށް އަޑުއުފުލާނެ ކަމަށްވެސް ޝިފާޒު ވަނީ ވިދާޅުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ