އަބްދުﷲ ސައީދާއި އަލީ ހަމީދު އަދި ހަސަން ސައީދަށް އިތުރު ކުންފުންޏަކުން ގިނަ އަދަދެއްގެ ޑޮލަރުތަކެއް ދިން: ފުލުހުން

އަގުބޮޑެތި ފުލެޓްތަކެއް ގަތުމަށް އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު މުހައްމަދު އަދި ޖުޑިޝަލް އެޑްމިނިސްޓްރޭޓަރު ހަސަން ސައީދު ހުސައިން އަށް އިތުރު ކުންފުންޏަކުން ގިނަ އަދަދެއްގެ ޑޮލަރުތަކެއް ގަތް ދިން ކަމަށް ފުލުހުން ބުނެފި އެވެ. ގާނޫނީގޮތުން އުފެދިފައިވާ ސަރުކާރު ވައްޓާލަން އުޅުނު މައްސަލާގައި ފުލުހުން ހިންގާ ތަހުގީގާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް މިއަދު އިސްކަންދަރު ކޮށީގައި ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ފުލުހުންގެ ތަރުޖަމާން ސުޕްރިންޓެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވީ، އަބްދުﷲ ސައީދާއި އަލީ ހަމީދު އަދި ހަސަން ސައީދަށް ގިނަ އަދަދެއްގެ ޑޮލަރު ދިނީ ދިވެހި ބޮޑު ކުންފުންޏަކުން ކަމަށެވެ. ނަމަވެސް އެއީ ކޮން ކުންފުންޏެއް ކަމެއް އަދި އެ ތިން ބޭފުޅުންނަށް ދީފައިވަނީ ކިހާ ޑޮލަރެއް ކަމެއް ޝިފާން ވިދާޅެއް ނުވެއެވެ. އޭނާ ވިދާޅުވީ، ތުހުމަތުތަކެއް އެކުލެވޭ ގޮތަށް އެ ތިން ބޭފުޅުންނަށް ލިބިފައިވާ ކަމަށް ނުވަތަ ޑޮލަރުތައް ދިން ކުންފުނިން ދިން ފައިސާ ހޯދާފައިވާ ކަމުގެ ޑޮކިއުމެންޓަރީ އެވިޑެންސް ފުލުހުންނަށް ލިބިފައިވާ ކަމަށެވެ. ފުލުހުން މީގެ ކުރިން ވަނީ، ފަނޑިޔާރު އަލީ ހަމީދަށް ރާއްޖޭގެ ވިޔަފާރި ކުރަމުން އަންނަ ބިޔަ ކުންފުންޏަކުން 2.4 މިލިއަން ޑޮލަރުގެެ ލޯނު އެހީއެއް ދީފައިވާކަމުގެ ކިތާބީ ހެކި ލިބިފައިވާ ކަމަށް ބުނެފައެވެ. ނަމަވެސް އެއީ ކޮން ކުންފުންޏެއް ކަމެއް ފުލުހުން މިހާތަނަށްވެސް ހާމަކޮށްފައިނުވާއިރު އެއީ ވިޔަފާރިވެރިޔާ އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ "ވިލާ" ކުންފުނިން ކަން ސަން އަށް އެނގިފައެވެ. ނަމަވެސް އެ ތުހުމަތުތަށް ގާސިމް ވަނީ ވަރަށް ފަހުން ދޮގު ކޮށްފައެވެ. ޕްރެސް ކޮންފަރެންސްގައި ޝިފާން އިތުރަށް ވިދާޅުވީ، ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތަހުގީގުގައި، ހައްޔަރުކޮށްފައި ތިބި ބައެއް ބޭފުޅުންގެ ބައެއް މުއާމަލާތްތަކެއް ރާއްޖޭން ބޭރުގައި ހުރުމުން ރާއްޖޭން ބޭރަށް ފުލުހުން ފޮނުވައިގެން ވެސް ތަހުގީގު ކުރަމުންދާ ކަމަށެވެ. އެގޮތުން ރާއްޖޭން ބޭރުގައި ދިވެހި ފުލުހުން ކުރަމުންދާ މަސައްކަތްތަކުގައި، ރާއްޖޭން ބޭރުން މީގެ ތެރެއިން ބައެއް ބޭފުޅުން ގަނެފައިވާ ފްލެޓްތަކާއި ހޯދަންޖެހޭ ހޯދުންތައް ހޯދަމުންދާ ކަމަށް ވިދާޅުވި އެވެ. އެގޮތުން ކުރި މަސައްކަތުން ހައްޔަރުގައި ތިބި ބައެއް ބޭފުޅުންނާއި ގުޅުންހުރި މުހިއްމު ބައެއް ސާމާނާއި މައުލޫމާތު ލިބިފައިވާކަން ފާހަގަކުރައްވާ ޝިފާން ވިދާޅުވީ، ތަހުގީގު ތެރެއިން ރާއްޖޭން ބޭރުން އެކަންކަން ކުރެވިފައިވާ ގޮތް ކަށަވަރު ކުރެވިފައިވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ