ވިލާގެ މުވަޒަފުންގެ ހައްގުގައި ދާއިރާގެ މަސައްކަތެރިން ނުކުންނަން ވެއްޖެ - ޓީމް

ވިލާގެ ރިސޯޓުތަކާ މެދު ސަރުކާރުގެ މުއައްސަސާތަކުން އަމަލު ކުރަމުންދާ ގޮތުން އެތައް ޒުވާނުންގެ ވަޒީފާ ގެއްލި މަގުމަތިވެދާނެ ކަމަށް ބުނެ ވިލާގެ އެ މުވައްޒަފުންގެ ހައްގުގައި ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ މުވައްޒަފުން ތެދުވުމަށް ޓޫރިޒަމް އެމްޕްލޯއީސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން(ޓީމް) ގޮވާލައިފިއެވެ.
ވިލާގެ ރިސޯޓުތަކަށް އަރާ ސަރުކާރުގެ މުއައްސަސާތަކުން ހިންގަމުންދާ ޖަރީމަތައް ކުށްވެރިކޮށް މިއަދު ޓީމްއިން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ ސަރުކާރުގެ އިދާރާތަކުން މިހާރު ކުރަމުންދާ ކަންތައްތަކުގެ ސަބަބުން ވިލާގެ ރިސޯޓުތައް ހުއްޓުމަކަށް އަތުވެެދާނެ ކަމަށް އެ ރިސޯޓުތަކުގެ މެނޭޖުމެންޓުތަކުން ބުނަމުންދާ ކަމަށާއި އެހެން އެކަން ވެއްޖެ ނަމަ ރިސޯޓުތަކުގެ މުވައްޒަފުންނާއި އެ ރިސޯޓުތަކާ ގުޅިފައިވާ ކުދި ވިޔަފާރިތަކަށް ބޮޑު ގެއްލުމެއް ކުރިމަތިވާނެ ކަމަށެވެ.
އަދި ސަރުކާރުގެ އަމަލުތަކުގެ ސަބަބުން އެތައް މުވައްޒަފުންނަކަށާއި ފަތުރުވެރިކަމުގެ ސިނާއަތަށް ގެއްލުންވަމުންދާ އިރު އެކަން އެމަގުން ހިނގާތަން ބަލަން ރައްޔިތުން ތިބެގެން ވާން ނެތް ކަމަށާއި ހުރިހާ ވިލާގެ މުވައްޒަފުންގެ ހައްގުގައި ހުރިހާ މަސައްކަތްތެރިން ތެދުވުމަށްވެސް އެ ބަޔާނުގައި ވަނީ ގޮވާލާފައެވެ.
ޓީމް އޮތީ މަސައްކަތްތެރިންގެ ހައްގުގައި ކުރަން ޖެހުނު ކޮންމެ ކަމެއް ކުރުމަށް ތައްޔާރަކަން އެ އެސޯސިއޭޝަންގެ ބަޔާނުގައި ވަނީ ހާމަކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ